އިންތިފް ރައޫފު

އިންތިފް ވަނީ ޖިހާދަށް ފުރަން ރެޑީވެފައި: ދައުލަތް

ފިސްތޯލައެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާކޮށްފައިވާ އިންތިފް ރައޫފު ހައްޔަރު ކުރި އިރު ޖިހާދަށްދާން ފުރަން ތައްޔާރުވެފައިވާކަން އެނގޭ ކަމަށްބުނެ ވީޑިއޯތަކެއް ދައުލަތުން ހެކީގެ ގޮތުގައި ޝަރީއަތަށް ހުށަހަޅައިފި އެވެ. މި ވީޑިއޯތަކަކީ އިންތިފުގެ ކޮމްޕިއުޓަރުން ފެނުނު ވީޑިއޯތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

އިންތިފުގެ މައްސަލާގައި ހެކި ހުށަހެޅުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މި ވީޑިއޯތަކުގެ އިތުރުން ދައުލަތުން ވަނީ، އިންތިފުގެ ގެއިން ފެނުނު ފިސްތޯލައަކީ ނުރައްކާތެރި ހަތިޔާރެއް ކަމަށް ބުނެ އެކުލަވާލި ރިޕޯޓާއި ރިޕޯޓް އެކުލަވާލި ކެޕްޓަން އިހުސާން އަލީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފަ އެވެ. އަދި އިންތިފުގެ ގެއަށް ދިޔަ ތިން ފުލުހެއް ވެސް ވަނީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފަ އެވެ.

މީގެ އިތުރުން ސީން އޮފް ކްރައިމް ރިޕޯޓާއި އިންތިފުގެ ގެއިން ފެނިފައިވާ ޓާގެޓްތަކެއްގެ ފިންގަ ޕްރިންޓް ރިޕޯޓާއި ރިޕޯޓް އެކުލަވާލި ފަރާތް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. ދައުލަތުން ބުނަނީ އިންތިފުގެ ގެއިން އަމާޒަށް ބަޑި ޖެހުމަށް ދަސްކުރުމަށް ގެންގުޅޭ ޓާގެޓްތަކެއް ފެނިފައިވާ ކަމަށެވެ.

އިންތިފުގެ ފަރާތުން ވެސް ވަނީ ދިފާއީ ހެކި ހުށަހަޅާފަ އެވެ. އެގޮތުން ދައުލަތުން ފިސްތޯލައެއް ކަމަށް ބުނާ އެތި އެތެރެކުރީ ކުޑަކުދިންގެ ހަވީރަކަށް ސާބިތު ކޮށްދިނުމަށް އެ ހަވީރު ބޭއްވުމަށް ހުށަހެޅި ޕްރޮޕޯސަލެއް ހެކީގެ ގޮތުގައި ހުށަހެޅި އިރު ފަސް މީހަކު ވެސް ހެކީގެ ގޮތުގައި އޭނާ ހުށަހެޅި އެވެ. އަދި އީވާން މަނީ ނަމަކަށްކިޔާ މީހެއް ފިސްތޯލައެއް ކަމަށް ބުނާ ބަޑިއާ ގުޅޭ ގޮތުން ހަދާފައިވާ ރިޕޯޓެއް ވެސް ހުށަހަޅާފައިވެ އެވެ.

އިންތިފު ބުނެފައިވަނީ، އޭނާއަކީ ކުޑަކުދިންގެ ހަވީރުތައް އިންތިޒާމްކޮށް އިވެންޓް ޕްލޭންކުރާ މީހެއް ކަމަށެވެ. އެގޮތުން ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަވީރަކަށް ޕްރޮޕޯސަލް ތައްޔާރުކޮށް، ބެންކޮކުން އެ ހަވީރަށް ޓާގެޓް މިނާފުށް ބަޑިއެއް އެތެރެކުރީ ކަމަށެވެ.

އިންތިފު ދައުވާއަށް އިންކާރުކޮށްފައިވާއިރު ދައުވާގައިވަނީ، ފުލުހުން މއ. ގޯލްޑަންބީމް ބަލައި ފާސްކުރުމަށް ދިޔުމުން އެ ގޭގެ ވައި ގޮޅީގެ ތެރެއިން އިންތިފު ފިސްތޯލައެއް އެއްލާލާފައިވާ ކަމަށެވެ. އެގެ ބަލާ ފާސްކުރުމަށްފަހު އިންތިފާއި އިންތިފުގެ އަންހެނުން ހައްޔަރުކޮށްފައިވެ އެވެ. އަންހެނުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އިންތިފުގެ ވަކީލް ވިދާޅުވީ، އިންތިފު ފުލުހުން އެބުނާ ބަޑިއެއް ގެންގުޅުނީ ދިރިއުޅުމަށްކުރާ މަސައްކަތެއް ގޮތުން ކަމަށާއި އެހެންކަމުން މަގުބޫލު ސަބަބެއް ނެތި ގެންގުޅުން ކަމަށްނުވާނެ ކަމަށެވެ. އިންތިފު ގެންގުޅުނީ މިނާފުށް ބަޑިއެއް ކަމަށާއި އެއީ އޭނާ ދިރިއުޅުމަށްކުރާ މަސައްކަތަށް ގެންގުޅޭ އެއްޗެއް ކަމަށް ވަކީލު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ، އިންތިފު ގެންގުޅު ބަޑީއާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން އެކުލަވާލި ރިޕޯޓުން އެ ބަޑިއަކީ މިނާފުށް ބަޑިއެއް ނޫންކަން އެނގޭ ކަމަށާއި އެއީ ދަގަނޑު ބޯޅަ ލައްވާ ވައްތަރުގެ ބަޑިއެއް ކަމަށެވެ. އަދި އެ ބޯޅަތައް މީހެއްގެ ހަށިގަނޑަށް ޖަހައިފިނަމަ އޭގެ ސަބަބުން އެމީހަކަށް ގެއްލުންވާނެ ކަމަށް ވެސް ރިޕޯޓުން އެނގޭ ކަމަށް ދައުލަތުުގެ ވަކީލު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި އިންތިފު ބަންދުން ދޫކޮށްލުމަށް އިންތިފުގެ ވަކީލު ވަނީ އެދިލައްވާފަ އެވެ. އިންތިފުގެ ވަކީލް ވިދާޅުވީ، ގޭބަންދުގައި ހުންނަތާ ހަތަރު މަސްވެފައިވާއިރު އިންތިފަށް ވަރަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ. އެގޮތުން މިހާރު ވެސް ބަނޑުގެ އޮޕަރޭޝަނެއް ކުރަންޖެހިފައިވާއިރު ސިއްހީ ފަރުވާ ހޯދުމަށް ދަތިވާ ކަމަށް ވިދާޅުވި އެވެ. އަދި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ، އިންތިފު އެއްކޮށް ދޫކޮށްލުމަކީ ދައުލަތުން އެދޭ ކަމެއް ނޫން ކަމަށެވެ. އެއީ ހެއްކަށް ނުފޫޒެއް ފޯރަފާނެތީ ކަމަށް ވިދާޅުވި އެވެ. އިންތިފުގެ ވަކީލް ވިދާޅުވީ، އިންތިފުގެ ފަރާތުން މިހާތަނަށް ވެސް އެފަދަ ކަމެއް ފެނިފައިނުވާއިރު ހެކީންނަށް އިންތިފު ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އިންތިފުގެ ބަންދާ ގުޅޭ ގޮތުން ދެން އަންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ. ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ނުވަވަނަ ދުވަހު އެވެ.