ގދ. ކާނޑެއްދޫ އާއި ތިނަދޫ ބުރިޖަކުން ގުޅާލާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. ދުވާފަރުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މިވައުދު މުއިއްޒު ވެވަޑައިގަތީ އޭނާ ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށު ފަޅު ހިއްކާ އެތަނުގައި އިންޓަނޭޝަލް އެއާޕޯޓެއް ހެދުމަށް ވައުދުވެވަޑައިގަތުމުން ތިނަދޫގެ ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދިފައިވާ ކަމަށް ވިދާޅުވުމަށްފަހު އެވެ.
މުއިއްޒު ވިދާޅުވީ ގއ. އަތޮޅާއި ގދ. އަތޮޅުގައި 10،000 އެނދު ޓޫރިޒަމްގެ ދާއިރާ އިން މާކެޓަށް ނެރުމަށް ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާއިރު އެ ދެ އަތޮޅަށްވެސް އިންޓަނޭސަނަލް އެއާޕޯޓް ބޭނުންވާނެ ކަމަށެވެ. އެހެންކަމުން ގއ. ވިލިނގިލީގައި އިންޓަނޭސަނަލް އެއާޕޯޓެއް އެޅުމަށްފަހު ހުވަދު އަތޮޅުގައި ހަދާ ދެވަނަ އިންޓަނޭޝަނަލް އެއާޕޯޓް ހަދާނީ ކާނޑެއްދޫގައި ކަމަށާއި އެ ރަށާއި ތިނަދޫ ކޯޒްވޭ އާއި ބުރިޖުން ގުޅާލާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކާޑެއްދޫ އަދި ވިލިނގިލީގައި ހަދާ އިންޓަނޭޝަނަލް ދެ އެއާޕޯޓަކީވެސް އެއް ފެންވަރެއްގައި ހެދިގެން ދާނެ ދެ ބައިނަލްއަގްވާމީ އެއާޕޯޓް ކަމަށެވެ.
"ދެ އެއާޕޯޓަކީ ވެސް، މި ދެންނެވިހާ އެނދުތައް ތައާރަފުކޮށްގެން ގެންދަންޔާ ޒަރޫރީ ކަމެއް. ކާނޑެއްދޫގެ އެއާޕޯޓަކީ ސާފުކޮށް މި ދެންނެވީ ކާޑެއްދޫ އިންޓަނޭޝަލް އެއާޕޯޓަކަށް ހަދައިދޭނަން" މުއިއްޒު ވިދާޅުވި އެވެ.
މިޖަލްސާގައި މުއިއްޒު ވަނީ ތިނަދޫއަށް ވެވަޑައިގެންވި ބައެއް ވައުދުތަވެސް އިތުރަށް ތަފްސީލްކޮށްދެއްވާފަ އެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީ، ތިނަދޫ ސިޓީއެއްގެ ފެންވަރަށް ތަރައްގީކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ކާނޑެއްދޫ އެއާޕޯޓް ވިލާ ގުރޫޕާ ހަވާލުކޮށްފައިވަނީވެސް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. ތިނަދޫގައި ބޭއްވި ޖަލްސާގައިވެސް އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.