މި އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާ ޔުކްރޭނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ކުރީގެ ކެޕްޓަން އަންދްރޭ ޝެވްޗެންކޯ ހަމަޖައްސައިފި އެވެ.
2012 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު ކުޅުން ހުއްޓާލި ޝެވްޗެންކޯ އަކީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 111 މެޗު ކުޅެދީ 48 ގޯލު ޖަހާދީފަ އެވެ.
1995 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި 17 އަހަރު ގައުމީ ޓީމަށް ކުޅުނު ޝެވްޗެންކޯ އަކީ 2004 ވަނަ އަހަރުގެ ޔޫރަޕުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނާ ކުޅުން ހުއްޓާލުމުން ޔުކްރޭނުން ވަނީ ގައުމީ ޓީމުގެ ކޯޗުކަން ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ކޯޗިންގެ އެއްވެސް ތަޖުރިބާއެއްނެތުމުން އޭނާ އެފަހަރު އެ މަގާމު ގަބޫލު ނުކުރީ އެވެ.
އެސިސްޓެންޓް ކޯޗުގެ ގޮތުގައި ޝެވްޗެންކޯ ދައްކާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ގައުމީ ކޯޗު ޕޮމެންކޯ ބުނީ ޔުކްރޭނުގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ސަބަބުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކުރިއެރުން އަންނާނެ ކަމަށެވެ.
ޝެވްޗެންކޯ ބުނީ ހަތަރު އަހަރަށް ފަހު އަލުން ފުޓްބޯޅައިގެ ތެރެއަށް އާދެވުމުން އޭނާ އުފާކުރާ ކަމަށެވެ.
"ހަތަރު އަހަރު ހުސްކޮށް ހުރެފައި އަހަރެން ކޯޗެއްގެ ގޮތުގައި ފުޓްބޯޅައިގެ ތެރެއަށް މިއައީ. އަހަރެން ވަނީ ވަރަށް ގިނަ މޮޅު ކޯޗުންނާއެކު މަސައްކަތްކޮށްފައި. ވަލޭރީ ލޮބޮނަވްސްކީ އާއި ކާލޯ އެންޗެލޯޓީ އާއި ހޯސޭ މޮރީނިއޯއާއެކު އަހަރެން މަސައްކަތް ކުރުމުން ވަރަށް ގިނަ ތަޖުރިބާތައް ލިބުނު. އަދި ކޯޗިން ކޯސްތަކުން އަހަރެންގެ ވިސްނުން ތަރައްގީކުރަން ފުރުސަތު ލިބުނު،" ޝެވްޗެންކޯ ބުންޏެވެ.
އިޓަލީގެ އޭސީ މިލާނުގައި އެފަދަ ދެވަނައެއްނެތް ފޯވަޑެއްގެ ގޮތުގައި ފެނިގެންދިޔަ ޝެވްޗެންކޯ ވަނީ ޗެލްސީ އަށް ވެސް ކުޅެފަ އެވެ. އެކުލަބުގައި އޭނާގެ ވިދުން ފަނޑުވި ނަމަވެސް ޑީނަމޯ ކިއޭވްގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ.