ދުނިޔޭގެ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިކެއަރ އިން އޭޖްޑް ކެއަރ މޯލްޑިވްސްއާއި މޯލްޑިވްސް ސީނިއަ ސިޓިޒަންސް އެސޯސިއޭޝަނާ ގުޅިގެން އިސްރަށްވެހިންގެ ހެލްތު ސްކްރީނިން ހަރަކާތެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
އުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނަށް ހުޅުވާލެވިގެން ހިންގާ މި ހާއްސަ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ގަލޮޅު މަދަރުސާ ހޯލު ގައެވެ.
މި އިވެންޓުގައި ލޮލުގެ ހާއްސަ ޑޮކްޓަރުންނާއި އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންނަށް ހިލޭ ކޮންސަލްޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މީގެ އިތުރުން ލޮލުގެ ފެނުން ޗެކުކުރުމާއި ލޮލުގެ ސިއްހަތު ދެނެގަތުމާއި، ލޭގެ ޕްރެޝަރު އަދި ހަކުރު ޓެސްޓު ކުރުމާއި އަނގައާއި ދަތުގެ ސިއްހަތު ދެނެގަތުމާއި އަދި ބޮޑީ މާސް އިންޑެކްސް ބެލުން ފަދަ ހިދުމަތްތައް ދޭނެ އެވެ.
ސިއްހީ ހިދުމަތުގެ އިތުރުން މިހަރަކާތަކީ ރަހުމަތްތެރި މާހައުލެއްގައި އިސްރަށްވެހިންގެ ތަޖުރިބާތައް ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދީ އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުސަތެކެވެ. އަދި މިއީ އިސްރަށްވެހިންގެ މެދުގައި ދުޅަހެޔޮ ކަމާއި ސިއްހަތު މެނޭޖުކުރުމަށް ހޭލުންތެރިކަން އިތުރުކޮށްދޭނެ ހަރަކާތެކެވެ.
ހެލްތު ސްކްރީނިން އިވެންޓާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އައިކެއަރގެ ހޮޓްލައިން 3321026 އަށް ގުޅުމުން އެ މައުލޫމާތު ލިބިގެންދާނެ އެވެ.