ލޯނު ނުދެއްކި ރާއްޖެ ބަނގުރޫޓް ވާނެ ކަމަށް ވާދަވެރިން ވިދާޅުވި ނަމަވެސް އެހެން ނުވާނެ ކަމަށާއި ލޯން ދައްކާނެ ގޮތުގެ ޕްލޭނެއް އެބައޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށި ސިޓީގައި ގިނަ އަދަދެއްގެ ބަޔަކާ އެކު މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި އެ ވާހަކަދައްކަވަމުން ގެންދަވާ ވާދަވެރިންނަށްވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. ލޯނާ ގުޅޭ ކަންކަން ރަނގަޅަށް އެނގިތިބެ ވާދަވެރިން ލޯނާ ގުޅޭ ވާހަކަ ދައްކަވަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ 2026 ވަނަ އަހަރަށް ލޯނުގެ ގޮތުގައި ދައްކަން އޮތީ 800 މިލިއަން ޑޮލަރު ކަމަށެވެ. ލޯނު ދެއްކުމުގައި ހޯދާނެ އެއް ލުޔަކީ ލޯން ރީސްޓްރަކްޗާ ކުރުން ކަމަށާއި ލޯން ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.
"ރާއްޖެ ބަނގުރޫޓެއް ނުވާނެ. އެކަން ވާދަވެރިންނަށްވެސް އެނގޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ކޮވިޑުގެ ތެރޭގައި ނެގި 500 މިލިއަން ޑޮލަރުގެ ސްކޫކް ފައިސާގެ ތެރެއިން 250 މިލިއަން ޑޮލަރު ދެއްކީ ކުރީގެ ސަރުކާރުން ނަގާފައި ހުރި ސަނީ ސައިޑް ބޮންޑަށް ކަމަށެވެ.
ލޯނު ދައްކަން ސަރުކާރަށް ދަތިކަމެއް ނެތް ކަމަށް ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ ބޭރުގެ މާލި އިދާރާތަކުންނާއި ގައުމުތަކުން ރާއްޖެއަށް ލޯން ދެނީ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން އޮންނާތީ ކަމަށެވެ. ރައީސް ވިދާޅުވީ 2026 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ވެސް 45 ބިލިއަން ރުފިޔާ އިން މައްޗަށް ޖެހޭނެ ކަމަށެވެ. އެހެންވެ ރިޔާސީ ދެވަނަ ދައުރުގައި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ވައުދު ވަނީވެސް ހިސާބު ޖަހާ ޕްލޭން ކޮށްގެން ކަމަށް ވިދާޅުވި އެވެ.
"ޕްލޭން ކޮށްގެން ކަންކަން ކުރީމަ ފެންނަ ބަދަލުތައް މިހާރުވެސް މިފެންނަނީ،" ރިޔާސީ ފުރަތަމަ ދައުރުގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅުވައިގެން ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ބޭނުންވީ މާލޭގައި އޮތް މައި ސަރުކާރުގެ ދަށުގައި ހުރިހާ ބާރުތަކެއް ހިފަހައްޓައިގެން ރައްޔިތުން އެބޭފުޅުންގެ މުށު ތެރޭގައި ބަނދެލުމަށް ކަމަށެވެ. ކުރީގެ ސަރުކާރުތަކުން ރަށްތައް ތަރައްގީކުރަން ބޭނުން ނުވި ކަމަށާއި ކުރިހާވެސް ކަމަކީ ރާވައިގެން ރައްޔިތުން މުށުތެރޭގައި ބޭެތިއްބުން ކަމަށެވެ. ނަމަވެސް އެ ދަތި އުނދަގުލުގައިވެސް ކުޅުދުއްފުށީގެ ރައްޔިތުން ތަރައްގީ ލިބިގަތުމަށް ލިބުނު ކޮންމެ ހަނި ފުރުސަތެއްގެ ބޭނުން ހިިފިކަން ރައީސް ފާހަގަކުރެއްވި އެވެ.
ކުޅުދުއްފުށްޓަށް ރައީސްގެ ވައުދުތައް
- ބިން ހިއްކޭނެ އެންމެ ބޮޑަކަށް ހިއްކުން
- ބައިނަލްއަގުވާމީ ފެންވަރުގެ ރިކްރިއޭޝަނަލް ސެންޓަރެއް ގާއިމުކުރުން
- ލޯކަލް-ކޮމާޝަލް ހާބަރެއް ތަރައްގީކުރުން
- ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން
- ޔޮޓް މެރީނާ އަދި ކްރޫޒް ލައިންތަކަށް ހިދުމަތް ދެވޭ ގޮތަށް ކުޅުދުއްފުށި ތަރައްގީކުރުން
- ކުޅުދުއްފުށި ކައިރީގައި އޮތް ކުނބުރުދޫ އަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުން
- އެއާޕޯޓުގެ އުތުރަށް އޮތް ބިމަށް އެކްސެސް ރޯޑެއް ގާއިމުކުރުން
- ކޮންވެންޝަނަލް ސެންޓަރެއް ގާއިމުކުރުން
- ކުޅުދުއްފުށި ކައިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުން
- ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް ހާއްސަ މާލީ އެހީގެ ޕެކޭޖެއް ރައްޔިތުންނަށް ފަހިކޮށްދިނުން
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ދެވުނު ލުއިތަކާއި ބާރުތަކާ އެކު ކައުންސިލްތައް ބާރުވެރިކުރުވާފައިވާ ކަމަށާއި، އަދިވެސް ކައުންސިލްތަކަށް އިތުރު ބާރުތައް ދޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވާދަވެރިންނަށް ވެރިކަން ލިބިއްޖެނަމަ ކައުންސިލްތަކަށް ދީފައިވާ ބާރުތައް އތުލައި ރަށްރަށުގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކުޅުދުއްފުށްޓަށް ތަރައްގީ ގެނެސްދޭނެ ކަމަށާއި އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ކުޅުދުށްފުށްޓަކީ އެންމެ މުހިއްމު އެއް ރަށަށް ވާނެ ކަމަށެވެ.