އިލްޔާސް ލަބީބް

މިއީ ދަރަނި ދައްކަން އެނގޭ ސަރުކާރެއް ނޫން: އިލްޔާސް

ދިވެހި ދައުލަތުން 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު މިސަރުކާރަށް ނުދެއްކޭނެ ކަމަށާއި އެކަން ކުރެވޭނެ ޑިމޮކްރެޓުންނަށް ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވި އެވެ.

ސަންގު ޓީވީ އިން އިންތިޒާމު ކުރި ރިޔާސީ ބަހުސްގައި އިލްޔާސް ވިދާޅުވީ ހަގީގަތުގައި 2026 ވަނަ އަހަރު ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަންޖެހެނީ އެއް ބިލިއަން ޑޮލަރު ނޫން ކަމަށެވެ. އޭގެބަދަލުގައި ސަރުކާރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާ އެކު ޖުމްލަ ދެ ބިލިއަނެއްހާ ޑޮލަރު 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ދަރަނި ދައްކަންޖެހިފައި އޮތް އިރު ރިޒާވަށް އެ ފައިސާއަށް އިތުރުކުރެވި އެ ދަރަނި ދައްކަން ސަރުކާރަށް އެނގެންޖެހޭނެ ކަމަށާއި ނަމަވެސް މިސަރުކާރުގައި އެ ގާބިލްކަން ނެތް ކަމަށެވެ. އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އައި އިރު މެނިފެސްޓޯ ލިޔުނީ މިވަގުތު ދަ ޑިމޮކްރެޓްސްގައި އިސްކޮށް ތިއްބެވި ބޭފުޅުން ކަމަށްވާތީ ލޯނަށް ފައިސާ ދައްކަންވީ ގޮތް އެނގޭނީ ޑިމޮކްރެޓުންނަށް ކަމަށް ވިދާޅުވި އެވެ.

މިސަރުކާރުން ދަރަނި ދައްކަން އަމަލުކުރާ ގޮތަށް އިލްޔާސް ވަނީ ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ. އެގޮތުން އިލްޔާސް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑް ރައީސް ޔާމީންގެ ވެރިކަމުގައި ނެގީ 7.5 ޕަސަންޓް އިންޓަރެސްޓް ރޭޓުގައި ކަމަށެވެ. ނަމަވެސް މިސަރުކާރަށް އެ ބޮންޑަށް ފައިސާ ދައްކަންޖެހުމުން އެކަން ކުރީ 10 ޕަސަންޓް އިންޓަރެސްޓްގައި އިތުރު ލޯނެއް ނަގައިގެން ކަމަށެވެ.

އިލްޔާސް ވިދާޅުވީ މިސަރުކާރުން ލޯނަށް ފައިސާ ދައްކަނީ އެކަން ކުރަންޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި އެއީ މުޅިން ހައްލުވާންޖެހޭ މައްސަލައެއް ކަމުގައި ވިދާޅުވި އެވެ.

"އަޅުގަޑު މިއަންނަނީ ޑެޓް ރީސްޓްރަކްޗާ ކުރުމަށްޓަކައި. ޑެޓް ޓް އެންވަޔަރަންމަންޓް ސްވެޕެއް ހިންގުމަށްޓަކައި. ބައިލޭޓަރަލް މަލްޓިލޭޓަރަލް ގައުމުތަކާއި އެޖެންސީތަކާ އެކީ މަޝްވަރާކޮށްގެން އެ ހައްލު ކުރެވޭނެ ގޮތްތައް ހޯދުމަށްޓަކައި. ގްރޭސް ޕީރިއަޑް އިތުރަށް ހޯދުމަށްޓަކައި،" އޭނާގެ ވެރިކަމެއްގައި ދަރަނީގެ މައްސަލަ ހައްލުކުރައްވާނެ ގޮތް ހިއްސާކުރައްވަމުން އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަސައްކަތް ކުރާ އަމިއްލަ މީހާގެ އާމްދަނީ އިތުރުވާ ގޮތަށް ސިޔާސަތުތަކާއި ގާނޫނުތައް ބައްޓަން ކުރައްވާނެ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އަލަށް އެއްވެސް ޓެކްސްއެއް ނުނަގާނެ ކަމުގެ ޔަގީންކަން ދެއްވަމުން އިލްޔާސް ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރާނީ "ޓެކްސް ބޭސް" ބޮޑުކޮށްގެން ކަމަށެވެ.

އޭނާގެ ވެރިކަމެއްގައި ޓެކްސް ނިޒާމުގައި ގިނައިން ފައިސާ ލިބޭ މީހާގެ އަތުން ނަގާ ޓެކްސް ބޮޑުވާނެ ކަމަށާއި އާދައިގެ މީހާގެ އަތުން ޓެކްސް ނުނަގާނެ ކަމުގައިވެސް އިލްޔާސް ވިދާޅުވި އެވެ.

"ކަންމަތީ ފިހާރަތަކުން ނަގާ ޓެކްސް އެކީ ކަނޑާލާނަން. ދުވާލެއްގެ މައްޗަށް 8،219 ރުފިޔާއަށް ވުރެ ކުޑަކޮށް ޓެކްސް ވިޔަފާރި ކުރާ ހުރިހާ ތަނަކުން ސާވިސް ސެންޓަރެއް ވިޔަސް ވާކްޝަޕެއް ވިޔަސް ކަންމަތީ ފިހާރައެއް ވިޔަސް ހުރިހާ ތަނަކުން ކަނޑާލާނަން،" ޓެކްސް ނިޒާމަށް ގެންނާނެ ބަދަލުތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ ދައުލަތުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރަންޖެހޭ ކަމަށާއި "އެފިޝެންޓް" ސަރުކާރެއް އުފައްދަންވެސް ޖެހޭ ކަމަށެވެ. ނަމަވެސް މިސަރުކާރުން މިއަދު ކުރިއަށް ގެންދާ ކޮންމެ މަޝްރޫއެއް ކުރިއަށް ގެންދަނީ 200 ޕަސަންޓް ބޮޑުކޮށް ކަމަށްވެސް ވިދާޅުވި އެވެ.