ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ރައްދެއް: އެމްޑީޕީން ކުރަނީ "ފިނޑި" ކެމްޕޭނެއް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވަނީ "ފިނޑި" ކެމްޕޭނެއް ކަމަށް ސިފަކުރައްވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މުއިއްޒު ފެނިގެންދަނީ އޭނާއަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ނުދެެއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ނަމަވެސް މިއަދު އަލިފުށްޓަށް ވަޑައިގެން އެމްޑީޕީގެ ކެމްޕޭން ޓީމުތަކުން ކިޔާ ފާޑުކިޔުންތަކަށް ރައްދުދެއްވި އެވެ.

މުއިއްޒަށް އެންމެ ބޮޑަށް ފާޑު ކިޔަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ މިސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ބުނެ އެވެ. މީގެއިތުރުން މުއިއްޒުއަށް ވެރިކަން ލިބިއްޖެނަމަ ސަރުކާރު އަދި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގައި ތިބި އެމްޑީޕީގެ މެންބަރުން ވަޒީފާތަކުން ވަކިކުރާނެ ކަމަށް ބުނެވެސް މުއިއްޒުއަށް ފާޑު ކިޔަ އެވެ.

އަލިފުށީގައި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން މުއިއްޒު ވިދާޅުވީ އޭނާއަށް ދެކޮޅަށް ދޮގު ވާހަކަދައްކައިގެން ކުރަނީ ފިނޑި ކެމްޕޭނެއް ކަމަށެވެ.

"ވަރަށް ފިނޑި ނާތަހުޒީބު އަމަލެއް އެއީ،" މުއިއްޒު ވިދާޅުވި އެވެ.

މިސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން ގެންދާ އަލިފުށީގައި މިހާރު ފަށާފައިވާ އެއްވެސް މަސައްކަތެއް ނުހުއްޓުވާނެ ކަމުގައި މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެ މަޝްރޫއުތައް އިތުރަށް ފުރިހަމަކޮށް މަސައްކަތް އަވަސްކުރާނެ ކަމުގައި ވިދާޅުވި އެވެ.

އޭނާގެ ވާދަވެރިންނަށް މުއިއްޒު ގޮވާލެއްވީ ދޮގު ހަދައިގެން ވާހަކަދެއްކުމުގެ ބަދަލުގައި ޒިންމާދާރު ބަޔަކަށް ވުމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އަލިފުށީގެ ބިން އިތުރަށް ހިއްކައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކާއި ބޭންކުގެ ބްރާންޗެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަލިފުށީގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް ޒުވާނުންނަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެެވެ.

އަލިފުށިން އޭނާއަށް މެޖޯރިޓީ ލިބުމަށް އުއްމީދުކުރައްވާ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.