ބޭރުގެ އެއްވެސް އަސްކަރިއްޔާއެއްގެ ސިފައިން ރާއްޖޭގައި އަސްކަރީ މަސައްކަތެއް ކުރުމަށް ނުތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް އެކި ފަރާތްތަކުން މިސަރުކާރަށް ކެނޑިނޭޅި ތުހުމަތުކުރަމުން ދަނިކޮށެވެ.
ސަންގު ޓީވީން އިންތިމާޒުކޮށްފައިވާ ރިޔާސީ ބަހުސްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް މިރޭ ވިދާޅުވީ ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން އަސްކަރީ މަސައްކަތް ކުރުމަށް ރާއްޖޭގައި ނުތިބޭނެ ކަމަށެވެ.
ބޭރުގެ ގައުމުތަކާއި އެކީގައި އޮންނަ އެއްބަސްވުމެއްގެ ދަށުން ތަމްރީންތައް ރާއްޖޭގައި ކުރިއަށްދާ ކަމަށާއި ބޭރު ގައުމުތަކުގެ ސިފައިން އެ ބޭނުމުގައި ރާއްޖެ އައި ކަމުގައިވިޔަސް ރާއްޖޭގައި އަސްކަރީ މަސައްކަތް ކުރުމަށް ބޭރު ސިފައިން ނެތް ކަމުގައި ވިދާޅުވި އެވެ.
"ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މިލިޓަރީ މަސައްކަތް ކުރާކަށް މިހާރަކު މިރާއްޖެއަކު މިއަދު ނެތް. އިއްޔެއަކުވެސް ނެތް. އަޅުގަނޑު ދެކޭ ގޮތުގައި އޭގެ ކުރިއަކުންވެސް ނެތް،" ރައީސް ވިދާޅުވި އެވެ.
މިހެންވުމާއެކު ޓްރެއިނިންތަކަށް ބޭރު ސިފައިން ރާއްޖެ އައުމަކީ މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަށް ޓްރެއިނިން ތަކަށާއި އެހެނިހެން ހަރަކާތްތަކަށް އަންނަނީ ހަމައެކަނި އިންޑިއާގެ ސިފައިން ނޫނެވެ. އެހެން ގައުމުތަކުންވެސް އެފަދަ ކަންކަމުގައި ބައިވެރިވާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ އުތުރު ތިލަފަޅަކީ ރާއްޖޭގެ މިލްކެއް ކަމަށާއި އިންޑިއާއިން އެތަން ތަރައްގީކުރަނީ ހިލޭ ކޮށްދޭ ކަމެއްގެ ގޮތުގައި ކަމަށެވެ. އުތުރު ތިލަފަޅުގެ ވާހަކަ ރައީސް ތިލަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ދެއްކެވި ވާހަކަފުޅެއްގެ ރައްދު ގައެވެ.
"އެއީ ސިފައިންގެ އަމިއްލަ މިލްކެއް. އެތާކު ބޭރުގެ ސިފައިންނެއް އިންޑިއާގެ ސިފައިންނެއް އެއްވެސް ބަޔަކު ނުތިބޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އުތުރު ތިލަފަޅުގެ އެގްރިމެންޓުގައި މައްސަލައެއް އޮތް ނަމަ އެކަން އެނގޭ ފަރާތަކުން އެ މައުލޫމާތެއް ހާމަކުރައްވަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މައްސަލައެއް ހާމަކޮށްފައި ނުވާ ކަމަށާއި އެއިން އެއްވެސް އެގްރިމެންޓެއްގައި ރާއްޖޭގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.
ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި އެގޮތުގައި ދެމިއޮންނާނެ ކަމަށް ވިދާޅުވެ އަންނަ ފާޑުކިޔުންތަކަށްވެސް ރައީސް ވަނީ ރައްދުދެއްވާފަ އެވެ.