ދައުލަތުން މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރު ބެހެއްޓި ކަމުގެ ދައުވާ އުފުލާފައިވާ ހ. ހިލްޓަން، މުހައްމަދު އިންތިފް ރައޫފްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
އިންތިފްގެ މައްޗަށް ދައުވާކޮށްފައިވަނީ، ފުލުހުން މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު މއ. ގޯލްޑަންބީމް ބަލައި ފާސްކުރުމަށް ދިޔުމުން އެ ގޭގެ ވައި ގޮޅީގެ ތެރެއިން އިންތިފު ފިސްތޯލައެއް އެއްލާލާފައިވާ ކަމަށް ބުނެ އެވެ. އިންތިފް އެއްލާލި ފިސްތޯލައަކީ އިންސާނެއްގެ ގަޔަށް ޝޫޓްކޮށް މީހަކު މަރާލުމުގެ ގާބިލްކަން ލިބިގެންވާ ނުރައްކާތެރި ހަތިޔާރެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޯޑްނަންސް ސާވިސްއިން ތައްޔާރު ކޮށްފައިވާ ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަމަށް ދައުވާގައިވެ އެވެ.
މި މައްސަލާގައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީތަކުން އިންތިފްގެ އަތުން ފެނިފައިވަނީ އޭގެ ޒާތުގައި ނުރައްކާތެރި ހަތިޔާރެއްކަން ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އެހެންމުން ދައުލަތުން އުފުލާފައިވާ ދައުވާ އިންތިފްގެ މައްޗަށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.