ޑރ. މުހައްމަދު މުއިއްޒު

ތަކެތީގެ އަގު ދަށްކޮށް އާންމު ހަރަދުތައް ކުޑަކޮށްދޭނަން: މުއިއްޒު

ވެރިކަން ލިބިވަޑައިގެންފިނަމަ ތަކެތީގެ އަގު ހަމައަކަށް އަޅުވާ އާންމު ދިރިއުޅުމަށް ހޭދަކުރާ ހަރަދު ކުޑަކޮށްދޭނެ ކަމަށް ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ބަހުސްގައި މުއިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ތަކެތީގެ އަގުބޮޑުވުމުގެ މައްސަލަ ހަމައަކަށް އެޅުވުމަށްޓަކައި ދައުލަތުގެ މައިގަނޑު އިގްތިސާދީ ހަރަދުތައް ދަށްކުރަންޖެހޭ ކަމަށެވެ. މިވަގުތު ހަރަދުތައް ހުރީ ރައްޔިތުންނަށް ބޮޑު ބުރައަކަށްވާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ބޮޑުވެފައި އޮތް އިންފްލޭޝަންގެ މައްސަލައިގައި މުއިއްޒު ވިދާޅުވީ އިންފްލޭޝަން ދަށްކުރުމަށްޓަކައި ސަރުކާރުގެ ބޭނުންތަކަށްް އިތުރަށް ޗާޕުކުރާ ފައިސާ ޗާޕުކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެކަން ހުއްޓުވާނެ ކަމުގައިވެސް ވިދާޅުވި އެވެެ.

އިގްތިސާދު ހަމައަކަށް އެޅުވޭނީ އަދި އިންފްލޭޝަންގެ މައްސަލަ ހައްލުކުރެވޭނީ ދެމެހެއްޓެނިވި އިގްތިސާދެއް ގާއިމުކުރުމެގެ މައިގަނޑު އަސާސްތައް ވަރުގަދަކޮށްގެން ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.

އިންފްލޭޝަން ދަށް ކުރެވުމުން ތަކެތީގެ އަގު މައްޗަށް ދިޔުން ހުއްޓުވޭނެ ކަމަށާއި އެއީ ހައްލުކުރަން އުދަގޫ މައްސަލަ އަކަށްވިޔަސް އިސްކަންދޭންޖެހޭ މައްސަލައެއް ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.

"އެއްކަމަކީ، ރިކަރެންޓް ހަރަދަށް މިހާރު އެމްއެމްއޭ ފައިސާ ނަގާ ނެގުން ހުއްޓުމަކަށް ގެނަސް ޓެކްސް ފައިސާއިން ސަރުކާރުގެ ރިކަރެންޓް ހަރަދުތައް ބަލަހައްޓާނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު ދަރަނި ދެމެހެއްޓެނިވި ލެވެލް އަކަށް ދަށްކުރަންޖެހޭ ކަމަށެވެ. އަދި ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓް ދަށްކުރަން ޖެހޭކަންވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އޭނާގެ ސަރުކާރުގައި އެއްވެސް އިތުރު ޓެކްސްއެއް ތައާރަފު ކުރެވިގެން ނުދާނެ ކަމަށެވެ. ނަމަވެސް ޓެކްސްގެ ގާނޫނުތަކަށް ބަދަލުތަކެއް ގެންނަވާނެ ކަމުގައި ވިދާޅުވި އެެވެ.