ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެކުލަވާލި ބިން އިތުރުކުރުމުގެ ދިގު ރާސްތާ ޕްލޭނާ އެއްގޮތަށް ތަރައްގީގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. ހިރިލަންދޫގައި މިއަދު ބޭއްވި ކެމްޕޭނު ޖަލްސާގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ބިން އިތުރުކުރުމަށް ރައީސް ޔާމީނުގެ ވެރިކަމުގައި ވަނީ ދިގު ރާސްތާ ޕްލޭނެއް އެކުލަވާލާފައި ކަމަށެވެ. އަދި ހިރިލަންދޫ ފަޅަކީ ވެސް އެ ޕްލޭނުގެ ދަށުން ޔާމީން ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށް މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ މި ޕްލޭނުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގެ ބިން އިތުރުކުރެވޭނެ ސަރަހައްދުތައް ވަނީ ފާހަގަކޮށްފައި ކަމަށެވެ.
"ރައީސް ޔާމީންގެ ވެރިކަމުގައި މުޅި ރާއްޖޭގެ ތަރައްގީއަށް އާބަން ޑިވެލޮޕްމަންޓް ޕްލޭނެއް ހެދުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިއްކެން ހުރި ފަޅުތައް ބެލި،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު މި ސަރުކާރުން ހިރިލަންދޫގައި ހިއްކަން ނިންމާފައިވާ 25 ހެކްޓަރު ހިއްކުމަކީ އެއީ ވަރަށް ކުރު ރާސްތާގެ ކަމެއް ކަމަށެވެ. މިހެންކަމަށްވުމާއެކު އޭނާގެ ޕްލޭނަކީ ރައީސް ޔާމީނުގެ ދުރު ވިސްނުންފުޅު ކަމަށާއި އެ ފަޅު ތެރެއަކީ ދުރު ރާސްތާއަށް ވިސްނައިގެން ވަރަށް މުހިއްމު ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދެވޭނެ ފަޅެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އަތޮޅާއި މުޅި ރާއްޖެއަށް އޭގެން ފައިދާ ވާކަހަލަ ބިން އިތުރު ކުރުމުގެ މަޝްރޫއެއް މިސަރަހައްދުގައި ގެންދިޔުމަކީ ވިސްނުމެއް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ ހިރިލަންދޫގެ ވައުދުތައް
- މަސްވެރިންނަށް ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުން
- ސިއްހީ މަރުކަޒު ތަރައްގީކުރުން
- ބޮޑެތި މަގުތައް ހަދައިދިނުން
ބިން ހިއްކުމުގެ މަޝްރޫތަކުން އިތުރުވާ ބިމުގައި ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރެވޭނެ ކަމުގައި މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމުގެ ސިޔާސަތަކީ އެންމެ ބޮޑު އިސްކަމެއް ދީގެން ހައްލުކުރާނެ ސިޔާސަތެވެ.
ބިން ހިއްކުމަށްފަހު ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށްފަހު ރާއްޖޭގެ އުމްރާނީ އަދި އިގްތިސޯދީ ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ލިބި ތަރައްގީ އަވަސްކުރެވިގެންދާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.