ރިޔާސީ އިންތިހާބު 2023

ޣައްދާރުންނާއި ވާނުވާގައި ތިބި މީހުންގެ މައްސަލައަށް ހާއްސަ ގާނޫނެއް ހަދާނަން: މުއިއްޒު

ގައުމަށް ޣައްދާރުވާ މީހުންނަށް ފިޔަވަޅު އެޅުމަށާއި، "ވާނުވާ" ޖަހާފައި ޖަލުތަކުގައި ތިބި މީހުންގެ މައްސަލަތައް އަވަހަށް ހައްލުކުރެވޭނެ ގާނޫނެއް ފާސްކުރައްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. ދުވާފަރުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވީ ޖަލުތަކުގައި ވާނުވާ ޖަހާފައި އެތައް ބަޔަކު އެތައް ދުވަހެއް ވަންދެން އެބަތިބި ކަމަށެވެ. އެމައްސަލަ ހައްލުކުރުމަށް "ކްރިމިނަލް ކޮންޕެންސޭސަން" ގާނުނެއް ހަދައި ވާނުވާގައި ތިބި މީހުންނަށް ދައުވާކުރުމާ މެދު 48 ގަޑިއިރުގެ ތެރޭގައި ގޮތްތަކެއް ނިންމޭނެ ގޮތެއް ހަދާނެ ކަމަށެވެ.

"އެމީހަކާ ދޭތެރޭ ދައުވާކުރެވޭނެ ގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންކޮށް ވާނުވާގައި ތިބުން ދާއިމަށް ހައްލުކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ބޭފުޅުން ގައުމަށް ގައްދާރުވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި އެފަދަ ކަމަކަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ގައުމަށް ގައްދާރުވާ މީހުންގެ އަމަލުތައް ހުއްޓުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގައުމަށް ގައްދާރުވުން ނުވަތަ "ހައިޓްރީޒަން"ގެ ކުށް ބަޔާންކުރާ ހާއްސަ ގާނޫނެއް އެނާގެ ވެރިކަމެއްގައި ވުޖޫދަށް ގެންނާނެ ކަމަށެވެ. އެފަދަ ގާނޫނެއް މިއަދު ރާއްޖެއަށް ކޮންމެހެން ބޭނުންވެފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

ދުވާފަރުގެ ތަރައްގީއަށް ކޮށްދެއްވާނެ ކަންކަން ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދުވާފަރުގެ ހިއްކާފައިވާ ބިމުގައި ރޯހައުސް އަދި ފުލެޓް އަޅުއްވައިދެއްވާނެ ކަމަށެވެ.

ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކާއި ބޭންކުގެ ބްރާންޗެއް ގާއިމުކޮށްދީ ދުވާފަރާއި އެ ސަރަހައްދުގެ އެހެން ރަށްތަކުގެ މަސްވެރިން ބާނާ މަސް ކިރޭނެ ނިޒާމެއް ދުވާފަރު ރައްޔިތުން ކުރިން އުޅުނު ކަނދޮޅުދޫގައި ގާއިމުކުރައްވާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ފާނައިގެ މަސްވެރިކަމަށް ހާއްސަ ސްޓޯރޭޖް ޔުނިޓެއް ކޯލްޑް ސްޓޯރޭޖަކާ އެކު ގާއިމުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.