ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރީ ސަރުކާރުގެ މަޝްރޫއުތައް ލަސްވީ ވެރިންނަށް ބައިއަޅަން ޖެހުމުން: ރައީސް

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުތައް ލަސްވި ސަބަބަކީ ވެރިންނަށް ބައިއަޅަން ޖެހުމުން ކަމަަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހދ. ނޮޅިވަރަންފަރަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން ހިންގި މަޝްރޫއުތައް ލަސްވެެގެން ދިޔަ ސަބަބަކީ ސަރުކާރުގެ ވެރިންނަށް ބައި އަޅަން ޖެހުމުން ކަމަށާއި، އެ ސަބަބަށްޓަކައި މަޝްރޫއުތަކުގެ އަގު އިންތިހާއަށް ބޮޑުވެސް ވެގެން ކަމަށެވެ. ނަމަވެސް މިއަދު އެތައްހާސް ޕްރޮޖެކްޓެއް އެއްފަހަރާ ފެށި ނިމެމުންދާ ސަބަބަކީ ދެފުށް ފެންނަ ގޮތަކަށް އެކަން ކުރާތީ ކަމުގައި ދާޅުވި އެވެ.

ވާދަވެރި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާތަކެއް ވަދެފައިވާ މައްސަލައެއް އިއްޔެ ނޫހަކުން ތިލަކޮށްފައިވާތީ ރައީސްގެ ވާހަކަފުޅުގައި ވަނީ މުއިއްޒަށް ބަހުގެ ހަމަލާއެއްވެސް ދެއްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް އެފަދަ ގޮތަކަށް ފައިސާ ވަދެފައި ނުވާ ކަމަށެވެ.

"އަޅުގަނޑުގެ އެކައުންޓަކަށް އެއްވެސް ފައިސާއެއް ވަދެފައެެއް ނުހުންނާނެ. ކުރިއަކު ވެސް ނުވަދޭ. މިހާރުވެސް ނުވަންނާނެ. ދެނެއް ވެސް ނުވަންނާނެ." ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހެދޭ ކުޑަކުޑަ ގޯހަކުން އެހެން ބައެއްގެ އަތް މައްޗައް ވެރިކަން ފުރޮޅިގެން ހިނގައްޖެނަމަ ދެން ވެގެން ދާނެ ގޮތާ މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އެގޮތަށް ކަންތައް ވެއްޖެނަމަ އަނެއްކާވެސް ޖެހޭނީ ކުރިން ރާއްޖެ އޮތް ބިރުވެރިކަމާ އަނިޔާވެރިކަން ތަހައްމަލް ކުރަން ކަމުގައި ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުރިން ސަރުކާރާ ދެކޮޅަށް އެއްޗެކޭ ބުނާ މީހާ އޮންނަނީ ޖަލުގެ ކުޑަގޮޅީގައި ކަމަށެވެ. ނަމަވެސް މިއަދު ހިޔާލުފާޅު ކުރުމުގައި އަދި ނޫސްވެރިޔަކަށް އެއްޗެއް ލިޔުމުގައި އެއްވެސް ދައްޗެއް ހުރަހެއް ނޯންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވޭތުވެ ދިޔަ 50 އަހަރު ތެރޭގައިވެސް ހދ. އަތޮޅު ހިމެނޭ ސަރަހައްދުގައި ފުރިހަމަ ރިސޯޓެއް ހުޅުއްވި ހަމައެކަނި ފަރާތަކީ ކޯލިޝަން ބައިވެރިޔާ އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމު މުހައްމަދު ކަމަށެވެ. ކުރީގެ ސަރުކާރުތަކުން ހދ. ހިމެނޭ ސަރަހައްދުގައި ޓޫރިޒަމް ފުޅާނުކޮށް އޮތީ ރައްޔިތުން އަޅުވެތިކަމުގައި ބައިތިއްބަން ކުރީގެ ސަރުކާރުތަކުން ބޭނުންވާތީ ކަމަށެވެ.

"ކަމެއް ކޮށްދެންޔާ ވެސް ކޮށްދެނީ އިންތިހާބާ ކައިރިކޮށްފައި. އެ ތަރައްގީ ބޭނުންކުރަނީ އިންތިހާބުން މޮޅުވުމަށްޓަކައި އެމެއްގެ ގޮތުގައި. ނަމަވެސް އަޅުގަނޑުމެން ތަރަައްގީގެ މަޝްރޫއުތައް ކުރިއަށް މިގެންދަނީ އިންތިހާބާ އެއްވެސް ކަމެއް ގުޅުވައިގެނެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ސިޔާސީ ހިޔާލު ތަފާތު ވުމަކީ ރާއްޖޭގެ ތަރައްގިއަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. އެހެންވެ އެއްވެސް ރަށެއް ބާކީ ނުކޮށް ރަށްތައް ތަަރައްގީކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވި އެެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި، ބޭނުންވާ ހުނަރުވެރި އިލްމުވެރި ޖީލެއް ބިނާ ކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ފެންނާނެ ކަމަށާއި، އެ ކުދިންނަކީ ދެން މިގައުމު ހިންގަން ހަވާލު ވާނެ ކުދިން ކަމަށެވެ. އަދި އަސާސީ އެތައް ހިދުމަތްތަކެއް ދޭން ފެށިފައިވާ ކަމަށާއި އާރްޓީއެލްގެ ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅެމުންދާތީ އޭގެ ފައިދާވެސް ރައްޔިތުންނަށް ކުރަން ފަށާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

ނޮޅިވަރަންފަރު ތަރައްގީ ކުރުމަށްޓަކައި ރައީސް ވިދާޅުވީ އެރަށުގެ ސްކޫލްގައި މަލްޓި ޕާޕޯސް ހޯލެއް އަޅައިދީ ރަށުގެ ބޮޑެތި މަގުތައް ތަރައްގީ ކުރުމުގެ ގޮތުން ތާރު އަޅައި ޒަމަނީ ފެންވަރަށް ހަދައިދޭނެ ކަމަށެވެ. ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރު ކޮށްދީ، ޒުވާނުންނަށްޓަކައި ތަފާތު ކުޅިވަރުތައް ކުޅެވޭ ގޮތަށް ޒުވާނުންގެ ހާއްސަ މަރުކަޒެއް ގާއިމު ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ނޮޅިވަރަންފަރުގައި ބޮޑު ފުޓުބޯޅަ ދަނޑެއް އަޅައިދީ، ރަށުގެ ނެރުގެ މައްސަލަ ހައްލުކޮށްދީ، ގިރާ ސަރަހައްދު ހިމާޔަތް ކޮށްދީ، އެހެން ރަށްރަށުން ނޮޅިވަރަންފަރަށް ހިޖުރަކޮށްފައިވާ މީހުން ދިރިއުޅޭ ގެތަކުގެ ކުލި ކުޑަ ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.