ހަބަރު

އިމްރާނަށް އިއްވި ހުކުމާ ގުޅިގެން ސަރުކާރަށް ތަކުލީފާ ކުރިމަތިވާނެ: އަދާލަތު

އަދާލަތު ޕާޓީގެ އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމާ ގުޅިގެން މި ސަރުކާރަށް އުނދަގޫވާ ވަރުގެ ތަކުލީފާ ކުރިމަތިލާން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި އިމްރާނުގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އިމްރާނުގެ މައްޗަށް އިއްވި ހުކުމަށްފަހު، އެމްޑީޕީގެ ހަރުގޭގައި ރޭ ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އިމްރާނުގެ މައްޗަށް އިއްވި 12 އަހަރު ދުވަހުގެ ޖަލު ހުކުމުގެ ސަބަބުން، އެތެރެއާއި ބޭރުން ރާއްޖެއަށް ބޮޑެތި ފިއްތުންތަކާ ކުރިމަތިވާނެ ކަމަށެވެ. އިންސާފަށް މަސައްކަތް ކުރުމުގައި އަދާލަތު ޕާޓީގެ ލީޑަރުން ފަސްނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިމްރާނު ޖަލަށް ލިޔަސް، ޕާޓީގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.

ރޭ އިއްވި ހުކުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ޒާހިރު ވިދާޅުވީ ހުކުމާމެދު އިމްރާން ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ކަމަށާއި ޖަލު ހުކުމެއް އައި ނަމަވެސް އިމްރާންގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އިސްތިއުނާފުގެ މަރުހަލާ އަށް ފަހު ޖަލުން މިނިވަންވެ ވަޑައިގަންނަވާނެ އިމްރާން ގަބޫލްފުޅު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާނު އަބްދުﷲ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި އެއްވަނަ ދުވަހު ބޭއްވި މޭޑޭ މުޒާހަރާއިންނެވެ. ދިގު ދެމިގެން ދިޔަ ޝަރީއަތުގައި އިމްރާނުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދެ ވަނަ މާއްދާގެ (ކ)ގެ ދަށުން އުފުލާފައިވާ ދައުވާއެކެވެ. ދައުވާގައި ބުނެފައިވަނީ، މޭޑޭގައި އިމްރާނު ދެއްކެވި ވާހަކައިގެ ސަބަބުން އަނިޔާވެރިކަމަށް ބާރު ލިބި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ދިޔަ ކަމަށެވެ.

ޓެރަރިޒަމްގެ ކުށް އިމްރާނުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާ، އިމްރާނަށް ވަނީ 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.