ގާސިމް އިބްރާހިމް

އިންޑިއާ އާއި ދޭތެރޭ ދެކޮޅުވެރިކަމެއް ނެތް: ގާސިމް

އިންޑިއާ އާއި ދޭތެރޭ އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބ. ތުޅާދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ގާސިމް ވިދާޅުވި އިންޑިއާ އާއި ދޭތެރޭ އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށާއި އިންޑިއާގެ ރައްޔިތުންނަށް އަބަދުވެސް އިހުތިރާމު ކުރާ ކަމަށެވެ. ނަމަވެސް ދިވެހިން އިންޑިއާއަށް ގޮސް އުޅޭ އުސޫލުތަކާއި ހަމަތަކުގެ މަތިން ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންވެސް ވަކި ހަމަތަކަކާ ވަކި އުސޫލުތަކެއްގެ ތެރޭގައި އުޅެންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ގެދޮރަށް ވަނުމުގައި ވަކި އުސޫލުތަކަކާއި ހަމަތަކެއް އެމީހުން ވެސް ގެންގުޅެން ޖެހޭ" ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހަތަރު ފަސް ދިމާލެއްގައި ބޭރުގެ ސިފައިން ތިބެން ނުޖެހޭ ކަމަށާއި، އެ ހުއްދަތައް ސަރުކާރުން ދީފައިވަނީ ގާނޫނުއަސާސީ އާއި ހިލާފަށް ކަމަށެވެ. އޭގެފަހުގައި ވިދާޅުވީ ރާއްޖެ މިވަގުތު މިސްރާބު ޖަހާފައި އޮތީ އަޅުވެތި ކަމަކާ ދިމާލަށް ކަމަށެވެ.

"މިގޮތަށް ކަންކަން ވަމުން މިދަނީ ސަރުކާރުން ގާނޫނުއަސާސީ އާއި ހިލާފަށް ކަންކުރުމުން،" ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ކުރިމަތި ލެއްވީ ދިވެހިން އެހެން ބައެއްގެ އަތް ދަށުވުމުގެ ކުރިން އެކަމުން ސަލާމަތް ކުރުމަށްޓަކައި ކަމަށެވެ. އިންޑިއާ ސަރުކާރުން މުސްލިމުންނާއި މެދު ކަންކުރަމުންދާ ގޮތް ފެންނަމުންދާ ކަމަށް ހަގަކުރައްވާ ގާސިމް ވަނީ އެފަދަ ބަޔަކު ދިވެހިން ދޫކުރާނެތޯ ސުވާލު އުފައްދަވާފަ އެވެ.

ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކަން މިއަދު ވަނީ ފަށާފަ އެވެ. އެކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ތުޅާދޫގައި އެއާޕޯޓް އެޅިގެން ދިއުމަކީ އެމަނިކުފާނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކަމަށް ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ. ނަމަވެސް ލޯނު ނަގައިގެން މިހާރު އަޅާ އެއާޕޯޓްތައް އަޅަނީ ތިން އެއާޕޯޓް އެޅޭ ހަރަދުގައި ކަމަށް ވިދާޅުވި އެވެ.

"ބޮޑުބައި ދަނީ ކޮރަޕްޝަނަށް. [ލޯނަށް] ނުދެއްކި އޮންނަ ބައި ދައްކަން މިޖެހެނީ ރައްޔިތުންނަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރު ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ ލޯންތައް ދެއްކުމަށްޓަކައި ޓެކްސް އިތުރަށް ބޮޑު ކުރާނެ ކަމަށެވެ. އެހެން ނޫނީ ގައުމުގެ ބައެއް ހަރުމުދާ ވިއްކާލާނެ ކަމަށާއި އެހެން ނޫނީ ލޯންތައް ދެއްކޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ގައުމު ތަރައްގީ ކުރެވޭނީ "ވިޝަނަރީ" ބޭފުޅަކު އިންތިހާބު ކޮށްގެން ކަމަށާއި، ރައީސް ސޯލިހަކީ އެކަމަށް އެންމެ ގާބިލް ބޭފުޅެއް ނޫން ކަމަށެވެ. ރައީސް ސޯލިހަށް ދެވޭ ކޮންމެ ވޯޓަކީ އިންޑިއާ އާއި އެއްކޮޅަށް ދެވޭ ވޯޓެއް ކަމުގައިވެސް ވިދާޅުވި އެވެ.

ބ. ތުޅާދޫ އަކީ ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމްގެ އުފަން ރަށެވެ.