ސިޔާސީ ގޮތުން އޮންނަ ހިޔާލު ތަފާތުވުމަކީ ތަރައްގީއަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ރައީސް އިބްރާހިމް މުހައްްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިއަދު ހދ. ފިނޭއަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ ގޮތުން އޮންނަ ހިޔާލު ތަފާތުވުމަކީ ތަރައްގީ އަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި ސިޔާސީ ގޮތުން ހިޔާލު ތަފާތު ވީތީ ވަކި ރަށެއް ނުވަތަ ވަކި މީހެއް ތަފާތު ނުކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބައެއް ރަށްރަށުގައި މީގެ ކުރިން ސާފު ބޯފެންވެސް ނުލިބޭ ކަމަށާއި އެހެންވެ ރައްޔިތުންނަށް އެ ހިދުމަތް ދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކާ އެކު ރާއްޖެއަށް މިގެންނަ ބަދަލުތައް ބައެއް މީހުންނަށް އިހުސާސް ނުވެދާނެ ކަމަށެވެ. ހަމަ އެހެންމެ އިރުވައި މޫސުމުގައި ބައެއް ރައްޔިތުން މީގެކުރިން ފެނަށް ޖެހިފައި ތިބެން ޖެހޭ ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަދު އެ ހާލުގައި ރައްޔިތުން އުޅެން ނުޖެހޭނެ ކަމަށެވެ. އަސާސީ ގިނަ ހިދުމަތްތައް ގިނަ ރަށްރަށުގައި މިހާރު ފުރިހަމަވެފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުރިހާ ރަށެއްގައިހެން މިހާރު ނަރުދަމާގެ މައްސަލަވެސް އެއްކޮށް ހައްލުކުރެވިފައިވާ ކަމަށެވެ. މީގެކުރިން އިރުއިރު ކޮޅާ ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހި، ރައްޔިތުންގެ މުދަލަށް ގެއްލުން ލިބިގެން ދިޔަ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ އެންމެ ވާދަވެރި ކެންޑިޑޭޓް -- ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރިޔާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އަނިޔާވެރިކަން ނައްތާލުމަށްފަހު އަމާންކަން ގާއިމުކުރާނެ ކަމަށް ވިދާޅުވާ ކަމަށެވެ. ނަމަވެސް ވާދަވެރި ކެންޑިޑޭޓް ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ސަރުކާރާ ދެކޮޅަށް ބަހެއް ވެސް ބުނަން ފުރުސަތު ނުދެއްވި ކަމަށާއި އަދި ހިޔާލުފާޅުކުރުމުގެ ހައްގުވެސް ނުދެއްވި ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އެ އަނިޔާވެރިކަމަށް އަނބުރާ ދާން މިއަދު ބޭނުން ނުވާ ކަމަށެވެ. ވެރިކަމަށް ބައެއް ބޭފުޅުން ކުރިމަތިލައްވައިގެން ތިއްބެވީ އަމިއްލަ ބޭނުންތަކެއް ފުއްދުމަށްޓަކައި ކަމަށާއި، އެފަދަ ބޭފުޅަކަށް ފުރުސަތު ދީފިނަމަ ނާޖާއިޒު ފައިދާ ނަންގަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވިގެން ދިއުމާއި އެކު އެންމެ ބޮދު ފައިދާއެއް ކުރާނެ އެއް ރަށަކީ ފިނޭ ކަމަށެވެ. އެގޮތުން ފިނޭ އަކީ ލޯކަލް ޓޫރިޒަމަށް ފައްކަވެފައިވާ ރަށެއް ކަމަށްވާތީ ހަނިމާދުއަށް ސީދާ ޔޫރަޕުން އަންނަ ފަތުރުވެރިން ފިނޭއަށް ގެނައުމަށް އިންވެސްޓަރުން ތައްޔާރުވުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ. ފިނޭގެ ރައްޔިތުންނަކީ ފެށުނީއްސުރެވެސް އެމްޑީޕީއާއި އެމަނިކުފާނާ އެކުގައި ތިބި ބައެއް ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
ފިނޭ ތަރައްގީއަށް ރިޔާސީ ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ކަންކަންވެސް ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ފިނޭގެ މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށާއި ޒުވާނުންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ ތަންތަން އަޅައިދިނުމަށާއި، މޫދަށް އެރެން ހާއްސަ ސަރަހައްދެއް ހަދައިދިނުން ހިމެނެ އެވެ. ރައްޔިތުން ބޭނުންވާ އެހެން ކަންކަންވެސް ބެލުމަށްފަހު އެކަންކަން ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.