ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ މެސެޖު: ކެމްޕޭނަށް ނިކުންނަވާ، ވަޒީފާ އަނބުރާ ދޭނަން

އިދިކޮޅު ކެމްޕޭންގައި ބައިވެރިވެގެން ވަޒީފާ އިން ވަކިކުރި ނަމަވެސް އޭނާ ވެރިކަމަށް ވަޑައިގަންނަވާ ގޮތަށް އެ ވަޒީފާ އަނބުރާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ދެއްވައިފި އެވެ.

ބ. ދަރަވަންދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ކެމްޕޭންގައި ބައިވެރިވުމަށާއި މަރުހަބާ ކިޔުމަށް ވަރަށް ގިނަ މީހުން، ހާއްސަކޮށް ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުގައި އުޅޭ މީހުން ބޭނުންވާ ކަން ގިނަ ރަށްތަކަކުން ފާހަގަވާ ކަމަށެވެ.

"އެހެންނަމަވެސް އެ ކުންފުނިތަކެއްގެ މެނޭޖަރުން ނުވަތަ އިސް ބޭފުޅުން ބައްލަވަން މި ހުންނަނީ ނިކުމޭތޯ އެބޭފުޅުން. ވަރަށް ބޮޑަށް ބިރުވެރިކަމެއް ހިތުގެ ތެރޭގައި އުފެދިފައި މިތިއްބަވަނީ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަތުރުކުރެއްވި ގިނަ ރަށްރަށުން ފެނިގެން ދިޔައީ އެ ރަށުގެ ރައްޔިތުން ދިރިއުޅެމުންދާ ބިރުވެރި މާހައުލު ކަމަށެވެ. އަދި އެއީ އެއްގޮތަކަށްވެސް އެކަން އޮންނަން ޖެހޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެެ. ވަޒީފާއެއް ދެނީ ވަކި މީހަކަށް ވަކި ގޮތަކަށް ތާއީދު ކުރުމަށް ޝަރުތުކޮށްފައި ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންވީމާ މިހާރު މި ރަށުގައިވެސް އެ ކުންފުނިތަކާއި ސަރުކާރުން އެކި ކަހަލަ މުއައްސަސާތަކުން ވަޒީފާގައި ތިބި ސިޔާސީ މަގާމުތައް ފިޔަވައި ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުން، އެއްގޮތަކަށްވެސް އެކަމުގަ ބާކީ މިއޮތް އަށެއްކަ ނުވަ ވަރަކަށް ދުވަހު ކަންބޮޑުވެލައްވަން ނަހައްދަވާށޭ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ގިން ބައެއްގެ ތާއީދާއެކު އޭނާއަށް މި އިންތިހާބު ކާމިޔާބު ކުރެވިގެންދާނެ ކަމަށެވެ. އަދި ކާމިޔާބު ކުރެވިއްޖެ ނަމަ މިހާރު ހުރި ވަޒީފާއިން އެމީހުން ވަކިކުރިކަމުގައިވިޔަސް މާ ގިނަ ދުވަހެއް ނުވެ ވަޒީފާ އަނެއްކާވެސް ހަވާލުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރަށުގެ ވަޒީފާގައި ތިއްބެވި ބޭފުޅުންވެސް އަދި އެހެން ރަށްރަށުގެ ބޭފުޅުންނަށްވެސް އަޅުގަނޑު ޔަގީންކަން މި ދެއްވަނީ، އެއްގޮތަކަށްވެސް ކަންބޮޑުވެ ނުލައްވާށޭ އެކަމުގަ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ މީހަކު ހުރި ރަށެއްގައި ހުރެގެން ހަމަ އެ މުސާރައިގައި ވަޒީފާ ހޯދައިދޭނެ ކަމަށެވެ. އަދި އޭނާގެ އަމާޒަކީ އެއަށް ވުރެ ރަނގަޅު، ބޮޑު މުސާރައެއް ދިނުން ކަމަށްވެސް ވިދާޅުވި އެވެ.

"އިސްތިސޯދުގަ މިހާރު މިއޮތް ދަރަންޏާއި ހުރިހާ ކަމަކަށް ހައްލުތައް ގެންނަމުން ދާ ވަރަކަށް މުސާރަ ވެސް ބޮޑު ކޮށްދޭނަން." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ވަޒީފާގެ ޔަގީންކަމާއި މުސާރަ އެ ހުރި ވަރަށްވުރެ ކުޑަ ނުވެ، ބޮޑު ވުމުގެ ޔަގީންކަން އޭނާ ހުރިހާ ރައްޔިތުންނަށްވެސް ދެއްވާ ކަމަށެވެ. އެ ކަމާއި ދޭތެރޭގައި ކަންބޮޑުނުވެ އޭނާއާއި އެކީގައި ބާކީ މިއޮތް ދުވަސްކޮޅުގައި ކެމްޕޭން ކަންތައްތަކުގައި ބައިވެރި ވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.