ފަހި ދިރިއުޅުން ކޯޕަރޭޝަން

އަތޮޅު ތެރެއަށް އިސްކަންދީގެން 4،000 ފްލެޓް އަޅަނީ

މާލެ ސަރަހައްދާއި އަތޮޅުތަކުގައި 4،000 ހައުސިން ޔުނިޓް އެޅުމަށް އެމެރިކާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން މިއަދު މިމަޝްރޫއު ހަވާލުކުރީ އެމެރިކާގެ ސްޓްރަކްޗާސް އަންލިމިޓެޑަށެވެ.

އެއްބަސްވުމުގައި ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ކަރީމް ޖަމަލް އަބްދުސް-ސަލާމެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފަރާތުން ސޮއިކުރެއްވީ، އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސަލްފިޔާ އަންވަރެވެ.

މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސޯޝަލް ހައުސިން ޔުނިޓް އަޅާނެ އެވެ. އެގޮތުން އައްޑޫ ސިޓީގައި 750 ހައުސިން ޔުނިޓް، ގދ. ތިނަދޫގައި 500 ހައުސިން ޔުނިޓް، ލ. ގަމުގައި 1000 ހައުސިން ޔުނިޓް، ކުޅުދުއްފުށި ސިޓީގައި 1000 ހައުސިން ޔުނިޓް އަދި މާލެ ސަރަޙައްދުގައި 750 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

މަޝްރޫއުގެ ޖުމްލަ އަގު 249 މިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު، އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ ހައުންސިން ޔުނިޓްތައް، އަމަލީ މަސައްކަތް ފަށާތާ 36 މަސް ދުވަސް ތެރޭ ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މިދިޔަ އޮގަސްޓް ދެވަނަ ދުވަހު ހުޅުމާލޭގައި އިތުރު 4،000 ފްލެޓް އެޅުމަށްވެސ އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ ހަވާލުކޮށްފަ އެވެ. އިންޑިއާގެ އެންބީސީސީއާ ހަވާލުކޮށްގެން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެންވެސް 2،000 ފްލެޓް އެޅުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.