ޕީޕީއެމް

ތެލެސީމިއާ ކުދިންނަށް ހާއްސަ އެލަވެންސެއް ދޭނަން: މުއިއްޒު

ތެލަސީމިއާ ކުދިންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ރ. ދުވާފަރުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް، ޕީއެންސީގެ ސަރުކާރަކީ ހަމައެކަނި އިގްތިސޯދީ ކަންކަން ހަރުދަނާކުރާނެ ސަރުކާރެއް ނޫން ކަމަށެވެ. އިގްތިސާދާ އެއްވަރަށް ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައިވެސް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި ހާއްސަކޮށް ދައުލަތުގެ އެހީތެރިކަން ބޭނުންވާ މީހުންނަށް އިސްކަން ދޭނެ ކަމަށެވެ. އެގޮތުން ތެލަސީމިއާ ކުދިންނަށް ހާއްސަ އެލަވަންސެއް ތައާރަފްކުރުމަށް ވައުދުވެވަޑައިގެންނެވި އެވެ.

"އެ އެލަވަންސްގެ ސަބަބުން ތެލަސީމިއާ ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ގަބޫލުކުރެވޭ،" މުއިއްޒު ވިދާޅުވި އެވެ.

ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ހިލޭ ހެދޭނެ އިންތިޒާމު ސަރުކާރުގެ ތެރެއިން ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް މި ކެމްޕޭން ތެރޭގައި ހއ. އުތީމުގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މީގެ އިތުރުން އެކަނިވެރިމައިންނަށް ދޭ އެލަވަންސެއްގެ ގޮތުގައި 18 އަހަރު ނުވާ ކޮންމެ ކުއްޖަކަށް 3،000 ރުފިޔާގެ އެލަވަންސެއް ދިނުމަށާއި ޤުރުއާން ހިތުދަސް ހާފިޒުންނަށް ދޭ އެލަވަންސް 4،000 ރުފިޔާއަށް އިތުރުކޮށްދިނުމަށްވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

އުމުރުން ދުވަސްވެ ވަޒީފާއިން ރިޓަޔާކުރާ މީހުންނަށް ރިޓަޔާމެންޓް އެލަވަންސެއް ދެއްވާނެ ކަމަށްވެސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.