އެސްޓީއޯ

އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރަކަށް އެސްޓީއޯ

ފާމަސޫޓިކަލް އުފެއްދުންތައް އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާގެ އުފެއްދުންތަކެއް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި އަދި ރާއްޖޭގެ ލީޑިން މެޑިކަލް ސަޕްލައި އެސްޓީއޯ އިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު މިކަމަށްޓަކައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ސައީދު އާއި އެސްޓްރަޒެނިކާގެ ބިޒްނަސް މެނޭޖަރު އަބިޝެކް ކައުޝިކްގެ އިތުރުން ރާއްޖޭގެ ސިއްހީ ހިދުމަތުގައި މަސައްކަތްކުރައްވާ ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެސްޓްރަޒެނިކާގެ އުފެއްދުންތައް އެސްޓީއޯއިން ފޯރުކޮށްދެމުންދާނީ ރާއްޖޭގެ އެކްސްކުލޫޒިވް ޑިސްޓްރިބިއުޓަރުގެ ގޮތުގައެވެ.

އެސްޓީއޯ އިން ބުނީ މިއާއެކު ބޭސް އުފައްދާ ސީދާ ކުންފުންޏާ ގުޅިގެން ހަރަދު ކުޑަކޮށް ބޭސް އެތެރެކުރެވި، ދާއިމީ ބަލިތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބާރު ލިބިގެންދާނެ ކަމަށެވެ. އެކުންފުނިން އަބަދުވެސް ކަށަވަރުކުރާ އެއްކަމަކީ ރާއްޖެ އެތެރެކުރާ ބޭސް ތަކަކީ ފެންވަރު ރަނގަޅު ބޭސްތަކަކަށްވުން ކަމަށްވެސް ބުންޏެވެ.

އެސްޓްރަޒެނިކާ ފަދަ ކުންފުންޏެއްގެ އުފެއްދުންތައް ލިބޭނެ މަގު ހޯދުން ވެގެންދާނީ އެސްޓީއޯއިން ފޯރުކޮށްދޭ ބޭހާމެދު ރައްޔިތުންގެ އިތުބާރު އިތުރަށް ބޮޑުވެގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ގަބޫލުކުރެ އެވެ.

އެސްޓްރަޒެނީކާއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ 14 ބޭހެއް އާސަންދައިގެ ދަށުން ކަވަރުކުރުމަށް ރަޖިސްޓްރީ ކުރެވިފައިވެ އެވެ.

މީގެ ތެރޭގައި ކެންސަރު ބައްޔާއި، ގޭސްޓްރިކް އަދި ހަކުރު ބަލީގެ މީހުންނަށް ހާއްސަ ބޭސްތައްވެސް ހިމެނެ އެވެ. އެސްޓްރަޒެނީކާއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި އަމާޒުތަކަށް ވާސިލްވުމަށް އިތުރުކުރިއެރުންތައް ގެނުވައިދެވޭނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. މިގޮތަށް ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުން ވެގެންދާނީ ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި ފެންވަރު ރަނގަޅު ބޭސް އިހްތިޔާރު ކުރާނެ ދާއިރާ ފުޅާވެ ބަލި މީހާއަށް އަވަހަށް ނަތީޖާ ފެންނާނެ ފަދަ ގޮތަކަށް ފަރުވާ ލިބުމަށް މަގުފަހިވެގެންދިއުން ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

މި ރަސްމިއއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ އެސްޓްރަޒެނިކާގެ ނަމަކީ ކޮވިޑްގެ ތެރޭގައި މީހުންގެ ސިކުނޑީގައި އެ ނަމެއް ހަރުލި، އިތުބާރު އޮތް ބްރޭންޑެއް ކަމަށެވެ. މީގެ އިތުރުން އެސްޓީއޯއިން އަންނަނީ މިހާރުވެސް ރާއްޖެއަށް ބޭނުންވާ ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުމަށް 26 ކުންފުންޏަކާ އެކު އެއްބަސްވުން ހަދައި ސީދާ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެކުރަމުން ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިގެން އަންނަ ފާހަގަކޮށްލެވޭ ކުރިއެރުމެއް. މި ކުރިއެރުމާއެކު އާންމުން ބޭނުން ކުރަމުން އަންނަ ބޭހުގެ ފެންވަރު ރަނގަޅުވެ، ބޭސް ލިބުމުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ،" ސައީދު ވިދާޅުވި އެވެ.