ގދ. ގައްދޫ ކައިރީގައި އޮންނަ ގަން، ގައްދޫގެ އިހްތިސާސްގެ ތެރޭގައި ހިމަނައިދޭނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައްދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ގަމަކީ، ގައްދޫ ރައްޔިތުންގެ ތަނަކަށް ހަދައިދިނުމަށް އެރަށުން އަބަދުވެސް އެދޭ ކަމަށާއި އެކަން ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަރަށް ގިނަ މަޝްރޫއުތައް ފެއްޓެވި ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވި ފަހުން މަޝްރޫއުތައް ލަސްވެ ތަރައްގީ ހުއްޓިފައިވާ ކަމަށާއި އެގޮތުން ގައްދޫގެ ތަރައްގީވެސް ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވާ ކަމަށެވެ.
"ރައްޔިތުން އެދޭގޮތަށް އުއްމީދުތައް ހާސިލްކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުުރާނަން. މުޅި ޕީޕީއެމް، ޕީއެންސީ ލީޑަޝިޕް އޮތީ އެރޫހުގައި" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދަޅުވީ ގައްދޫގެ އިގްތިސާދީ މައި ހަބަކަށް ގަން ހަދައިދޭނެ ކަމަށާއި، އެކަމުގެ ސަބަބުން މުޅި އަތޮޅަށްވެސް ނަފާ ލިބޭނެ ނިޒާމެއް ހަމަޖައްސައިދޭނެ ކަމަށެވެ. ރައީސް ޔާމީންގެ ޒައާތަމުގައި ގައުމަށް އައި ތަރައްގީގެ އިންގިލާބީ ބޮޑު އަލުން ގެނެސްދެއްވާނެ ކަމަށާއި ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕް އޮތީ އެކަމަށް ތައްޔާރަށް ކަމަށްވެސް ވިދާޅުވި އެވެ.
ގައްދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދީ އެ ރަށުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށެވެ. އަދި ގައްދޫއަކީ ސާފިންއަށް ރަނގަޅު ސަރަހައްދެއް އޮތް ރަށަކަށްވާތީ ގައްދޫ ހިމެނޭ ސަރަހައްދުގައި ސާފިން ޓޫރިޒަމް ފުޅާކޮށް، އޭގެ ނަފާ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އިތުރު ރިސޯޓެއް ގައްދޫ ކައިރީގައި ތަރައްގީކޮށް އިޤްތިސާދީ ބާރުވެރިކަން އިތުރުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.