ގައުމެއްގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް މަސައްކަތް ކުރައްވާއިރު ދައްކަވަން ޖެހޭނީ ދެކޮޅުޖެހޭ ވާހަކަތަކެއް ކަމަށް ވިދާޅުވެ ވާދަވެރި ކެންޑިޑޭޓުންނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާޑު ވިދާޅުވެއްޖެ އެވެ.
ތ. ކިނބިދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އިދިކޮޅު ކެންޑިޑޭޓުންނަށް ރައީސް ފާޑު ވިދާޅުވެފައި މިވަނީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ ބަނގުރޫޓްވެ ދައުލަތުގައި ފައިސާ ނެތް ކަމަށް އިދިކޮޅު އިސް ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އެެވެ.
ރައީސް ވިދާޅުވީ ދައުލަތް ބަނގުރޫޓް ވެފައިވާ ކަމަށް ވިދާޅުވެ އިދިކޮޅު ކެންޑިޑޭޓުން ރަށްރަށަށް އަރުއްވާ ވައުދުވުމަކީ ބުއްދި ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. ދައުލަތުގައި މިހާރު ނެތް ފައިސާއެއް މާދަމާވެސް ނުހުންނާނެ ކަމަށާއި އެހެންކަމުން ނެތް ފައިސާ އަކުން ކަންކަން ކުރަން ވާދަވެރި ކެންޑިޑޭޓުން ވައުދު ވަނީ ކީއްވެގެންތޯވެސް ރައީސް ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި އެފަދަ "ދެކޮޅުނުޖެހޭ" ވާހަކަދައްކަވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
"މިހާރު ކުރިމަތި ލައްވައިގެން އުޅުއްވާ ބޭފުޅުންވެސް ހަމަ ކޮންމެ ރަށަކަށް އަރާ ވައުދުތައް އެބަވޭ. އަނެއްކޮޅުން ބަނގުރޫޓުވެފައި އޮތް ސަރުކާރެއްގެ ވާހަކަ ދައްކަވާ، ފައިސާ އެއް ނެތޭ، 2025 ވަނަ އަހަރު، 2026 ވަނަ އަހަރު ބަނގުރޫޓު ވާނޭ، އެހެން ނަމަވެސް ވައުދުތައް އެބަވޭ. ވައުދު ތަކަކީ ސަރުކާރުން ކުރާނެ ހަރަދު ނޫންތޯ ހަމަގައިމުވެސް ފައިސާ ހުރިކަން އިނގޭތީ ނޫންތޯ، ފައިސާ ލިބޭނެ ކަން އިނގޭތީ ނޫންތޯ އެބޭފުޅުން ވައުދުގެ ވާހަކަ ދައްކަވާނީ. އެހެން ނޫނިއްޔާ އެ ހައްދަވަނީ އިތުރުފުޅެއް،" އެމަނިކުފާނު ވިދާޅުވި އެެވެ.
ރައީސް ވިދާޅުވީ 2003 އިން 2018 އަށް ވެރިކަން ކުރި ސަރުކާރުތަކުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑެތި އަނިޔާތަކެއް ތަހައްމަލްކޮށްފައިވާ ކަމަށެވެ. ނަމަވެސް 2008 ވަނަ އަހަރު އެ އަނިޔާތައް ނިމުމުގެ ކުޑަކުޑަ އުއްމީދެއް ލިބުނު ކަމަށާއި ނަމަވެސް އެ އުއްމީދު ގެއްލިގެން ދިޔައީ 2008 ގައި ވެރިކަމާ ހަވާލުވި ސަރުކާރު 2012 ވަނަ އަހަރު ނިމިގެން ދިއުމުން ކަމަށެވެ.
"ސަރުކާރު ބަދަލުވެގެން ދިޔަ ގޮތަކީ ސިޔާސީ ލީޑަރުންނާއި، ފުލުހުންނާއި، ސިފައިން އަދި ރައްޔިތުން އިބުރަތް ލިބިގަންނަން ޖެހޭ ފިލާވަޅެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ މާލީގޮތުން އިނދަ ޖެހި މަރުކަޒީ ބޭންކުން ބަލަހައްޓަމުންދާ ރިޒާވް ވެސް އޮތީ ހުސްވެފައި ކަމަށެވެ. އެ ހުރިހާ ކަމަކުން އަރައިގަތުމަށްފަހު ތަރައްގީގެ އިންގިލާބެއް ގެނައުމުގެ މަސައްކަތް ފެށިތާ މާގިނަ ދުވަހެއް ނުވަނީސް ކޮވިޑްގެ އާލަބީ ވަބާ ކުރިމަތިވުމަކީ ގައުމަށް ލިބުނު އިގްތިސާދީ ބޮޑު ގެއްލުމެއް ކަމަށެވެ. އެކަމަކު އެދުވަހު ވިސްނުންތެރިކަމާ އެކު ނިންމި ނިންމުން ތަކުގެ ސަބަބުން ރާއްޖެ މިއަދު ވަނީ ކުރިން އޮތް އިގްތިސާދީ ހާލަތަށް އެނބުރި އައިސް ރަނގަޅު މިސްރާބެއްގައި ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސްގެ ކިނބިދޫގެ ވައުދުތައް
- 25 ހެކްޓަރުގެ ބިން ހިއްކުން
- ކިނބިދޫ އާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުން
- ފުޓްސަލް އަދި ފުޓުބޯޅަ ދަނޑު ނިންމުން
- ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް ހެދުން
- ތާރުއަޅައިގެން ޒަމާނީ ފެންވަރަކަށް މަގުތައް ހެދުން
- ކުކުޅިވަރު އެރީނާއެއް ތަރައްގީކުރުން
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް ފެންނަނީ އުޖާލާ މަންޒަރެއް ކަމަށާއި، ރައްޔިތުން ތިބީ އެމަނިކުފާނާ އެކު އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ތައްޔާރަށް ކަމަށެވެ. ދެވަނަ ބުރަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަށް މަސައްކަތްކޮށްދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
"ދެވަނަ ބުރަކަށް ގޮސްފިނަމަ ރާއްޖެ ބޮޑު ހަމަނުޖެހުމަކަށް ހިނގައިދޭނެ،" ރައީސް ވިދާޅުވި އެވެ.