ދިރާގު

ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަށް ދިރާގުން އެހީ ފޯރުކޮށްދެނީ

ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެ ޖަމާއަތުން ތައާރަފް ކޮށްފައިވާ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް'ގައި ދިރާގުން ބައިވެރިވެ ދިވެހި ރެޑް ކްރެސެންޓުންދޭ ހިދުމަތްތަކުގައި އެހީތެރިވުމަށް ނިންމައިފި އެވެ.

ދިރާގުން ދަނީ 2018 ވަނަ އަހަރުން ފެށިގެން ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެ އެވެ.

ދިވެހި ރެޑް ކްރެސެންޓްގެ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް"ގައި ދިރާގުން ބައިވެރިވުމުގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައި އާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދެވޭނެ އެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން ހިމެނެ އެވެ. މީގެ އިތުރުން މި އެހީގެ ސަބަބުން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްގީ ކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

"ދިވެހި ރެޑް ކްރެސެންޓްގެ ޓީމާއި ހުރިހާ ވޮލަންޓިއަރުން ކުރައްވަވާ މުހިއްމު މަސައްކަތުގެ އަގު ވަޒަންކޮށް ދިވެހި ރެޑްކްރެސެންޓުން ކުރައްވާ ގައުމީ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވި އެވެ.

މިވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ނަފްސާނީ އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށްދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ފަދަ ޓެލެކޮމިއުނިކޭޝަނާ ގުޅުންހުރި ހިދުމަތްތައް ދިނުމުގައި ދިރާގުން ފޯރުކޮށްދީފައިވާ އެހީތެރިކަން ދިވެހި ރެޑް ކްރެސެންޓުން ފާހަގަކުރެ އެވެ. މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައި އާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހިވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓާ ދެމެދު ގާއިމުކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ދިރާގާއި ރެޑް ކްރެސެންޓުން ބުނެ އެވެ.