މިނިވަން އިންސާފުވެރިން އިންތިހާބެއް ބޭއްވުމަށްޓަަކައި އިދިކޮޅު ޕީޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރޮސިވް ކޮންގްރެސް ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާފައި ނުވާތީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް އަދިވެސް ގަބޫލުނުކުރެވޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން އެޖެންޓް އަދި ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި ބައެއް ކަންކަމާ މެދު ގޮތްތަކެއް ނިންމައިދިނުމަށް އިދިކޮޅު ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ތޮލާލް ފަހާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ ބައެއް މީހުންނަށް މަޖުބޫރުކޮށްގެން ވަކިކުލަތަކެއްގެ ގަލަމުން ފާހަގަޖެހުމަށް ބާރު އެޅުމާއި، ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި ގާނޫނުގައި ބުނާ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް ޖަހަން ބައެއް މީހުންނަށް މަޖުބޫރު ކުރާ މައްސަލަ އެވެ.
ތޮލާލް ވިދާޅުވީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ފިޔަވާ އެހެން ކުލައެއްގެ ގަލަމުން ފާހަގަ ޖެހިގެން ނުވާނެ ކަމަށެވެ. އަދި ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ޖަހަންޖެހޭ ފާހަގައިގެ އިތުރުން އެހެން ފާހަގައެއް އިންނަ ނަމަ އެ ވޯޓު ކަރުދާސް ބާތިލްކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މިމައްސަލަތައް ހައްލުކޮށްދިނުމަށް ތަކުރާރުކޮށް ހުށަހެޅި ނަމަވެސް ކޮމިޝަނުން އެކަމުގައި އަދިވެސް ގޮތެއް ނިންމާފައިވާ ނުވާކަން ވެސް ތަލާލް ފާހަގަކުރެއްވި އެވެ. އަދި އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.
"ކަން މިދާ މަގުން އަދިވެސް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމަކަށް. އެއީ އިލެކްޝަންސް ކޮމިޝަނުން މިހާރު އެ އަމަލުކުރަމުން ގެންދާ ގޮތުން،" އޭނާ ވިދާޅުވި އެވެ.
ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުތަކުގެ އެތެރެއާއި ބޭރުގައިވެސް ފުލުހުންގެ އޮފިސަރުން ހަރަކާތްތެރިވާއިރު އެމީހުން ބޭނުންކުރާ ބޮޑީ ވޯން ކެމަރާ ޖައްސާފައި ހުންނާނެ ކަމަށް ފުލުހުން އިއްޔެ ބުނެފައިވާތީ އެކަމުގައި ތޮލާލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"މަރުކަޒު އެތެރޭގައި ބޮޑީ ކެމް ޖައްސައިގެން އުޅޭ ކަމަށްވާނަމަ މީގައި އެބައުޅޭ ވަރަށް ބޮޑު ނުރައްކަލެއް. އެއީ ވޯޓިން ބޫތުގައި މީހާ ހުންނައިރު އަދި ވޯޓިން ބޫތު އަރާ ގޮތަށް އެ ބޮޑީ ކެމް، އެ ޕޮލިސް މީހާ އެނބުރި ހުރެއްޖިއްޔާ ޕޮލިސް ކޮމާންޑް ސެންޓަރަށް ހުރިހާ މައުލޫމާތެއް ލިބެމުންދާނެ،" ތޮލާލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ފުލުހުންގެ އެ އަމަލަކީ ބިރުވެރިކަމެއް ނެތި ވޯޓުލުމަށް ހުރަސް އެޅޭ އަމަލަކަށްވާތީ އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ފުލުހުންނާ ވާހަކަދައްކައިގެން އެކަން ހުއްޓުވަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.