ޑރ. މުހައްމަދު މުއިއްޒު

މުއިއްުޒުގެ ވައުދު: ފައިނުގައި އެއާޕޯޓެއް އެޅުން

ރ. ފައިނުގައި އެއާޕޯޓްގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ޕީޕީއެމް ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއްިއްޒު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ރ. އިނގުރައިދޫއަށް ވަޑައިގެން ޑރ. މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފައިނުގައި އެއާޕޯޓެއް އެޅުއްވުމަށް ނިންމެވީ ވަރަށް ކުޑަ ސަރަހައްދެއް ހިއްކައިގެން ދެކޮޅު ޖެހޭ، ހަރަދު ކުޑަ އެއާޕޯޓެއް އެޅުއްވުމުގެ ބޭނުމުގައި ކަމަށެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ އެ މަޝްރޫއު އަލުން ފައްޓަވައި ރ. އަތޮޅުގެ އުތުރު ބިތުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރު ފަތުރު ފަސޭހަކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

ފައިނުގައި އެއާޕޯޓް އަޅުއްވާނެ ކަމަށް މުއިއްޒު އަލުން ވައުދުވިއިރު އެ ރަށުގައި އެއާޕޯޓް އެޅުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރި މަސައްކަތާ ދެކޮޅަށް އޭރު ވަރަށް ބޮޑަށް އިހްތިޖާޖުކޮށްފައިވެ އެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު އެ މަޝްރޫއު ހުއްޓާލުމަށް ނިންމީ ރައީސް ސޯލިހްގެ ސަރުކާރުންނެވެ.

ރ. އަތޮޅުގައި މިހާރު ރ. އިފުރުގައި އެއާޕޯޓެއް ހިންގަމުންދެ އެެވެ. މީގެއިތުރުން މިސަރުކާރުގައި ރ. އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް އެބަދެ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރ. ބެރިޔަންފަރުގައިވެސް އެއާޕޯޓެއް އެޅުމަށް ވައުދުވެވަޑައިގެންފަ އެވެ. މީގެއިތުރުން މިދިޔަ ހަފްތާގައި ރ. ދުވާފަރަށް ވަޑައިގެން އެމަނިކުފާނު ވަނީ ދުވާފަރު ފަޅު ހިއްކައިގެން އެރަށުގައިވެސް އެއާޕޯޓެއް އެޅިދާނެ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.

މުއިއްޒު ވިދާޅުވީ މަޝްރޫއުތައް ހުއްޓިފައި އޮތް ރަށްރަށަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ކަންކަން ނިންމައިދޭނެ ކަމަށެވެ. އަދި އެއްވެސް ރަށެއް ތަފާތު ނުކޮށް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށެވެ.

އިނގުރައިދޫ މަގުތައް ތަރައްގީކުރުމަށް އިއްޔެ އެ މަޝްރޫއު ބަޔަކާ ހަވާލުކުރުމުން މުއިއްޒު ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރަންވާނީ ދައުރު ނިމެން ހަފްތާއަކަށްވުމުން ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖަހާނެ ކަމަށެވެ. ގައުމުގެ ތަރައްގީއަށް ބޭނުންވާ އާމްދަނީ ހޯދުމަށްފަހުގައި ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަންނާނީ ޕްލޭނެއް ހިފައިގެން. އަދި ކަންކަން ކުރައްވާނީވެސް އެ ޕްލޭނާ އެއްގޮތަށް" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރ. އަތޮޅުގެ ކޮންމެ ރަށަކުންވެސް ބިން އިތުރު ކުރެވެން އޮތް އެންމެ ބޮޑަކަށް ބިން އިތުރު ކޮށްދެއްވާނެ ކަމަށެވެ. އަދި އިނގުރައިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށާއި، އިނގުރައިދޫ ހިމެނޭ ސަރަހައްދުގައި މަދުވެގެން އަލަށް 10 ރިސޯޓް ތަރައްގީކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.