ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ބޭނުން ހިފޭ މެނިފެސްޓޯއެއް އެހެން ކެންޑިޑޭޓެއްގެ އަތަކު ނެތް"

ރައްޔިތުންނަށް ބޭނުންހިފޭ މެނިފެސްޓޯއެއް އެހެން އެއްވެސް ކެންިޑޭޓަކު ހުށަހަޅާފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ހދ. ހިރިމަރަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

"ދެން ތިބި އެއްވެސް ކެންޑިޑޭޓަކަށް އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ފަސް އަހަރަށް އަޅުގަނޑުމެން ހުށަހަޅާފައި މިއޮތް މެނިފެސްޓޯ ކަހަލަ ތަފްސީލީ، ރައްޔިތުންނަށް ބޭނުންހިފޭ މެނިފެސްޓޯ އެއް ތިބޭފުޅުންނަށް ފެނިވަޑައިނުގަންނަވާނެއޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވާދަވެރިންގެ ސިޔާސަތުތަކާއި އެމަނިކުފާނުގެ ސިޔާސަތުތަކާއި ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށެވެ. އަދި ވާދަވެރި ބައެއް ބޭފުޅުންގެ ހަމައެކަނި ބޭނުމަކީ ރައްޔިތުންގެ ތެރެއިން ލިބެންހުރި ވޯޓުތައް ބައިބައިކޮށްލުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން ވަރަށް ތަފާތު. އަޅުގަނޑުމެންގެ ވިސްނުމަކީ މުޅި ރާއްޖޭގެ ތަރައްގީކުރުން. ރާއްޖެ ތަރައްގީ ކުރެވޭނީ އެއް އަހަރަކުން ފަސް އަހަރަކުން ނޫން." އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ދިގު ރާސްތާގެ ޕްލޭނެއް އޮވެގެން ކަމަށާއި އެއީ ކުރަން ހުރި ކަންތައްތައް ގިނަ ވުމުން ކަމަށެވެ.

"10 އަހަރު މަދުވެގެން ނެތި ރާއްޖެ އަކަށެއް އަޅުގަނޑުމެން މި އެދޭ ބަދަލުތަކެއް، އަޅުގަނޑުމެން މި އެދޭ ޕްރޮޖެކްޓުތަކެއް ހިންގާ ނިންމައެއް ނުލެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތާއި އެކީގައި މުޅި ރާއްޖެއަށް ހެޔޮ ބަދަލެއް އަންނަތަން ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށެވެ.

ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުމަށް ވައުދުވެވަޑައިގަތީ އެއީ ވަރަށް ބޮޑު ބަދަލެއް ރާއްޖެއަށް ގެނުވާނެ މަޝްރޫއަކަށް ވާތީ ކަމަށެވެ.

"އާބާދީ އެއްފަސް ކުރުމުގެ އެއްގޮތް މިއީ. އެއް ތަނަކަށް މީހުން ޖަމާކުރުން އެއީ އަނެއް ގޮތް. އަނެއް ގޮތަކީ މިހެން ގުޅާލައިގެން ލިބެން ހުރި ހިދުމަތްތައް އެއް ރަށުން ލިބެން ނެތް ހިދުމަތް އަނެއް ރަށުން ހޯދުމަށް ރައްޔިތުންނަށް ފަސޭހައިން ދެވޭނެ ގޮތް ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.

އާރުޓީއެލްގެ ހިދުމަތާއި އެކުގައި ވަރަށް ބޮޑު ބަދަލުތަކެއް ގެނެވިއްޖެ ކަމަށާއި ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ދާން ކުރަންޖެހޭ ދަތުރުތަކުގެ ހަރަދުތަކަށްވެސް ވަރަށް ބޮޑެތި ލުއިތަކެއް މިހާރު ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުންގެ ދިރިއުޅުމަށް މިކަމުން ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިއަދު ތިބޭފުޅުންގެ ޖީބުން ދަތުރުފަތުރަށް ކުރާ ހަރަދު އެވްރެޖްކޮށް މިވަނީ 87 ޕަސަންޓު ލުއިކުރެވިފައި. މާނައަކީ އެ ފައިސާ ތިޔަ ބޭފުޅުންނަށް އެހެން ކަމަކަށް ބޭނުން ކުރަން ހުންނާނެއޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ގޮތަށް ސިޔާސަތުތައް ތަންފީޒު ކުރަން ފެށީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދިނުމަށް ކަމަށެވެ. މިކަންކަމާ ގުޅިގެން މިހާރު ރައްޔިތަކަށް ވީތީ ލިބެންޖެހޭ އަސާސީ ހިދުމަތްތައް ލިބެމުންދާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

"އެއީ ފެނާ ނަރުދަމާ ކަމަކަށްވިޔަސް އަދި ކަރަންޓުގެ ހިދުމަތް ކަމަށްވިޔަސް އަދި އެނޫން ކަމަކަށް ވިޔަސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން އެއީ އަޅުގަނޑުމެންގެ އެންމެ މުހިއްމު ޒިންމާ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިރިމަރަދޫގެ ވައުދުތައް

  • ބަނދަރު ބޮޑުކޮށް މަރާމާތް ކުރުން
  • މޫދަށް އެރޭ ސަރަހައްދެއް ގާއިމުކުރުން
  • ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތާރު އެޅުން
  • ޒުވާނުންނަށް ބޭނުންވާ ވަސީލަތްތަކާއެކު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުން

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބާކީ އެންމެ ހަ ދުވަހަށް ވެފައިވާއިރު ރައީސް ކެމްޕޭނުގައި ވަޑައިގެންނެވި ކޮންމެ ރަށަކުން ފެނިގެން ދަނީ ބޮޑު ތާއީދެއް އޮންނަ މަންޒަރެވެ.