މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލް ފުލެޓްތަކުގެ ކުލި ކުޑަކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ އެމްޕީއެލްގެ ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފީ ކުޑަކޮށްފި އެވެ.

އެމްޕީއެލްގެ ބޯޑުން ނިންމާފައިވަނީ ޑައުންޕޭމަންޓަށްފަހު 25 އަހަރު ދުވަހުގެ ތެރޭގައި ފްލެޓްތަކުގެ މަހު ކުލި ދެއްކުމުގެ ފުރުސަތު މުވައްޒަފުންނަށް ދިނުމުގެ ގޮތުން ކުލި ދެއްކުމުގެ ގަވާއިދަށް ބަދަލު ގެނައުމަށެވެ. މީގެ ކުރިން މަހުން މަހަށް ފައިސާ ދައްކަމުން އައީ 20 އަހަރުގެ އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުންނެވެ.

އެމްޕީއެލް އިން ބުނީ ޑައުން ޕޭމަންޓްގެ އޮޕްޝަން އެކެއްގެ ދަށުން ފައިސާ ދައްކާފައިވާ މުވައްޒަފުން މިހާރު އެއް ކޮޓަރީގެ ސްޓޫޑިއޯ އެޕާޓްމަންޓެއް (ޓައިޕް އޭ) ގެ މަހު ކުލީގެ ފުރަތަމަ ފަސް އަހަރު 3747 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އެއް ކޮޓަރީގެ ސްޓޫޑިއޯ (ޓައިޕް ބީ) އެޕާޓްމަންޓެއްގެ މަހަކު ކުލީގެ އަގަކީ ފުރަތަމަ ފަސް އަހަރު 3780 ރުފިޔާ އެވެ.

ބާކީ 20 އަހަރު ދުވަހުގެ ތެރޭގައި ޓައިޕް އޭ އެޕާޓްމަންޓްތަކުގެ މަހަކު ކުލީގެ އަގަކީ 4055 ރުފިޔާ ކަމަށާއި ޓައިޕް ބީ އެޕާޓްމަންޓްތަކުގެ މަހަކު ކުލީގެ އަގަކީ 4209 ރުފިޔާ ކަމަށެވެ. ކުރިއެކޭ އެއްފަދައިން ޑައުން ޕޭމެންޓް ނުދައްކާ 20 އަހަރުގެ ތެރޭގައި މަހު ކުލި ދައްކާނަމަ ޓައިޕް އޭ އެޕާޓްމަންޓް ހުންނަ މުވައްޒަފުން 4579 ރުފިޔާ ދައްކަން ޖެހޭއިރު ޓައިޕް ބީ އެޕާޓްމަންޓްތަކުން 4749 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

މި އޮޕްޝަންގެ ދަށުން 2 ކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ އެޕާޓްމެންޓުތަކުގެ ޓައިޕް އޭ އަށް ދައްކަން ޖެހެނީ ފުރަތަމަ 5 އަހަރު 7015.8ރ. އެވެ. އަދި ބާކީ 20 އަހަރު ދައްކަން ޖޭހޭނީ، 8073.56ރ. އެވެ. މި ބާވަތުގެ ޓައިޕް ބީ އެޕާޓްމެންޓުތަކަށް ފުރަތަމަ ފަސް އަހަރު ދައްކަން ޖެހޭނީ 7182.6ރ. އެވެ. އަދި ބާކީ 20 އަހަރު 8260.45ރ. މަހު ކުލިއަށް ދައްކާލެވޭނެއެވެ.

އެމްޕީއެލްއިން ބުނީ މި ނޫން އޮޕްޝަންތަކަށް ޑައުން ޕޭމެންޓް ދައްކާފައިވާ ފަރާތްތަކުން، ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށް، މި އުސޫލުން ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް، މަހު ކުލި ކުޑަކުރެވޭނެއެވެ. އެގޮތުން އެ ފަރާތްތަކަށް އޮޕްޝަން 1 އަށް ބަދަލުވާން ބޭނުން ނަމަ 2 އަހަރުގެ މުއްދަތެއް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެކުންފުނިން ވަނީ މިއަހަރުގެ ނިޔަލަށް ކުލި ނުނެގުމަށްވެސް ނިންމާފައެވެ. އެ ކުންފުނިން އަންނަނީ 15 ބުރީގެ 3 ޓަވަރުގެ މަސައްކަތް ކުރަމުންނެވެ. މި ޓަވަރުތަކުގައި 534 އެޕާޓްމަންޓް ހިމެނޭއިރު އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 330 ފްލެޓެވެ.