ޑރ. މުހައްމަދު މުއިއްޒު

ސުއައިބްގެ މަރު: ބޭބެ މަރާލި ކަމަށް ކޮއްކޮ އިއުތިރާފް ވެއްޖެ

އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ މަރާލި ކަމަށް މިމަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކޮއްކޮ -- ހުސައިން މަވާޒް ކްރިމިނަލް ކޯޓުގައި މިއަދު އިއުތިރާފް ވެއްޖެ އެވެ.

މަވާޒް ހަމަލާ ދިނުމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާގެ ބޭބެ -- މަރަދޫފޭދޫ، ބްލޫ ސްޓާ، އަހްމަދު ޝުވައިބް (27 އ) މަރުވީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ.

ބޭބެ މަރާލުމަށްފަހު މަވާޒް ފުރަތަމަ އުޅުނީ ފިލައިގެންނެވެ. އޭނާ ހައްޔަރުކުރީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުންނެވެ.

ދައުލަތުން މަވާޒަށް ދައުވާކުރަނީ މާރާމާރާ ހިންގުމަށްފަހު ވަޅިއަކުން ހަމަލާދީ އޭނާގެ މަރާލި މައްސަލާގަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި މަވާޒް ވަނީ އޭނާގެ ބޭބެއަށް ހަމަލާދީ މަރާލި ކަމަށް އިއުތިރާފްވެ އެކަން ހިނގި ގޮތް ކިޔައިދީފަ އެވެ. ކުރެވުނު ކުށަށް ތައުބާވެފައިވާ ކަމަށްވެސް ބުންޏެވެ.

މަވާޒްގެ އިއުތިރާފާ ގުޅިގެން ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން މިއަދު ވަނީ ކަނޑައަޅާފަ އެވެ.

މަވާޒަށް އަދަބު ކަނޑައެޅުން އޮންނާނީ އަދި 10 ވަރަކަށް ދުވަސް ފަހުން ކަމަށް ކޯޓުން ބުނެފައިވެ އެވެ.

ދައުލަތުން މަވާޒްއާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް މަވާޒް ކުރިއަށްދާނަމަ އޭނާގެ މައްޗަށް އިއްވާނީ 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ.