ފާރިސް މައުމޫން

ޔާމީންގެ ޖަލު ބަންދާ ގުޅިގެން ފާރިސްގެ ރައްދެއް ސަރުކާރަށް

ރިޔާސީ އިންތިހާބުގައި ތިމާއާ ވަކި ބޭފުޅަކު ވާދަކުރައްވާތީ އެ ބޭފުޅަކު "ހަރުގެއަށް" ލުމަށްފަހު ވާދަވެރި ކެންޑިޑޭޓް އިންތިހާބަށް ކުރިމަތިލެއްވުމަކީ ޑިމޮކްރެޓިކް ގައުމެއްގައި ކަންކުރާ ގޮތް ނޫން ކަމަށް ވިދާޅުވެ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފާރިސް މައުމޫން ނުސީދާކޮށް ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ފާރިސްގެ ވާހަކުޅު އަމާޒުކުރައްވާފައިވަނީ ކުރީގެ ރައީސް އަދި އޭނާގެ ބޮޑުބޭބެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވި މައްސަލައަށް ކަމަށް ބެލެވެ އެވެ. ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ފާރިސް ހައްޔަރުކޮށްގެން އެތައް ދުވަހަކު ޖަލުގައި ގެންގުޅުއްވާފަ އެވެ. ނަމަވެސް ފާރިސް ސަރުކާރަށް އަމާޒުކުރި ނުސީދާ ފާޑުވިދާޅުވުމަކީ ރައީސް ޔާމީންގެ ދިފާއުގައި ވިދާޅުވި ބަސްފުޅެއް ކަމަށް ބެލެވެ އެވެ.

ސަންގު ޓީވީން އިންތިޒާމު ކުރި ރިޔާސީ ބަހުސްގައި ރޭ ފާރިސް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި ފުލުހުންނާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާއި ކޯޓްތަކަށްވެސް ނުފޫޒު ވަންނަ މައްސަލަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ފާރިސް ވިދާޅުވީ މައްސަލަތައް އިސްލާހުކުރަން ސަރުކާރަށް ފުރުސަތު ލިބިއްޖެ ކަމަށާއި އެހެންނަމަވެސް އެކަށީގެންވާ ވަރަށް އިސްލާހީ ބަދަލުތައް ފެނިގެން ގޮސްފައި ނުވާ ކަމަށެވެ. އެހެންވުމުގެ ސަބަބުން ބައެއް ރައްޔިތުންނަން އިއްވަމުންދާ ހުކުމަކީ "ހަލާލް ހުކުމެއް" ކަމަށް ރައްޔިތުން މިހާރު ގަބޫލުނުކުރާ ކަމަށެެވެ. މިއީ އިސްލާހުކުރަންޖެހޭ ކަންތައްތަކެއް ކަމަށާއި މިކަންތައްތައް ރައްޔިތުން މިހާރު ބަލަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"ސިޔާސީ ނުފޫޒުން އިންޓަލެޖެންޓް ރިޕޯޓެއް ވައްދާ ވަކި ބޭފުޅަކު ތިމަންނާޔާ އެންމެ ވާދަކުރާ ބޭފުޅަކު ހަރުގެއަށް ލައިގެން އިންތިހާބަށް ވާދަކުރުމަކީ ތަސައްވަރު ފުދިފައިވާ ޑިމެކޮރެޓިކް ގައުމެއްގައި ކަންކުރާ ގޮތެއް ނޫން،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް ހުރި ކަމަށްވިޔަސް ފުރުސަތު ލިބިވަޑައިގެންފިނަމަ ކޯޓްތައް މިނިވަންކޮށް، ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަ މަގުތައް ބަންދުކޮށް، ޕޮރޮސެކިއުޓާ ޖެނެރަލްއަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ.

ފާރިސް އަށް ވެރިކަން ލިބިއްޖެނަަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްސަލައެއް ބަލާނަންތޯ ބަހުސް ހުށަހެޅުއްވި ފަރާތުން ސުވާލު ކުރެއްވުމުން ފާރިސް ވިދާޅުވީ އެއްވެސް ކުށެއް ކޮށްފައި ނުވާނަމަ ރައީސް ސޯލިހުގެ މައްސަލައެއް ބަލަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތާއީދުކުރާ އަދި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނަން އިހްތިރާމާ ގަދަރު ކުރާނެ ކަމަށާއި ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކާ ދޭތެރޭ އަމަލުކުރަން އޮންނަ އިހްތިރާމުކުރުމުގެ ރީތި އުސޫލުން އަމަލުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ވެރިކަން ކުރެއްވި ބޭފުޅުންނަކީ ދައުލަތަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅުން ކަމަށްވާތީ ހާއްސަ އުސޫލަކުން އެ ބޭފުޅުންނާ މެދު އަމަލުކުރުމުގެ ގާނޫނީ އޮނިގަނޑެއް އޮންނާތީވެ އެގޮތަށް އަމަލުކުރައްވާނެ ކަމުގައިވެސް ފާރިސް ވިދާޅުވި އެވެ. ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށްވެސް ގާނޫނަށް ވުރެ މަތިން ކަންކަން ކުރެވިގެން ނުވާނެ ކަމަށާއި އެހެންނަމަވެސް އެ ބޭފުޅުންނާ މެދު އަމަލުކުރެވެން ވާނީ އާންމު އުސޫލަށް ވުރެ މަތީ މިންގަޑަކުން ކުށް ސާބިތުކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.