ގދ. ތިނަދޫ ސިޓީ އަކަށް ބަދަލުކޮށް މިރޭ އެކަން އިއުލާންކުރަނީ ގާނޫނާ ހިލާފަށް ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާން އަދި ކެމްޕޭން އެޖެންޓް މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ތޮލާލް ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެނީ ގާނޫނާ ގަވާއިދާ ހިލާފަށް ކަމަށެވެ.
ތޮލާލް ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ މިރޭ ދެނީ ރައީސް ސޯލިހް ވެރިކަމުން ފައިބައިވަޑައިގަތުމުގެ ކުރިން ޑރ. މުއިއްޒަށް ގޮންޖެއްސެވުމަށް ކަމަށެވެ. މިފަދަ އަމަލުތަކުން އެނގިގެންދަނީ ރައީސް ސޯލިހް އިންތިހާބުން ބަލިވެގެން ގޮސްފައިވާ މިންވަރު ކަމަށްވެސް ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ ރައީސް ސޯލިހަކީ ވެރިކަމަށް ކުފޫ ހަަމަވާ ބޭފުޅެއް ނޫންކަން ރައްޔިތުންނަށް މިހާރު އެނގޭނެ ކަމަށެވެ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށްވެސް ވިދާޅުވި އެވެ.
"ތިނަދޫ ސިޓީ އަކަށް ބަދަލުކުރަންޔާ ކީއްވެތޯ ޕާކިން ޖޫރިމަނާތައް މައާފް ނުކޮށްދެވިގެން އެ އުޅުއްވަނީ. ރައްޔިތުން މާބަލައިގަންނާނެ އެކަން،" ތޮލާލް ވިދާޅުވި އެވެ.
ތޮލާލް އިތުރަށް ވިދާޅުވީ ގާނޫނާ ހިލާފަށް ރައީސް ސޯލިހް ހިންގާ އަމަލުތަކަކީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ހިންގާ ފިނޑި އަމަލުތަކެއް ކަމަށާއި މިއީ އިލެކްޝަންސް ކޮމިޝަނުން ހުއްޓުވަން ޖެހޭ ކަމެއް ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލާ ދުވަހުގެ ވަކި ހިސާބަކުން ގައުމު ހަލަބޮލިކޮށްލުމަށް އެމްޑީޕީން މަޝްވަރާ ކުރާ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވުމަށްވެސް ތޮލާލް އެދިވަޑައިގެންނެވި އެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދެކެވެ. އަދި މިއީ ތިނަދޫ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމަކަށްވީ ނަމަވެސް މިއަދާ ހަމައަށްވެސް މިކަން އޮތީ ނުވެ އެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭނެ ކަމަށް މުއިއްޒު އިއުލާންކުރެއްވީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ތިނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސިޓީއެއްގެ ދަރަޖަ ލިބޭ ޝަރުތުތައް
- ސިޓީއެއްގައި އާބާދީ 10،000 އަށް ވުރެ ދަށްނުވުން
- ޓާޝަރީ ހޮސްޕިޓަލެއް ހުރުން
- ކޮމާޝަލް ހާބަރެއްގެ ހިދުމަތް ލިބެން ހުރުން.
- ބޭންކެއްގެ ހިދުމަތް ލިބުން
- ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް ހިމަނައިގެންނަމަ ސިޓީގެ މައި ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށަކަށްވުން
- ފުރަތަމަ ޑިގްރީއާ ހަަމައަަށް ތައުލީމު ހާސިލްކުރެވޭނެ މަރުކަޒެއް ހުރުން
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދަނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ރަޖިސްޓްރީވެފައިވާ އާބާދީ 10،000 އަށް އެރުމުންނެވެ. ގާނޫނުގައި ބުނާ ގޮތުން ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބޭ އާބާދީ އެރަށުގެ ދަފްތަރުގައި ރަޖިސްޓްރީވެފައެއް ނުވެ އެވެ.
އެންމެ ފަހުން އާންމުކުރި ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ތިނަދޫގެ އާބާދީ އަކީ 8،000 ވަރަކަށް މީހުންނެވެ. އެހެންނަމަވެސް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު ވިދާޅުވި ގޮތުގައި ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް، ގާނޫނުގައިވާ ބުނާ މިންވަރަށް އެ ރަށުގައި މިހާރު ވަނީ އާބާދީ ހަމަވެފަ އެވެ.
އެމްޑީޕީއަށް ބޮޑު ސަޕޯޓެއް އޮންނަ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެ ރަށު ކައުންސިލުންނާއި ރައްޔިތުން ގެންދަނީ ތަކުރާރުކޮށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކުގައި އެދެމުންނެވެ.