އިލްޔާސް ލަބީބް

18 އަހަރުވުމުން ބޯހިޔާވަހިކަން ދޭނަން: އިލްޔާސް

ބޯހިޔާވަހިކަން ދިނުމުގައި ބަލާނެ ހަމައެކަނި ޝަރުތަކީ އެ މީހަކީ 18 އަހަރު ފުރިފައިވާ މީހަކަށްވުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ "އުތުރާއި ދެކުނުގެ ތަސައްވުރު" ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި އިލްޔާސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ލިބެން ޖެހޭ ހަމައެކަނި ޝަރުތެއް ގޮތުގައި ބަލާނީ އެ މީހަކީ އުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން ކަމަށެވެ.

ބޯހިޔާވަހިކަން ލިބެން ޖެހޭނީ ހަމައެކަނި އެމީހަކު ހާލުގައި ޖެހުމުން ނޫން ކަމަށާއި ޑިމޮކްރެޓްސް ގެ ސިޔާސަތަކީ އެއީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ޝަރުތު ހަމަވާ ހަމައެކަނި، އެންމެ ކަމެއް ބަލަނީ. 18 އަހަރު ވީމަ އެ ޝަރުތު ހަމަވީ." އިލްޔާސް ވިދާޅުވި އެވެ.

ޑިމޮކުރެޓްސްގެ މެނިފެސްޓޯގައި ބޯހިޔާވަހިކަމަށް ވަރަށް އިސްކަމެއް ދޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އެގޮތުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި ކައުންސިލް މެދުވެރިކޮށް ކައުންސިލް ހައުސިން ގާއިމުކޮށް ފުދުންތެރިކަމާއި ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އިތުރުކަމެއް ކުރެވެން ނެތް އާއިލާތަކަށް ވަގުތީ އަބުރުވެރި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކިވަކި ބޯހިޔާވަހިކަމުގެ މަޝްރޫތައް ހިންގުން ހުއްޓުވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކަށް ކައުންސިލްތައް މެދުވެރިވެގެން ލާމަރުކަޒީ އުސޫލުން ހިންގޭނެ ޕްރޮޖެކްޓުތަކަށް ބަދަލުކުރުމަކީވެސް ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމެވެ.