އާބަންކޯ

ކޮމިއުނިޓީ އާބަން ފާމިންގެ ދެވަނަ ބުރު ހުޅުވާލައިފި

ކޮމިއުނިޓީ އާބަން ފާމިންގެ ދެވަނަ ބުރު އާބަންކޯއިން ހުޅުވާލައިފި އެވެ.

އާބަންކޯއިން މުޖްތަމައުގެ އެކި ފަރުދުންނަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ދަނޑުވެރިކަން ހުޅުމާލޭގައި އިތުރުކުރުމަށް ހިންގޭ މަޝްރޫގެ ދެވަނަ ބުރުން ބިން ހޯދުމަށް ހުށަހެޅުމަށް ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އާބަންކޯއިން ބުނި ގޮތުގައި އެ ކުންފުނީގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުމެވެ.

މި މަޝްރޫއުގެ ދަށުން 673.3 އަކަފޫޓްގެ 12 ލޮޓް، ފަސް އަހަރުގެ ދުވަހަށް ކުއްޔަށްދޭ އުސޫލުން ދެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ކަމަށް އެދި ހުށަހެޅޭނީ، ހުޅުމާލޭގައި ދިރިއުޅެމުންދާ 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި އާބަން ފާމިންގްގެ އެހެން ޔުނިޓް އެއް މީގެ ކުރިން ލިބިފައިވާ ފާރާތަކަށް ވެގެން ނުވާނެ ކަމަށްވެސް ބުނެ އެވެ.


މީގެ އިތުރުން މި މަޝްރޫއު ހިންގޭނީ ތިން ކެޓަގަރީއަކަށް، ކޮންމެ ތިން މީހުންގެ ގްރޫޕަކަށް ލޮޓެއް ލިބޭ އުސޫލުންނެވެ.

އެގޮތުން ފުރަތަމަ ކެޓަގަރީ ފަރުމާކުރެވިފައިވަނީ އަންހެނުން ބާރުވެރިކުރުވުމަށެވެ. ދޫކުރެވޭ ޔުނިޓް ތަކުގެ 50 ޕަސަންޓު ވަނީ އަންހެނުންނަށް ހާއްސަ ކުރެވިފަ އެވެ.

ދެވަނަ ކެޓަގަރީއަކީ ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީއެކެވެ. އެގޮތުން މި ކެޓަގަރީއަށް 25 ޕަސަންޓު ހާއްސަކުރެވިފައިވެ އެވެ. މިއާއެކު ތިން ވަނަ ކެޓަގަރީ އަކީ އާންމުކޮށް ހުޅުވާލެވޭ ކެޓަގަރީ އެވެ. މި ކެޓަގަރީއަށް 25 ޕަސަންޓު ހާއްސަކޮށަފައިވެ އެވެ.

މި ޔުނިޓު ތަކުން ތަފާތު ހިދުމަތްތައް ލިބިގެންދާކަމަށް އާބަންކޯގެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މި ހިދުމަތްތަކުގެ ތެރޭގައި ގަސްކާނާ ފިހާރަ، ހައިޑްރަޕޮނިކް ސިސްޓަމް ފަދަ ދަނޑުވެރިކަމަށް ބޭނުނަވާ ހުރިހާ ވަސީލަތެއް ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އާބަންކޯ ވެބްސައިޓު މެދުވެރިކޮށް ފޯމް ލިބޭނެ ކަމަށާއި 28 ސެޕްޓެމްބަރުގެ ކުރިން ފޯމް ލުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އާބަންކޯއިން ބުނެފައިވެ އެވެ.