( 24 އޯގަސްޓް 2023 އާ ގުޅޭ )
އަހަރެން ކައިރީ މަޑުކޮށްލަން ބުނެފައި ފަޒީލުގެ ފަހަތުން ކަހަލަ ގޮތަށް ފަރީޝާ ނުކުތެވެ. މި މީހުން އަނެއްކާ ކަމެއް ރާވަނީބާއޭ ހިތަށް އެރިއެވެ. ހިސާބަކަށް އަހަރެން ހާސްވާގޮތްވިއެވެ. ނިކަން ސިއްރުން ގޮނޑި ފަހަތަށް ޖައްސާލާފައި އަހަރެން ތެދުވީމެވެ.
ބަދިގެއާއި ކާގެ ގުޅިފައި ހުރިއިރު އެބަޔަށް ވަދެވެން ހުރި ދޮރުގެ އިތުރުން އެ ގޭތެރެއިން ހަތަރު ދޮރެއް އަހަރެން ދުށީމެވެ. ޖެހިލުންވެ ހުރެ އަހަރެން ސިޓިންރޫމު ފެންނަ ހިސާބަށް އައީމެވެ. ދޮރުކައިރީ ބޭރު ދޮރޯށްޓާ ކުރިމަތިލައިގެން ފަޒީލު ހުއްޓެވެ. އޭނާގެ މަންމަ ފެންނާކަށް ނެތެވެ. ނަމަވެސް އެނބުރި ކާގެއަށް ވަންނަން ހިނގައި ގަންނަން އުޅެނިކޮށް ކޮޓަރިއަކުން ނުކުތްތަން ފެނުނީ ފަރީޝާއެވެ.
"އާނަ. އެކަނި އިންނަންވީމަތަ ތިއައީ." ފަރީޝާ ވާހަކަދެއްކިއެވެ. އެ އަޑު އިވި ދޮރުމަތީ ހުރި ފަޒީލު ވެސް ފަސްއެނބުރި އަހަރެންނަށް ބަލާލައިފިއެވެ. ބުނާނޭ އެއްޗެއް ނޭނގުމުން ހިނިތުންވެލީއެވެ.
ފަޒީލުގެ ކައިރީގައި މަޑުކޮށްލި ފަރީޝާ އަތުގައި އޮތް ވޮލެޓު ހުޅުވާލިއެވެ. ފައިސާ ނަގައި ފަޒީލުގެ އަތަށް ދެމުން އޭނާ އެ ބުނާ ސޯސް ފުޅި ހުންނާނެ އަގު ބުންޏެވެ. އޭނާގެ ޢަމަލުން އަހަރެންނަށް ސިފަވީ ފަރީޝާއަކީ ޚަރަދަށް ބަލާ އަންހެނެއް ކަމެވެ. ފައިސާ ހޭދަކުރުމުގައި އޭނާ ސަމާލުވާކަމެވެ. މަންމަ ދިން ރުފިޔާތައް ޖިންސުގެ އަރިމަތީ ޖީބަށް ކޮށްޕާލަމުން ފަޒީލު ހިނގައިގަތީ ގެއިން ނުކުންނާށެވެ.
"އާދޭ އާނަ." ފަރީޝާ އެތެރެއަށް ދަމުން ބުންޏެވެ.
އަހަރެން އައިސް ކާގެއަށް ވަދެ ކާމޭޒު ދޮށުގައި އިށީނީއެވެ. ފަރީޝާ އުޅުނީ މޭޒުމަތި ސާފުކޮށް އަހަރެމެން ސައިބުއި ތަށިތައް ނަގާށެވެ.
"އަހަރެންގެ ދަރީން ބުނި އާނަގެ އަމިއްލަ ކަންކަމާ ނުބެހޭށޭ. އެކަމަކު... އަހަރެންނަކީ އަންހެނެއް. މަންމައެއް. އަހަރެންގެ އަންހެން ދަރިއަކު ހުރިނަމަ އެ ގެސްޓްހައުސްގައި ހުންނާކަށް ޤަބޫލެއް ނުވެވޭނެ. އަދިއަމުދުން މި ރަށުތެރޭގައި އެ ގެސްޓްހައުސްއާ ގުޅިގެން ދައްކާ ވާހަކަތައް އާނިޔާއަށް އަޑު އިވިފައިވާނަމަ ހިޔެއްނުވޭ އެތާ ހުންނާނެހެން." ފަރީޝާގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އޭނާ ވާހަކަދެއްކިއެވެ.
"ކޮންމެވެސް ވަރަކަށް އަޑު އެހިން... އެއީ ތެދުވާހަކަތަކަކީތަ؟. ހަމައެކަނި ގެސްޓްހައުސްއެއްނޫން... މި ޢާއިލާއާ ބެހޭ ގޮތުން ވެސް ވާހަކަދައްކާ." އަހަރެން ބުނީމެވެ. ސިންކު ދޮށުގައި ހުރި ފަރީޝާގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އޭނާ ހިމޭންވެފައި ހުރީއެވެ.
"ފައިސަލް ކީއްވެ އަހަރެމެންނާއެކީ ސައިބޯން ނައީ." ފަރީޝާގެ ހިމޭންކަމުގައިވަނީ ނުތަނަވަސްކަމުގައި ވާނަމަ އެ ނުތަނަވަސްކަން އިތުރުކޮށްލުމުގެ ގަސްދުގައި އަހަރެން އެހީމެވެ.
"އާނިޔާގެ ރަޙުމަތްތެރިއަކީ މި ރަށު ސުކޫލުގެ ޕްރިންސިޕަލަށް ހުންނަ ޒަފަރު ގުޅިގެން އުޅޭ ކުއްޖާކަން އެނގުނީ އަދިކިރިޔާ. އެ ގޭ އެންމެ ހަގު މަންޖެ ދޯ އެއީ. އާނިޔާ ބުނީމެންނު އެ ގޭގައި ހުރެވެން ނެތީއޭ. ކިހިނެއްވާނެ މިގެއަށް ބަދަލުވާން. މިގޭގައި ބައިވަރު ހުސް ކޮޓަރިތައް އެބަހުރި... އަހަރެންނާއި ފަޒީލު މި ގޭގައި އުޅޭނީ. އެއްވެސް އެއްޗެއް ނުދީ ހިލޭ މިގޭގައި ހުރެވިދާނެ... އަސްލު... އާނިޔާ ބަހައްޓަން ބޭނުންވެގެން އަހަރެން މިބުނީ. އަހަރެމެން ކައިބޮއެ އުޅޭ އެއްޗެއް އާނިޔާއަށް ވެސް ހުންނާނެ. އެކަހެރި މާޙައުލަކަށްވުރެ ރަށުތެރޭން ގެއެއްގައި ހުރީމާ ރައްކާތެރިކަން ބޮޑުވާނެ. ފަޒީލާ ދެ ކުދީންގެ މެދުގައި ރަޙުމަތްތެރިކަން އޮތީމާ އަހަރެމެން މިހާރު ބީރައްޓެހިންނަކަށް ނުވާނެ. މިގޭގައި ދަތިވާނޭ އެއްވެސް ކަމެއް ނުހުންނާނެ. ކޮޓަރިތައް ވެސް ހުންނާނީ ފާޚާނާއާއެކީ. ރަނގަޅު ފެންވަރުގައި... ފަޒީލު ވެސް ރުހޭކަމެއް އާނިޔާ މިގޭގައި ބެހެއްޓުން."
ފަރީޝާގެ ވާހަކަތަކުން އަހަރެން ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. އޭނާ އަހަރެން ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދިނެވެ. ރަށުތެރޭގައި ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނާ އެއްޗެއް ބުނަން ބޭނުންނުވީ ކަމަށް ވެދާނެއެވެ. ނަމަވެސް ފައިސަލްއަކީ ފަޒީލު ފަދައިން އޭނާގެ ދަރިއެކެވެ. ޢާއިލާއާއެކު ހަވީރުގެ ސައިގައި ބައިވެރިވާން ފައިސަލް ކައިރީ ނުބުނީ ކީއްވެ ހެއްޔެވެ. އެކަމާ އަހަރެން ސުވާލު ކުރީމާ އޭނާ އެ ފެށީ އެހެން ވާހަކައެކެވެ. އެކަމަކު އަހަރެންނަށް އެ ވާހަކަތަކުން އެއްޗެއް ވިސްނިއްޖެއެވެ. ދަރިއެއްކަމަކު ފައިސަލްއަށް ފަރީޝާ އިތުބާރު ނުކުރާކަމެވެ. މައެއް ދަރިއަކަށް އިތުބާރު ނުކުރާނީ އޭނާގެ ފަރާތުން އެފަދަ ކަމެއް ފެނި، އެނގިގެންނެވެ. އަހަރެންގެ ޟަމީރު ޤަބޫލުކުރަނީ އެފަދައިންނެވެ. އެހެންވިއްޔާ ޝިފާލީ މަރާލީ ފައިސަލްކަން ފަރީޝާއަށް އެނގެނީބާއެވެ. އަހަރެންނާއި ފަރީޝާއާ ދެމެދު އެއްވެސް ވަރެއްގެ ގާތްކަމެއްނެތްއިރު އަހަރެން ގެސްޓްހައުސްގައި އެކަނި ހުންނާތީ ކަންބޮޑުވެގެން އުޅޭނީ އެހެންވެތާއެވެ. އޭނާ އެ ވިސްނަނީ ޝިފާލީއަށް ޖެހުނު ދަތުރު އަހަރެންނަށް ވެސް ޖެހިދާނޭ ބާއެވެ.
"ގެސްޓްހައުސް ގޯހެއްނޫން. ފައިސަލްއާއި ބޭރުމީހާ ވެސް އެތާ ދިރިއުޅޭތީ އަހަރެން އެކަންޏެއްނުވޭ. ގިނަ ދުވަސްދުވަހު އަހަރެން ގެސްޓްހައުސްއަށް އަންނަނީ ރޭގަނޑު ނިދާލަން. އެހެންނޫނީ ގޮސް އުޅެނީ އެކުވެރިޔާގެ ގޭގައި. އަނެއްކާ އެތަނުގެ ވެހިކަލްގައި އަހަރެން ދާން ބޭނުންތަކަށް ދެވޭ. އެހިސާބުގައި މީހުން ނޫޅުނަސް އަހަރެންނަށް އެއްވެސް ކަމަކަށް ދައްޗެއްނޫން." އަހަރެން ބުނީމެވެ. ފަރީޝާ ދޮވުނު ތަށިތައް ފުހެފައި ހަރުގައި ބަހައްޓާފައި އަހަރެންނާ ދިމާއަށް އެނބުރިލިއެވެ. އަހަރެން ވެސް އިނީ އޭނާއަށް ބަލަންކަމަށްވާތީ ދެ މީހުންގެ ނަޒަރު ސީދާވެލިއެވެ. ދެ އަތުން ފެން ފުހެފައި ތުވާލިކޮޅު އަޅުވާފައި އޭނާ އައިސް މޭޒުދޮށުގައި އިށީނެވެ.
"އާނިޔާއަށް ހާދަ ނުވިސްނެޔޭ. ކަމެއް ވާންވީމާ ދުވާލެއް ރޭގަނޑެއް ނޯންނާނެ. ގެސްޓްހައުސްގައި އެކަނި ނިދާފައި އޮއްވާ ކިތަންމެ ކަމެއް ހިނގާފާނެ. އެހީއަކަށް ގޮވާލިޔަސް ކާކަށް އަޑު އިވޭނީ. ބަޔަކު ނޫޅޭ ފަޅު ހިސާބެއްގައި ކޮންމެކަމެއް ހިނގިޔޭ ކިޔާފައި އެނގޭނެތަ... އެނގުނަސް އެނގޭނީ ވަގުތު ފާއިތުވާފަހުން ނޫންތަ؟." ފަރީޝާ ބުންޏެވެ.
"ގެސްޓްހައުސްއިން އަންހެން ކުއްޖަކު ގެއްލުނީމާ އަހަރެން ވެސް ގެއްލިދާނޭ ހީވަނީތަ؟. ފަޒީލު މަންމައަށް އެކަމުގެ ހަޤީޤަތް އެނގޭތަ؟. އެ އަންހެންކުއްޖާއަށް ވީ ކިހިނެއްކަން. ގެއްލުނީ ކީއްވެކަން. އަސްލު ވަރަށް އަޖައިބުވާ ކަހަލަ ވާހަކައެއް އެއީ... ވީނުވީއެއް ނޭނގި ގެއްލުނީމަ. އަދާ ހަމައަށް ވެސް އޭނާ ނުފެންނާތީ. މަރުވީކަމެއް ނޫނީ މަރާލީކަމެއް ނޭނގޭ. ދުނިޔޭގައި ހުރިނަމަ ގައިމު މިހާ ދުވަސްވާއިރު ފެންނާނޭހެން ހީވަނީ. ފަޒީލު މަންމަ ބުނަނީ ކީކޭ." އަހަރެން އަހާލީމެވެ. އެއާއެކު ފަރީޝާއަކަށް ނޭނގެއޭ ބުނެލީ ނިކަން އަވަހަށެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން އޭނާއަށް ކޮންމެވެސް ކަމެއް އެނގެއޭ ބުނަން އަހަރެން ބޭނުންވިއެވެ. އޭނާގެ ފުށުން އަހަރެންނަށް ކުރެވެމުންދިޔައީ އެފަދަ އިޙްސާސެކެވެ.
އަހަރެމެންގެ ދެމެދުގައި އެ މައުޟޫޢުއަށް ވާހަކަދެއްކުން ހުއްޓުނެވެ. ފަރީޝާ އެއްޗެކޭ ނުބުނެ މޭޒުދޮށުން ތެދުވީއެވެ. ސިޓިންރޫމުގައި މަޑުކޮށްލަން ދާން އޭނާ ބުނީމާ އަހަރެން ވެސް ތެދުވީއެވެ. ފަޒީލު އައީ އަހަރެމެން ސިޓިންރޫމުގައި ތިއްބައެވެ. ހުޅުވާފައި ހުރި ޓީވީއަށް ނަޒަރު ސީދާކޮށްލައިގެން ބަހެއްނުކިޔާ އިނދެފައި ފަރީޝާ ވެސް ހަރަކާތެއްކޮށްލީ ފަޒީލު ގެއަށް ވަނީމާއެވެ. ފަޒީލު އަތުގައި އޮތް ކޮތަޅު މަންމައަށް ދިއްކޮށްލިއެވެ. އަދި ބާކީވި ރުފިޔާ ވެސް ދިނެވެ.
"ދާންވީތަ؟." ކޮތަޅު ހިފައިގެން އެތެރެއަށް ފަރީޝާ ދިއުމުން ފަޒީލު އަހަރެން ކައިރީ އަހާލިއެވެ.
"ގެއަށް ގެނެސް ގެ ދައްކާ ވެސް ނުލާނަންތަ؟. ފަޒީލު މަންމަގެ މަސައްކަތް ގެއަށް ވަންނައިރަށް އަހަރެންނަށް ފެނުނު. މާއަޅާލާފައި ހުރިއިރު ވަރަށް ލޯބި. އެކަމަކު އެނގޭ އެއީ ވަރަށް ބުރަ މަސައްކަތްކަން." އަހަރެން ބުނީމެވެ. ފަޒީލުގެ މަންމައަށް ކުރި ތަޢުރީފާއެކީ އޭނާގެ ހިނިތުންވުން ފުޅާވެލިއެވެ. އަންނާށޭ ބުނެ އޭނާ ހިނގައިގަތެވެ.
ދޮރުމަތިން ފެށިގެން ގޭގެ ބިއްދޮށަށް އަހަރެމެން ނުކުތީމެވެ. ގެއަށް ވަންނައިރު އެ ފެންނަ ރީތިކަން ގޭގެ ބިއްދޮށަށް އައުމުން ނުފެނުނެވެ. ހީވީ މުޅީން ދެ ދުނިޔެއަކަށް ނުކުމެވުނު ހެންނެވެ. ރުއްގަހުން ފުރިފައި އޮތް ވާގަނޑު ގެއާ ދުރުން ފެންނަން އޮތެވެ. ބަދިގޭގެ ބައެއް އެ ދިމާގައި ހުންނައިރު ފެނެއެވެ. ފްލައިވުޑު ބިތެއް އެއްފަރާތުގައި ހުރިއިރު އަނެއްފަރާތުން ފެންނަނީ ގޭގެ ވަށާފާރާ ގުޅިފައިވާ ބާވެކުލަ ބަދަލުވެފައިވާ ތެޅިގަލުގެ ފާރެކެވެ. ދޮންވެލި ލައި ޒީނަތްތެރި ކުރުމުގެ އެއްވެސް އަސަރެއްނެތެވެ. ބިތްޖަހާފައި ހުރި ދިމާ ކައިރީގައި ދާޖަހައި ދޮރެއް ލާފައި ހުރި ގްރީންހައުސްއެއް ހުއްޓެވެ. އަދި ވަލުދޮރޯށްޓެއް ފާރުގައި ކަނޑާފައި ހުއްޓެވެ. ނަމަވެސް ދޮރޯށްޓެއް ލާފައެއް ނެތެވެ. އެ ދިމާ ވައަތް ފަރާތުގައި ބިމަށް ޖަހާފައި ހުރި ފޭރާ ދޮށުގައި ކާށިފުންޏެއް ހުއްޓެވެ. އަދި ފަންތޮށިން ހަދާފައި ހުރި އަށްޓެއް އެއްވެސް ދިމާއަކަށް ނުވާކަހަލަ ގޮތަކަށް ހުއްޓެވެ. އޭގައި މީހަކު އިށީންނާނޭހާ ވަރެއް ނުހުންނާނޭކަން ބަލާލާފައި ވެސް އެނގޭހާ ވެއެވެ.
"ކީއްވެ މިފަރާތް މިހެން ބާއްވާފައި މިއޮތީ. ހީވީ އެހެން ގެއެއްގެ ބައެއްހެން." އަހަރެން ބުނީމެވެ.
"ވިއްސާރަވެގެން ފާރު ވެއްޓުނު ވާހަކަ ބުނީމެންނު. އެއީ މިފާރު. ދޮންބެ ހުރީ މި ފާރު އެއްކޮށް ތަޅާލާފައި އާ ފާރެއް ރާނަން. ވަގުތީގޮތުން ބިތްޖެހީ. އަސްލު މީ އެންމެ ކުރީގެ ފާރު. އަހަރެމެން ކުޑައިރު ގެ އޮތީ މިހެން. އެއްކޮށް ބަދަލުކޮށްލަން މަންމަ ބޭނުންނުވީ. މިހާރު އެއްބަސްވެއްޖެ... މަންމަ ކީ މިފަރާތް ހެދުނީމާ ޖޯލިފައްޗެއް ބަހައްޓަން... ބައި ދަ ވޭ... މަންމަ ދެއްކިތަ އެއްވެސް ވާހަކައެއް." ފަޒީލު އެންމެ ފަހުން އެ ބުނެލި އެއްޗަކުން އަހަރެން އޭނާއަށް ބަލާލީމެވެ.
"މަންމަ ދެއްކީ ކޮންވާހަކައެއްކަން ފަޒީލަށް އެނގޭ ދޯ." އަހަރެންނަށް އެހެން ހީވާތީ ބުނެލީމެވެ.
"އާނަ ބޭނުމެއްނޫންތަ؟. އިޓްސް އަ ގުޑް ޗޮއިސް... ނޫންތަ؟. އަހަރެންނަށް ވެސް އަންޑަސްޓޭންޑްވޭ މަންމަގެ ކޮންސާން." ފަޒީލު ބުންޏެވެ.
"އެކަމަކު އަހަރެންނަށް މިހާރު އަހަރެން ހުރި ހާލަތު އޯކޭ. އަހަރެން ހާސްނުވާއިރު އެހެން މީހުން ހާސްވެ ކަންބޮޑުވެގެން އުޅޭ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނުނު. ހީވަނީ އަރާ ކާއެއްޗެއް އެ ގެސްޓްހައުސްގައި އުޅެނީހެން." އަހަރެންނަށް ބުނެވުނީ ތަންކޮޅެއް ހަރުކަށިކޮށެވެ.
"އާނަ... ޓްރައި ޓު އަންޑަސްޓޭންޑް. އަހަރެންގެ ކައިރީ ޝިފާލީގެ ވާހަކަ އާނަ ދެއްކީމެންނު. އޭނާ ގެސްޓްހައުސްގައި ހުއްޓާ ގެއްލުނު ފަހުން މަންމަ ވަރަށް ކަންބޮޑުވޭ. އަހަރެމެންގެ ޢާއިލާއާ ބެހޭ ގޮތުން މީހުން ދައްކާ ވާހަކަ އާނައަށް ވެސް އެނގޭނެ. އެކަން އެހެން އޮއްވާ ޝިފާލީ ގެއްލުނީ. ދެން އަނެއްކާ އާނައަށް ކަމެއްވެއްޖެއްޔާ ކިހިނެއްވާނީ... އަހަރެމެންނަށް އުޅޭން ދަތިކުރާނެ. ނޫންތަ؟. އެ ހުރިހާ ގޮތަކަށް ވިސްނާފައި މަންމަ އެފަދަ ނިންމުމެއް ނިންމީ. އަހަރެންނަށް ގެރެންޓީ މިގެއިން އާނައަށް އުނދަގުލެއް ނުޖެހޭނެކަން. މިހާރު ވެސް އިތުމީނާމެން ގެއަށް ތި ދާހެން ދެވޭނެ. ކިތަންމެ ދުރަސް އަހަރެން އެގެއަށް އާނަ ގެންގޮސްދޭނަން. އެހެންވީމަ ކޮބާ މައްސަލައެއް. އަނެއްކާ އާނައަތުން އެއްވެސް އެއްޗެއް މަންމަ ބޭނުމެއްނުވޭ. މަންމަ އެދެނީ އެނބުރި ދާންވަންދެން އެންމެންނަށް ފެންނަ ހިސާބުގައި އާނަ ބަހައްޓަން. ރައްކާތެރި މާޙައުލެއްގައި އާނަ ހުންނަން. ދޮންބެ ގެސްޓްހައުސްގައި ދިރިއުޅުނަސް ގިނަވާނީ އެތަނުން ބޭރުގައި އުޅޭ ވަގުތުތައް. އަނެއްކާ އޭނާއަކީ މީހުންނާ މާގިނަ ވާހަކަތަކެއް ދައްކާ ގުޅުން ބަދަހިކުރާނޭ މީހެއްނޫން. ދޮންބެ އެހާ ސޯޝަލްއެއް ނުވާނެ. އާނަ ނުބުންޏަސް އެތަނުގައި ވަރަށް އެކަނިވާނޭކަން އެނގޭ." ފަޒީލު ބުންޏެވެ.
އަހަރެންނަށް ފަޒީލު ދެއްކި ވާހަކަ ޤަބޫލުކުރެވެއެވެ. ޝިފާލީ ގެއްލުމަށްފަހު އަނެއްކާ ދެވަނަ އަންހެންކުއްޖަކު އެގޮތަށް ވާނުވާ ނޭނގި އެ ގެސްޓްހައުސްއިން ގެއްލިއްޖެނަމަ ފައިސަލްއާއި އޭނާގެ ޢާއިލާއަށް އިނގި ދިއްކުރާނޭ މީހުން ގިނަވާނޭކަން އެނގެއެވެ. އެމީހުންގެ ބައްޕަ މީހަކު މަރާފައިވާއިރު އެ ޢާއިލާއިން ހިންގާ ގެސްޓްހައުސްއަކުން އަންހެން ކުދީން ގެއްލެންފެށީމާ ޝައްކު ނުކުރާނެ މީހަކު ހުންނާނޭހެން ހިޔެއްނުވެއެވެ. އެހެން ވިސްނާކަމުގައިވާނަމަ ފަރީޝާގެ ކަންބޮޑުން އެއީ ހަޤީޤީ ކަންބޮޑުވުމެކެވެ. އިތުރަށް ޢާއިލާގެ ނަން ބަދުނާމުވާން އެދޭނީ ކާކު ހެއްޔެވެ. އެކަމަކު އަހަރެންނަށް އެނގޭ ހަޤީޤަތަކީ ފައިސަލްގެ ބައްޕަ ފަދައިން އޭނާ ވެސް ގާތިލަކަށް ވެއްޖެކަމެވެ. އޭނާގެ ބައްޕަ އަންހެނަކު މެރި ފަދައިން ފައިސަލް ވެސް އެވަނީ އަންހެނަކު މަރާފައެވެ. ހަމަ އެހާ އަނިޔާވެރިކޮށެވެ. ލުބުނާ މަރާލަން ޖެހުނު ސަބަބެއް ސާފުވެފައި ނުވާއިރު ފައިސަލްގެ އަތުން ޝިފާލީ މަރާލަން ޖެހުނު ސަބަބެއް ވެސް އޮޅުމެއް ނުފިލައެވެ. ލޯބިވެގެން އުޅުނު ގޮތުން ޝިފާލީއަކީ މުޅި ދުނިޔެއިން ވެސް ފައިސަލްއަށް ޓަކައި ޚިޔާރު ކުރެވިފައިވާ ހަމައެކަނި އަންހެންކުއްޖާ ހެންނެވެ. މިހާރު އަހަރެންނާއެކީ ވެސް ފައިސަލް އެ އުޅެނީ އެހެންނެވެ. އެފަދަ ދީވާނާކަމެއްގައި ޖެހިފައިވާ މަޖުނޫނެއް ހެންނެވެ.
"އަހަރެން އިތޫމެން ގެއަށް ޑްރޮޕްކޮށްލަ ދެވިދާނެތަ." އިރުކޮޅަކު ހިމޭނުން ހުރެފައި ބުނީމެވެ. ފަޒީލު ހޫން ލައްވާލަމުން ބޯޖަހާލިއެވެ.
"މަންމަ ކައިރީ ދަނީއޭ ބުނެލަންވާނެއެއްނު." ދޮރާ ދިމާއަށް ހިނގަމުން އައި ފަޒީލު ބުންޏެވެ.
ސިޓިންރޫމު ސޯފާގައި ފަރީޝާ އިނެވެ. އަހަރެންނާއި ފަޒީލު ފެނުމުން އޭނާ ތެދުވިއެވެ. ދެން ދަނީތޯ އަހާލިއެވެ. އަހަރެން އާނއެކޭ ބުނެ ބޯޖަހާލީމެވެ. ދޮރު ކައިރިޔަށް ފަރީޝާ އައުމުން ސަލާމްކޮށްލަން އަތް ދިއްކޮށްލީމެވެ.
"މިގޭގައި ހުންނަން ނަޔަސް ފުރުމުގެ ކުރީން އަދި އެހެން ފަހަރަކުން ފަޒީލު މަންމައާ ބައްދަލުކޮށްލަން އަންނާނަން." ހިނިތުންވުމަކާއެކީ އަހަރެން ބުނީމެވެ. ހިތްހެޔޮކަމާއެކީ ވަކިވާން ގަސްދުކޮށެވެ. ފަރީޝާ ވަކި އެއްޗެއް ނުބުންޏެވެ. އަހަރެންނާ ސަލާމްކޮށްލީ ފަނޑު ހިނިތުންވުމަކާއެކުއެވެ.
އިތޫމެން ގެއާ ހަމައަށް އާދެވެންދެން ފަޒީލު އެއްވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް އެ ގެއަށް ވަންނަން ދާން އަހަރެން ސައިކަލުން ފޭބުމުން އޭނާ ގޮވާލިއެވެ. އަދި އޭނާގެ މަންމަ ދެއްކި ވާހަކައާ މެދު ވިސްނާލަން އަހަރެން ކައިރީ ބުންޏެވެ. މިފަހަރު އަހަރެން ބޯޖަހާލީ ފަޒީލުގެ ހިތްހަމަޖެހުމަށެވެ. ދެން މަޑުނުކޮށް އިތޫމެން ގޭ ދޮރޯށިން އެތެރެއަށް ވަދެއްޖައީމެވެ.
"ތިއައީތަ؟. ސައި ކިހިނެއްވަނީ... މައިދައިތަ ކިހިނެއް." ސޯފާގައި އޮވެފައި އިތޫ ތެދުވީ އަހަރެން ދޮރޯށި ހުޅުވި އަޑަށްކަން އެނގެއެވެ. އަހަރެން ވަދެގެން އޭނާގެ ކައިރިޔަށް އައި އިރަށް ދިމާކޮށްލައިފިއެވެ.
"ކަމަކުނުދޭ." އިތޫ ކައިރީ ސޯފާގައި އިށީންނަމުން އަހަރެން ބުނީމެވެ.
"އެޔޯ. ކިޔާދީބަލަ." ކަންތައްވީގޮތް އޮޅުންފިލުވަން އިތޫ ނިކަން ޝައުގުވެރިވެއްޖެއެވެ.
"ހެނދުނު ގެސްޓްހައުސްއަށް ފަޒީލާއެކީ ވައްޓާލީ. އޭނާއަށް ދެން މިއެނގުނީ އަހަރެން އެތާކަން ހުންނަނީ. ވަރަށް ރޫޑުކޮށް ވާހަކަދެއްކީ. ދެން ޓަސްލާފައި ހަވީރު ފަޒީލު ގުޅާފައި ބުނީ މަންމަ ބުންޏޯ އާނަ ގޮވައިގެން ހަވީރު ސަޔަށް އެގެއަށް އަންނާށޭ... މީހަކު އަޖައިބެއްނުވާނެތަ. އަހަރެން ކައިރީ ބުނީ އެގެއަށް ބަދަލުވާށޯ." ކުރުގޮތަކަށް އަހަރެން ކިޔާދިނީމެވެ.
"ސަޅި ޗާންސެއްނު. ކީކޭ އާނަ ބުނީ." ހެވިފައި އިނދެ އިތޫ ބުންޏެވެ.
"ފައިސަލް ބައިވެރިއެއްނުވޭ... އޭނާ މަންމަ ނުވެސް ބުނޭ ފައިސަލް ކައިރީ ސައިބޯން އަންނާކަށް. އޭނާއަށް ނޭނގި ފަޒީލު މިފޮނުވަނީ އަހަރެން ބަލާ. އޭރު އަހަރެން މިގެއަށް އަންނަން ފައިސަލްއާއެކީ ނުކުންނަން ރެޑީވަނީ. މަންމަ ފޮނުވާފައި އެގެއަށް އަހަރެން ގެންދަން ފަޒީލު އާދެޔޭ ބުނީމާ މަށަށް އެނގުނީ ފައިސަލް ކައިރިއަކު ނުބުނާކަން. ފަޒީލު އައީމާ ދާށޭ ކިޔާފައި ފައިސަލް ނުކުމެގެން ދިޔައީ. ހީވަނީ ހިތްހަމަނުޖެހިގެންހެން ދިޔައީ. އޭނާ މަންމަ ކައިރީ ވެސް އަހަރެން އެހިން ފައިސަލް ކީއްވެތޯ ނައީ... ބަލަ އަނގައިން ވެސް ނުބުންޏޭ. މުޅިން އެހެން ވާހަކައެއް ފެށީ." އަހަރެން ބުނީމެވެ.
"ރިއަލީ. ތީތި ވިއާޑް ދޯ. އެމީހުން ފައިސަލް ބާކީކޮށްލާފައިތަ އެހުންނަނީ." އިތޫ ބުންޏެވެ. އެކަމަކު ހުރިހާ ހަޤީޤަތެއް އަހަރެން އިތޫއަށް ކިޔާދޭނީ ކިހިނެއް ހެއްޔެވެ. ފައިސަލްގެ ހަޤީޤަތް އެންމެންގެ ތެރެއަށް ފަޅާއެރީމާ އޭރުން އަހަރެން އިތޫއަށް ހުރިހާކަމެއް ކިޔާދޭނަމެވެ.
"ނޭނގެ. އެވާހަކަ ދެން ބާއްވާ... ކޮންއިރަކުން ޖޮބަށް ނުކުންނަން ޖެހެނީ. މެރީ ކުރާ ދުވަހުތަ؟." އަހަރެން ވާހަކަ ބަދަލުކޮށްލީމެވެ.
"ޒަފަރު ހުރިއްޔާ ރަނގަޅު ގޮތަކަށް ހަމަޖެހޭނީ. ޖޮބު އޯކޭވެފައި އޮތީމާ އަހަރެމެން ވިސްނީ ހަނީމޫނަށް ދަތުރެއް ނުކުރަން. ޒަފަރަށް ޗުއްޓީ ލިބުނަސް އަހަރެންނަކަށް އަވަހަކާ ނުލިބޭނެ ދޯ. މެރީ ކުރަންވެގެން އޭނާ އެއް ހަފްތާގެ ޗުއްޓީއެއް ނަގައިފި. ޕާޓީ އޮތީ ޔޫތު ކޮމިއުނިޓީގެ ހޯލުގައި. އެތަން ތައްޔާރު ކުރަން މިހާރު ވެސް ގޮސްވީ. ވާހިދު ދޮންބެއާއި ބައްޕަ ވެސް ވީ އެތަނުގައި. އަހަރެން ޖޮބުގައި ހަމަޖެހިލީމައި ދެމީހުން ހިތްހަމަޖައްސާލަން ތަނަކަށް ދާނީ." އިތޫ ބުންޏެވެ.
"ހޫދު ނާދޭތަ؟." އަހަރެން އަހާލީމެވެ.
"ކުޑަބެއަށް އާދެވޭނެ ދުވަހެއް އަދި ފައިނަލެއްނުވޭ. މިއަދު ގުޅާލީމާ ވެސް ބުނީ ހޮނިހިރު ދުވަހުގެ ރެޔަށް ބަލާށޯ. ނާދެވުނިއްޔާ ޔަގީނުން ވެސް އާދިއްތަ ދުވަހުގެ ވަގުތެއްގައި ރަށަށް އަރާނެކަމަށް. ކުޑަބެ ހުރީ ކުރީބައިގައި ޗުއްޓީ ނަގަން. އެކަމަކު ކުއްލިއަކަށް ވަރަށް ބޮޑުކަމެއް ޖެހިގެންނޭ ބުނީ ނާދެވިގެން އުޅެނީ." އިތޫ ބުންޏެވެ. އަހަރެންނަށް އެ ވާހަކަތައް ނަގައިގަންނާކަށް އުނދަގުލެއްނުވިއެވެ. ހޫދަށް ޖެހުނު ބޮޑު ކަމަކީ އަހަރެންގެ ސަބަބުން ކުރިމަތިވެގެން އުޅޭ ކަމެކެވެ.
"ކޮންއިރަކުން ދާން ތިއައީ." އިތޫ އަހާލިއެވެ.
"އެހެންޏާ ވެސް ދާގަޑީގައި އެކޮޅަށް ދާނީ. ފައިސަލް އަންނާނެ ބަލާ." އަހަރެން ބުނީމެވެ. އެއާއެކު ހަނދާންވީ މިރެއަކީ ބޮޑު ރެއެއް ކަމެވެ. ފައިސަލް ދިރިއުޅޭ ގެއަށް ފުރަތަމަ ފަހަރަށް އަހަރެން ވަންނާނޭ ރެއެވެ. އެ ޚިޔާލާއެކީ މެޔަށް ފިނިވެލިއެވެ.
(ނުނިމޭ)