ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ވައުދު: ލ. ގަމުގައި ނެޝަނަލް މެންޓަލް ހޮސްޕިޓަލެއް

Sep 4, 2023

ލ. ގަމުގައި ނެޝަނަލް މެންޓަލް ހޮސްޕިޓަލެއް އިމާރާތްކުރާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މެންޓަލް ހެލްތު ހޮސްޕިޓަލެއް އިމާރާތްކުރަން ހިތްފަސޭހަ މާހައުލެއް ބޭނުންވާ ކަމަށާއި ލ.ގަމަކީ އެފަދަ ތަނެއް ކަމަށެވެ.

ރާއްޖޭގައި ނަފުސާނީ މައްސަލަތައް ގިނަކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ގާއިމުކުރެވޭ ނެޝަނަލް މެންޓަލް ހޮސްޕިޓަލާއެކު ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދިއުން ނިމުމަކަށް އަންނާނެ ކަމަށެވެ.

މީގެ އިތުރުން ލ. ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކޮށް ތެރަޕީގެ ހިދުމަތް އެ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"އެ ހޮސްޕިޓަލްގައި ބިހޭވިއަރަލް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ލިބިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ގަމާއި ފޮނަދޫގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ގަމުގެ ހުރިހާ މަގެއްގައި ތާރު އަޅައި ކުޅިވަރު ފެސިލިޓީތައް ގާއިމުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.