ޑރ. މުހައްމަދު މުއިއްޒު

މާބަނޑު މީހުންނާއި ކުޑަކުދިންނަށް ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓަލެއް އަޅާނަން: މުއިއްޒު

ވެރިކަން ލިބިވަޑައިގެންފިނަމަ މާބަނޑު މީހުންނާއި ކުޑަކުދިންނަށް ހާއްސަ ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކުރައްވާނެ ކަމަށް ޕީޕިއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މާބަނޑު މީހުންނާއި ކުޑަކުދިންނަށް ދެވޭ ފަރުވާ އަދި ފުރިހަމަ ނުވާ ކަމަށެވެ. އެމީހުންނަށް ފަރުވާ ދިނުމުގައި ރާއްޖޭގައި އެކަމަށް އެކަށީގެންވާ ހާއްސަ ނިޒާމެއް އެކުލަވާލަންޖެހޭ ކަމަށެެވެ.

"އިންޓާނޭޝަނަލް ފެންވަރުގައި އެންމެ ރަނގަޅު ފެންވަރުގައި ހިދުމަތް ދެވޭ މާބަނޑު މީހުންނާއި ކުޑަކުދިންގެ ހޮސްޕިޓަލެއް އިރާދަކުރެއްވިއްޔާ ރާއްޖޭގައި ގާއިމުކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހޮސްޕިޓަލް ވެގެންދާނީ މި ސަރަހައްދުގައި ވެސް ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށް ކަމަށެވެ.

މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ދިވެހި ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން ހޯދައިދިނުމަށްވެސް ވައުދުވެވަޑައިގެންފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ހިޔާ" މަޝްރޫއަކީ ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި ދައުލަތުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ވެސް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށެވެ.

"ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އޭގެ ބައެއް މަސައްކަތްތައް ވަނީ ހުއްޓުވާފައި،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިިދާޅުވީ ހިޔާ މަޝްރޫއަށް މިސަރުކާރުން ގެނައި ބަދަލާ އެކު ސަރުކާރުގެ އެތައް މުވައްޒަފަކު މަގުމަތިވެފައިވާ ކަމަށާއި އޭނާއަށް ވެރިކަން ލިބިއްޖެނަމަ ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދިން މީހުންނަށް އަލުން ފްލެޓް ހޯދައިދޭނެ ކަމަށެވެ.

"ހުސް ވައުދު ވަމުން ގޮސް ހަތަރު އަހަރު ފަސް ވަަނަ އަހަރު ނިމެނީ. އަދިވެސް އެއްކަލަ މުވައްޒަފުންނަކަށް ނުލިބުނު އެއްވެސް ކަހަލަ އުއްމީދެއް ނެތް،" އެމްޑިޕީގެ ސަރުކާރަށް ފާޑުކިޔުއްވާ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި މިފަދަ ހުރިހާ މުއައްސަސާތަކުގެ މުއައްޒަފުންނަށް ގެދޮރުވެރިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވާ އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ އެންމެ ބޮޑަށް ތަރައްގީވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އޭރު ގައުމަށް ގެނައި ތަރައްގީ މިސަރުކާރާ އެކު މަޑުޖެހިފައިވާ ކަމަށްވެސް ކަމަށެވެ.

"ޔަގީންކުރައްވާ، އަޅުގަނޑު މިވެނި ކަމެއް މިހެން ކޮށްދޭނަމޭ ދަންނަވައިފިއްޔާ އެކަން އެއީ ނަތީޖާ ނެރެދީ ދައްކުވާދޭނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ސެޕްޓެމްބަރު ނުވައެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އޭނާއަށް ވޯޓު ދީ ތަރައްގީގެ ހުރިހާ ކަމެއް އޭނާއަށް ހަވާލުކޮށްފިނަމަ އެކަމުގެ ފޮނި ނަތީޖާ ދިވެހި އެންމެ ރައްޔިތުންނަށް ލިބިގެން ދާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.