ރިޔާސީ އިންތިހާބު 2023

ރައީސް ސޯލިހް ކެމްޕޭން ކުރައްވަނީ މުއިއްޒުއަށް: އަދުރޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވެސް މިހާރު ކެމްޕޭން ކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ކެމްޕޭން ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ 60 އަށް ވުރެ ގިނަ ރަށަށް މުއިއްޒު ވަޑައިގެންނެވިއިރު އެއްވެސް ކެންޑިޑޭޓަކާ ޒާތީކޮށް ދިމާކޮށް ޖަދަލުކުރައްވާ ނޫޅުއްވާ ކަމަށެވެ.

"ކޮންމެހެން ކެންޑީޑޭޓެއްގެ ފަހަތުގައި އަޅައިގަނެގެން ނެއްޓެއް ނޭނގިގެން އުޅުއްވާ މަންޒަރެއް ނުފެނޭ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހް ވަރަށް ކުރިން ކެމްޕޭން ފެއްޓެވުމަށްފަހު މުއިއްޒު، ރިޔާސީ ރޭހަށް ނިކުންނެވުމާ އެކު މިހާރު މުޅިންވެސް ފެންނަނީ މުއިއްޒުއަށް ކެމްޕޭން ކުރައްވާ މަންޒަރު ކަމަށެވެ. ރައީސް ސޯލިހް އެ ހާލަތަށް ވަޑައިގެންނެވީ އިލްމީ ގާބިލްކަން ނެތިގެން ދައްކަވާނެ ވާހަކައެއް އެނގިވަޑައިނުގެން އަބުރު ކަތިލެއްވުމުގެ ގޮތުންވެސް ކަމަށްވެސް ވިދާޅުވި އެވެ. އަދި މިހާރު ބައެއް އެހެން ކެންޑިޑޭޓުންވެސް މުއިއްޒުއާ ޒާތީކޮށް ދިމާކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

"ފުދުންތެރިކަން ނެތީމަ އެހެން މީހުންގެ އަބުރަށް އަރައިގަންނަމުން އެދަނީ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުއިއްޒު ރިޔާސީ ކެންޑިޑޭޓެއް ގޮތުގައި ނިކުމެވަޑައިން ހުންނެވީ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށާއި ގައުމު ސަލާމަތްކުރެއްވުމަށް އިލްމާއި ތަޖުރިބާ ހޯއްދަވައިގެން ކަމަށެވެ.

"އަބަދުވެސް ދަައްކަވަނީ ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވާ ކަންކަމާ ކުރާނެ ގޮތާއި ކުރާނެ ފައިދާ އާއި އަވަސްމިނުގެ ވާހަކަ،" އަދުރޭ ވިދާޅުވި އެވެ.

މުއިއްޒު އިސްވެ ހުންނަވާ ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީ، އޯގާތެރި ސަރުކާރެއް ގާއިމުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.