ޑރ. މުހައްމަދު މުއިއްޒު

ވިލުފުށީގައި އެއާޕޯޓް އަޅާނީ އަޅުގަނޑުމެން: މުއިއްޒު

ތ. ވިލުފުށި އެއާޕޯޓް އަޅައި ނިންމައިދޭނީ އޭނާގެ ވެރިކަމެއްގައި ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތ. ވިލުފުށީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ އެރަށުގައި އެއާޕޯޓެއް އަޅައިދިނުމަށް މި ސަރުކާރުން ވައުދުވި ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށެވެ. އިގްތިސޯދީ ގޮތުންނާއި ދަތުރުފަތުރުގެ ގޮތުން ވިލުފުށްޓަށް އެންމެ ބޭނުންވެފައި އޮތް އެއްޗަކީ އެއާޕޯޓް ކަމަށް ގަބޫލުކުރައްވާ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެ އެއާޕޯޓް އަޅައި ހަގީގަތަކަށް ހަދައިދޭ ތަން ފެންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާއާ އެކު އޮތީ ނަތީޖާ ނެރޭނެ ޓީމެއް ކަމަށްވާތީ ވިލުފުށީގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތައް އޭނާގެ މަޝްރޫއެއްގައި ކުރިއަށް ގެންގޮސް ނިންމައިދޭނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްޓަކައި އަދި ވެރިކަމުގައި ހުންނަވައިގެން އެއާޕޯޓް އެޅުމަށް އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވި ރަށްތަކަކީ ހދ. މަކުނުދޫ، ށ. ބިލަތްފަހި، ރ. ބެރިޔަންފަރު، ބ. ތުޅާދޫ، ފ. މަގޫދޫ އަދި ތ. ވިލުފުށްޓެވެ.

މިރަށްތަކުގެ ތެރެއިން އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ހިނގަމުންދާ ރަށްތަކަކީ ބ. ތުޅާދޫ އަދި ހދ. މަކުނުދޫ އަދި ފ. މަގޫދޫ އެވެ. މަގޫދޫ އެއާޕޯޓު އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ހަމައަށް ގޮސްފަ އެވެ.

ރައީސް ވެރިކަމަށް ވަޑައިގަތުމަށްފަހު އެއާޕޯޓް އެޅުމަށް އެންމެ ކުރިން އިއުލާން ކުރި ރަށްތަކެއް ހުއްޓާ މާފަހުން އެއާޕޯޓެއް އެޅުމަށް އިއުލާން ކުރި ރަށެއް ކަމަށްވާ ރ. އަލިފުށި އެއާޕޯޓްގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދެ އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި އެއާޕޯޓަކާ ގުޅޭ ހުރިހާ މަސައްކަތެއް ކޮށް ނިންމި ހަމައެކަނި އެއާޕޯޓް ކަމަށްވާ ހއ. ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ނިންމާ މިހާރު ދަނީ ހިދުމަތް ދެމުންނެވެ. އަދި ރައީސް ސޯލިހްގެ ވެރިކަމުގައި ގދ. ފަރެސްމާތޮޑާގެ އެއާޕޯޓްގެ ގިނަ މަސައްކަތްތަކެެއް ކޮށް މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހު ވަނީ ހުޅުވާފަ އެވެ. މީގެ އިތުރުން މ. މުލީ އެއާޕޯޓްގެ މަސައްކަތް ވެސް މިސަރުކާރުން މިހާރު ދަނީ ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.