ދިރާގު

ދިރާގުން އަމާން ވެށި އަދި އަމާން ހިޔާއަށް އެހީތެރިކަން ފޯރުކޮށްދީފި

Aug 24, 2023

ޖެންޑާ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓާސް -- އެފްސީއެސްސީތަކުގެ ދަށުން ހިންގާ އަމާން ވެށި އަދި އަމާން ހިޔާއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ -- ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ވެދޭ މި އެހީގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ކިޔެވުމަށް އެހީތެރިވުމުގެ ގޮތުން ހަލުވި ސްޕީޑްގައި ދިރާގު އިންޓަނެޓް ފޯރުކޮށްދޭނެ އެވެ. އޭގެ ތެރޭގައި ބ. އޭދަފުށި، ށ. ފުނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ނ. މަނަދޫ، ޅ. ނައިފަރު، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ހިންގާ އެފްސީއެސްސީތައް ހިމެނެ އެވެ.

ދިރާގުން ބުނި ގޮތުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު އެ ކުންފުނީގެ އަމާޒަކީ 10 އެފްސީއެސްސީގައި ތިބި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، އެކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމާއި ރާއްޖޭގެ ޑިޖިޓަލް ލިޓަރަސީ ކުރިއެރުވުމަށް މަސައްކަތް ކުރުމަށެވެ.

ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން އެކުންފުނިން ވަނީ ފާއިތުވި އަހަރުތަކުގައިވެސް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތި ފަދަ ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންނަށް އަޅާލާ ތަންތަނަށް އެކި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެގޮތުން ކުޑަކުދިންގެ ހިޔާއަށް އިންޓަނެޓް ފޯރުކޮށްދިނުމާއި ކޮމްޕިއުޓާ ސިސްޓަމްތައް ހަދިޔާ ކުރުމާއި އެ ސެންޓަރުގެ ކޮމްޕިއުޓާ ލެބާއި ލައިބްރަރީ ގާއިމްކުރުން ހިމެނެ އެވެ.

ކުޑަކުދިންނާއި ޒުވާނުންނަށް އެހީތެރިވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސެވެ. އެގޮތުން އެކުންފުނިން ދަނީ މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމް ބޭސްޑް ސަޕޯޓު ފޯރުކޮށްދީ، މި ދާއިރާގައި މަސައްކަތް ކުރާ އެކި އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.