ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މެންޓަލް ހެލްތުގެ ގާނޫނެއް ހަދަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން މެންޓަލް ހެލްތްގެ ގާނޫނެއް އެކުލަވާލައި ވުޖޫދަށް ގެންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިއަދު ހދ. ކުރިނބީއަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ ނަފްސާނީ ބަލީގެ ފަރުވާތައް އިތުރަށް ފުޅާކޮށް އެ ނިޒާމު ރަނގަޅު ކުރުމަށްޓަކައި މެންޓަލް ހެލްތްގެ ގާނޫނެއް ވުޖޫދަށް ގެންނާނެ ކަމަށާއި ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އުފެއްދުމަށް ގައުމީ ފެންވަރުގެ ޕްރޮގްރާމްތައް ހިންގަވާނެ ކަމަށެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ނިޒާމަށް ގެނެވޭ ބަދަލާ އެކު ކޮންމެ ރައްޔިތަކުން ދިރިއުޅޭ ރަށުގައި ހުރެގެން ބައްޔަށް ފަރުވާ ހޯދޭނެ ކަމަށެވެ.

"މެންޓަލް ހެލްތަށް ހާއްސަ ގާނޫނެއް ވުޖޫދަށް ގެެނެސް، ގައުމީ ފެންވަރުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން އެއީ އަމާޒެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައެއް ރަށްތަކުގައި ސުޕާ ސްޕެޝަލިސްޓުންގެ ހިދުމަތް ލިބެން ނެތުމުން ޓެލެ ކޮންސަލްޓޭޝަން މެދުވެރިކޮށް އެ ހިދުމަތް ރަައްޔިތުންނަށް ފޯރުކޮށްދޭނެ އިންތިޒާމުތައް ހަމަޖައްސައި އެކަން ފުޅާކުރަމުންދާ ކަމަށެވެ. ކުދިކުދި ވިޔަފާރިތައް ހިންގުމަށްޓަކައި ވަރަށް ގިނަ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީ ވިޔަފާރި ކުރިއަރުވަން ބޭނުންވާ އެތައް ޒުވާނަކަށް ފުރުސަތު ދެވިފައިވާނެ ކަމަށެވެ. ކުދި ވިޔާފާރިތައް ފެށުމަށްޓަކައި ލުއި ލޯނު އިތުރު އެއްވެސް ރަހުނެއް ނުލައި ހަމަޖައްސައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކުރިނބީއަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް

  • ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑީ އިރަށް ބަދަލް ކުރެއްވުން.
  • ބޯހިޔާވަހިކަން ހައްލު ކުރުމަށްޓަކައި ރޯ ހައުސް އެޅުން.
  • ތާރު އަޅައި، މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން
  • ރައްޔިތުން މޫދަށް އެރުމަށްޓަކައި އާޓިފިޝަލް ބީޗެއް ހަދައިދިނުން
  • ސްކޫލަށް ބެނުންވާ މަލްޓި ޕާޕޯސް ހޯލް ގާއިމް ކުރުން
  • ސްކޫލަށް ބޭނުންވާ އޮފިސް އިމާރާތް ގާއިމް ކުރުން

އާރްޓީއެލްގެ ހިދުމަތް ފެށުމާއިއެކު ރައްޔިތުންގެ އަސާސީ އެތައް ކަމެއް ފުރިހަމަކުރުމަށް ލުއިތައް ލިބި ދަތުރުތައް ފަސޭހަވެގެން ގޮސްފައިވާ ކަމަށް ހދ. އަތޮޅުގެ ރައްޔިތުން ގަބޫލުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. ހދ. އަތޮޅަކީ އާރްޓީއެލް ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ދިން އަތޮޅެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން މިހާރުވެސް ކުރަމުންދާ ބައެއް މަސައްކަތްތައް މުޅިން އަލަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ބައެއް ކެންޑިޑޭޓުން މިހާރުވެސް ވައުދުވަމުންދާ ކަމަަށެވެ. ރާއްޖެ އަކީ މީގެ ކުރިން ޝިޕިންލައިނެއް އޮތް މައި ހަބެއް ކަމުގައިވެސް ރައީސް ފާހަގަކުރެއްވި އެވެެ. ނަމަވެސް 1990ގެ އަހަރުތަކުގެ ކުރީކޮޅު ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން އެ ސިނާއަތް މުޅިން އިނދަޖެހިފައި ވަނިކޮށް މިސަރުކާރުން މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނި އުފައްދާ ޝިޕިންގެ ދާއިރާ އަނބުރާ ކޮޅަށް ޖަހަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.