ވެރިކަމާ ހަވާލުވެ ވަޑައިގެންފިނަމަ ކޮރަޕްޝަންގެ ގޮތުގައި ދައުލަތުން ބޭރުވާ ފައިސާ ވަގުތުން ހުއްޓުވާނެ ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަމުން ގެންދަވާ އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަހުސްގައި ފާރިސް ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އޮތީ ގޯސް ހާލަތެއްގައި ކަމަށެވެ. އެކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ދައުލަތަށް ކަމަށްވާތީ ކޮރަޕްޝަން ހުރި މަގުތައް ބަންދުކޮށް ކޮރަޕްޝަންގެ ގޮތުގައި ފައިސާ ބޭރުވުން ހުއްޓުވާނެ ކަމަށެވެ.
"މިހާރުވެސް ދައުލަތުންކުރާ ބޮޑު ހަރަދަކީ ކޮރެކްޝަނަން ކުރާ ހަރަދު. އެކަން ހުއްޓުވާނަން،" ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުވުމަށްޓަކައި މިހާރު ނަގާފައިވާ ލޯނުތައް ރީފައިނޭސްކޮށް ރީސްޓްރަކްޗާ ނުކޮށް ކުރިއަށް ނުދެވޭނެ ކަމަށެވެ. ކޮންމެ ބޭފުޅަކު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ނަމަވެސް އެކަން ކުރަންޖެހޭނެ ކަމަށާއި އެއީ މިވަގުތަށް ދަރަނީގެ މައްސަަލައިގައި އޮތް ލުޔަކަށް ވާނެ ކަމުގައި ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ އިގްތިސާދު ފުޅާކުރުމަށްޓަކައި ތަފާތު އާ ދާއިރާތަކަށް އިންވެސްޓްކޮށް ދިރުވަންޖެހޭ ކަމަށާއި އެއާ އެކު ބޭކާރު ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަންޖެހޭ ކަމަށެވެ. ބޭރުގެ މާލީ އިދާރާތަކާއި މުއްސަނދި ގައުމުތަކާ އިތުރަށް ގުޅުން ބަދަހިކޮށް މަޝްވަރާކޮށްގެން އިގްތިސާދަށް ދިރުން ގެނެވޭނެ ކަމަށެވެ.
ރާއްޖޭގައި ޒުވާނުންގެ އާބާދީ ބޮޑުވަމުންދާއިރު ޒުވާނުންގެ ތެރޭގައި ތިބި އިލްމީ، ހުނަރުވެރި އަދި ވިސްނުންތެރި ޒުވާނުންގެ ބޭނުން މިހާރަށް ވުރެ ބޮޑަށް ހިފަންޖެހޭ ކަމުގައިވެސް ފާރިސް ވިދާޅުވި އެވެ. ޒުވާނުންގެ ތެރޭގައި އުފެއްދުންތެރި ކުދިން ތިބުމާ ގުޅިގެން އެ މީހުންނަށް ކުރިއަށް ދެވޭނެ ފައިސާއާއި ވަސީލަތް ދިނުމުން އެމީހުން ކުރާ އިންވެސްޓްގެ ތެރެއިން ދައުލަތަށްވެސް އާމްދަނީ ލިބޭނެ ކަމުގައި ވިދާޅުވި އެވެ.
ފާރިސް އިތުރަށް ވިދާޅުވީ ޓެކްސް ނިޒާމުގެ ތެރޭގައި އާންމުންނަށް ބުރަ ބޮޑުވާ ގޮތަށް ހުރި ޓެކްސްތައް ލުއިދީ ޕޮރޮގްރެސިވް ޓެކްސްގެ އުސޫލު ގާއިމުކުރެވި ޕާސަނަލް އިންކަމް ޓެކްސް ނެގުން ހަރުދަނާކުރައްވާނެ ކަމަށެވެ. ޓެކްސް ނިޒާމަށް އޭނާ ގެންނަ ބަދަލަކީ ރާއްޖެ ހިންދެމިލާ ތިޔާގިވުމަށް ހުޅުވޭ ފުރުސަތަކަށް ވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެެވެ.