ހަބަރު

އިމްރާންގެ ބަސް: ހިތްވަރުކުރާތި، ނަމާދު ކުރާތި!

ރާއްޖޭގައި ނުފޫޒުގަދަ ލީޑަރުންގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ12 އަހަރަށް ޖަލަށް ލުމަށް ރޭ ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު އެނބުރިގެން އަންނާނެ ގޮތް ނޭނގުމެއްގެ ތެރޭގައި އޮތް އިރު، ހުކުމް އިއްވަމުންދިޔަ އިރު، އިމްރާން އަބްދުﷲ ފެނުނީ ސާބިތު ބޭފުޅެއްގެ ގޮތުގަ އެވެ.

ހުކުމް އިއްވަމުންދިޔަ ގަޑިއަކީ އަޑުއެހުމަށް ވަދެ ތިބި، އިމްރާންގެ އާއިލާ ބޭފުޅުންނަށް ފުން ހިތާމައެއް ލިބިގެން ދިޔަ ވަގުތެކެވެ. ހާއްސަކޮށް އިމްރާންގެ އަނބިކަނބަލުން އަދި ކޮއްކޯފުޅަށް އެ ވަގުތު ވެގެންދިޔައީ އުނދަގޫ ވަގުތަކަށެވެ. އިމްރާނަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ވެސް އިމްރާންގެ މޫނު މަތިން މާބޮޑު ހާސްކަމެއް ނުފެނެ އެވެ.

"ހުރިހާ ބޭފުޅުން ވެސް ފަރުޟު ފަސް ނަމާދު ކުރައްވާތި،" ހުކުމް އިއްވާ ގާޒީ މަޖިލިސް ދޫކޮށް ދުރުވުމުން އިމްރާން އެންމެ ފުރަތަމަ ވެސް ވިދާޅުވީ މިހެންނެވެ. އަދި އަނބިކަނބަލުން ރީމް އަރިހުގައި ދަރިންނަށް ނަމާދުކުރުމަށް ބާރުއެޅުމަށް އެންގި އެވެ. އެއަށްފަހު އަޑުއެހުމުގައި ތިބި މީހުންނަށް މުހާތަބުކޮށް އިމްރާން ވިދާޅުވީ ހިތްވަރު ކުރެއްވުމަށެވެ. އިމްރާން އެ ވަގުތު ވާހަކަ ދެއްކެވީ ވަރަށް މަޑުމައިތިރިކަމާއެކު އެވެ.

އިމްރާންގެ ފަރާތުން ފެނުނު ސާބިތުކަން އާއިލާ މެންބަރުންގެ ފަރާތުން ވެސް ފެނިގެންދިޔަ އެވެ. އަޑުއެހުމެއް ވަދެ ތިބި، ނޫސްވެރިން ިސފަކުރާ ގޮތުގައި، ހާއްސަކޮށް އިމްރާންގެ އަނބިކަނބަލުންގެ ފަރާތުން އިހުލާސްތެރިކަމާއި އީމާންތެރިކަމުގެ ރީތި ސިފަ ފެނިގެންދިޔަ އެވެ. އެ ހިތާމައިގެ ދަނޑިވަޅުގައި ވެސް އިމްރާންގެ އާއިލާއިން ދެއްކީ ރީތި ނަމޫނާއެކެވެ.

"ކީކޭ ބުނާނީ، ބުނާނެ އެއްޗެއް ވެސް ނޭނގޭ، އަޅުގަނޑު އެންމެ ދެރަވީ ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލީ ދުވަހު، އެރޭ އަޅުގަނޑަށް ވީގޮތް ވެސް ނޭނގޭ، އެފަދަ އިހުސާސްއެއް މިރޭ ވެސް އެބަކުރެވޭ، ހަމްދަރުދީވަން،" އިމްރާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ޖަސްޓިސް ބިލްޑިން ކުރިމައްޗަށް އެއްވެ ތިބި އެމްޑީޕީ އަންހެނުންގެ ގުރޫޕެއްގެ މެންބަރަކު ބުންޏެވެ.

މިއީ ރޭ އެތައް ބަޔަކަށް ކުރެވުނު އިހުސާސެކެވެ. އިމްރާންގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލާފައިވީ ނަމަވެސް އެ ހުކުމާމެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ރައީސް ނަޝީދާއި ކާނަލް ނާޒިމްގެ ހުކުމަށްފަހު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި މިވަނީ އިމްރާން އަބްދުﷲގެ މައްޗަށް އިއްވި ހުކުމަށެވެ.

އިމްރާންގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވެސް ވިދާޅުވީ، މިރޭ އިއްވި ހުކުމަށްފަހު އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ހުކުމާމެދު އިމްރާން ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ކަމަށާއި ޖަލު ހުކުމެއް އައި ނަމަވެސް އިމްރާންގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އިސްތިއުނާފުގެ މަރުހަލާ އަށް ފަހު ޖަލުން މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް އިމްރާން ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާންގެ މައްޗަށް އިއްވި ހުކުމް ވަރަށް އަވަހަށް ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ވަކީލް ވިދާޅުވެފައިވާއިރު، އިމްރާން ފަދައިން އިސްތިއުނާފަށްފަހު އިމްރާން ޖަލުން މިނިވަންވާނެ ކަމަށް ގަބޫލުކުރާ ފަރާތްތަކެއް ވެސް ތިބޭނެކަން ކަށަވަރެވެ. މިހާރު ރާއްޖޭގައި އޮތް އިދިކޮޅު ދެ ޕާޓީގެ ރައީސުން ތިއްބެވީ ޖަލު ހުކުމެއްގަ އެވެ.