އިންތިފް ރައޫފު

އިންތިފްގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކުރާނަން: ޕީޖީ

ދައުލަތުން މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރު ބެހެއްޓި ކަމުގެ ދައުވާ އުފުލި ހ. ހިލްޓަން، މުހައްމަދު އިންތިފް ރައޫފްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ހިޝާމް ވަޖީހު މިއަދު އަވަސްއަށް ވިދާޅުވީ، އެ އޮފީހުގެ ސްޓޭންޑަކީ އިސްތިއުނާފްކުރާނެ އެއްވެސް ސަބަބެއް އޮތްނަމަ އެ މައްސަލައެއް އިސްތިއުނާފުކުރުން ކަމަށެވެ. އިންތިފްގެ މައްޗަށް ހުކުމް އިއްވި ދުވަހު ގާޒީ ފާހަގަކުރި ކަންތައްތަކަށާއި ޕީޖީއަށް ލިބިފައިވާ ހުކުމްގެ ކޮޕީއަށް ބަލާފައި ޕީޖީ އޮފީހުން އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށް ހިޝާމް ވިދާޅުވި އެވެ. ނަމަވެސް އެ ނިންމުން މުޅިން ޔަގީން ވާނީ ޝަރީއަތް ނިންމުނު ގޮތުގެ ރިޕޯޓް ލިބުމުން ކަމަށެވެ. އެ ރިޕޯޓް އަދި ޕީޖީ އޮފީހަކަށް ނުލިބެ އެވެ.

އިންތިފްގެ މައްޗަށް ދައުވާކޮށްފައިވަނީ، ފުލުހުން މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު މއ. ގޯލްޑަންބީމް ބަލައި ފާސްކުރުމަށް ދިޔުމުން އެ ގޭގެ ވައި ގޮޅީގެ ތެރެއިން އިންތިފު ފިސްތޯލައެއް އެއްލާލާފައިވާ ކަމަށް ބުނެ އެވެ. އިންތިފް އެއްލާލި ފިސްތޯލައަކީ އިންސާނެއްގެ ގަޔަށް ޝޫޓްކޮށް މީހަކު މަރާލުމުގެ ގާބިލްކަން ލިބިގެންވާ ނުރައްކާތެރި ހަތިޔާރެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޯޑްނަންސް ސާވިސްއިން ތައްޔާރު ކޮށްފައިވާ ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަމަށް ދައުވާގައިވެ އެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީތަކުން އިންތިފްގެ އަތުން ފެނިފައިވަނީ އޭގެ ޒާތުގައި ނުރައްކާތެރި ހަތިޔާރެއްކަން ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އެހެންމުން ދައުލަތުން އުފުލާފައިވާ ދައުވާ އިންތިފްގެ މައްޗަށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.