ހޮލީވުޑް

ޖޮނީ ޑެޕްގެ ތަރި އޮއްސެނީތަ؟

ހޮލީވުޑްގެ އޭ-ލިސްޓަށް ނިސްބަތްވާ އެކްޓަރު، ޖޮނީ ޑެޕްގެ އާ ފިލްމަކީ، އެކްޝަން ކޮމެޑީ "މޮޑެކާއި" އެވެ. މިއީ ފްލޮޕެކެވެ. ލަޔަންސް ގޭޓާއި އޮޑް ލޮޓް އެންޓަޓެއިންމަންޓުން 60 މިލިއަން ޚަރަދުކޮށްގެން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި އަދި ލިބިފައި ވަނީ 1.5 މިލިއަން ޑޮލަރެވެ.

މިއީ އެއްވެސް ބަޔަކު ބަލަން ޝައުގުވެރިވާ ކޮމެޑީ ފިލްމެއް ނޫނެވެ. އެހެންވީމަ، ތަފާތު އަދި އާދަޔާހިލާފު އެތައް މޫނުތަކަކާ އެކު ބޮޑު ސްކްރީނުގައި ބެލުންތެރިންގެ ހިތް ފަތަހަކުރި ޖޮނީ ޑެޕްގެ ތަރި އޮއްސެނީ ހެއްޔެވެ؟ ނުވަތަ އޮއްސުނީ ހެއްޔެވެ؟

ޖޮނީ ޑެޕްގެ ފިލްމެއް ޒަމާންގަނޑަކަށް ފަހުން އަލަށް ފްލޮޕްވީކީއެއް ނޫނެވެ. އޭނާގެ މި ހިތި ތަޖުރިބާގެ ސިލްސިލާ އާންމުވެ ފޫހިވާވަރަށް މިހާރު ދިގުވެއްޖެ އެވެ. މީގެ ކުރިން ނުކުތް އޭނާގެ ތިން ފިލްމުގައި ވެސް އަޅުވަން ޖެހުނީ ފްލޮޕް ބޯޑެވެ.

އެއީ "ޓްރާންސެންޑެންސް" އާއި "ދަ ލޯން ރޭންޖާ" އަދި "ޑާކް ޝެޑޯސް" އެވެ. މި ފިލްމުތަކުން މާ ބޮޑު ވިޔަފާރިއެއް ނުކުރެވުނުއިރު ފާޑުކިޔުންތެރިންގެ މެދުގައި ވެސް ތައުރީފު ލިބޭ ވަރެއް ނުވި އެވެ.

ޑެޕްގެ އާ ފިލްމު "މޮޑެކާއި" އަށް ވެސް ފާޑުކިޔުންތެރިން ދަނީ މެދުނުކެނޑި ހަމަލާތައް ދެމުންނެވެ.

މި ފިލްމުގެ ޝޯތައް ފެށީ 2،000 އަށް ވުރެ ގިނަ ސިނަމާގައި ދައްކައިގެން ގާތްގަނޑަކަށް މިލިއަނެއްހާ ޑޮލަރުގެ ޓިކެޓް ވިއްކައިގެންނެވެ. އޭ ލިސްޓްގެ އެކްޓަރަކު ލީޑް ރޯލު ކުޅެފައިވާ ފިލްމަކަށް ބަލާއިރު މިއީ ވަރަށް ވެސް ދަށް އަދަދެކެވެ.

މިދިޔަ އަހަރު ނެރުނު ޑެޕްގެ ފިލްމު، "ޓްރާންސެންޑެންސް" އަށް އެމެރިކާގެ ބޮކްސް އޮފީހުގައި ލިބުނީ 23 މިލިއަން ޑޮލަރެވެ. އެއީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ.

އެންމެފަހުން ބޭރު ގައުމުތަކުގައި ފިލްމު ދައްކައިގެން ލިބުނު ފައިސާއިން ކިރިޔާ ބަޖެޓް ކަވަރުކުރެވުނީ އެވެ.

ޑިޒްނީގެ ލޭބަލުގައި ނެރުނު "ލޯން ރޭންޖާ" އަކީ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދައިގެން އެމެރިކާގެ ބޮކްސް އޮފީހުގައ 150 މިލިއަން ޑޮލަރު ލިބުނު ފިލްމެކެވެ.

ފަހުގެ ތާރީޚެއްގައި ޑެޕްގެ އެންމެ ކާމިޔާބު ފިލްމުތަކަކީ އޭނާގެ ކެރިއަރުގެ ވެސް އެންމެ ފާހަގަކޮށްލެވޭ ފިލްމު ސިލްސިލާ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ފިލްމުތަކެވެ. އަދި ޓިމް ބާޓަން ޑައިރެކްޓްކޮށްފައިވާ "އެލިސް އިން ވޮންޑަލޭންޑް" އަކީ ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

ޖޮނީ ޑެޕްގެ އާ ފިލްމުގައި އޭނާ ފެނިގެންދާނީ ގޭންގްސްޓާރެއްގެ ގޮތުގަ އެވެ. މިއީ ވާނާ ބްރޯސްގެ ފިލްމެކެވެ. ފިލްމުގެ ނަން އިއުލާނުކޮށްފައި ނުވާއިރު "އެލިސް އިން ވޮންޑަލޭންޑް" ގެ ދެ ވަނަ ބަޔާއެކު އޭނާ އަންނަ އަހަރުގެ މެއި މަހު ބެލުންތެރިންނާ ހަމަ އަށް އަންނާނެ އެވެ. އެ ފިލްމުގައި ޑެޕް ކުޅެނީ މޭޑް ހެޓާގެ ރޯލެވެ.