ޕީޕީއެމް

ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅަން މުއިއްޒުގެ ޓީމުން ގޮވާލައިފި

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިިއްޒާ ދެކޮޅަށް ބައެއް މީޑިއާތަކުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެފަދަ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މުއިއްޒުގެ ކެމްޕޭން ޓީމުން ގޮވާލައިފި އެވެ.

މުއިއްޒުގެ ކެމްޕޭން ޓީމުން ބައެއް މީޑިއާތަކާ ދެކޮޅަށް ތެދުވެފައި މިވަނީ މުއިއްޒުގެ އަމިއްލަފުޅު އެކައުންޓަށް "ނުގޮތަކަށް" ފައިސާތަކެއް ވަދެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރުތަކެއް ރިޕޯޓްކުރަމުންދާތީ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޑރ. މުއިއްޒުގެ ރިޔާސީ ތަރުޖަމާން އަދި ކެމްޕޭން އެޖެންޓް މުހައްމަދު ތޮލާލް ވިދާޅުވީ ސަރުކާރު ރުއްސަން މުއިއްޒާ ދެކޮޅަށް ބައެއް މީޑީއާތަކުން ދޮގު މައުލޫމާތު ފަތުރައި އެންޓި-ކެމްޕެއިން ކުރަމުންދާ ކަމަށެވެ. ވަކި ކެންޑިޑޭޓަކަށް އަމާޒު ކޮށްގެން މިފަދަ އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ބައެއް ނޫސްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލެއްވި އެވެ.

"އަޅުގަނޑުމެންގެ އޮތް ކަންބޮޑުވުުމަކީ ބައެއް މީޑީއާތަކުން ހާއްސަކޮށް "އަދަދު" ނޫހުން އަޅުގަނޑުމެންގެ ކެންޑިޑޭޑަށް އެންޓި ކެމްޕޭން ކުރާ މައްސަލަ" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދަދު ނޫހުގައި މުއިއްޒުއާ ދެކޮޅަށް ތަފާތު އެކި ވާހަކަތައް ދައްކަމުން ގެންދާތާ ތިން ދުވަސް ވެގެން ދިޔައިރު ކަމާ ގުޅޭ އިދާރާތަކަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާ ކަމަށެވެ. އެހެންވެ އެފަދަ އަމަލުތައް ހުއްޓުވުމަށް ތޮލާލް ވަނީ މީޑިއާ ކައުންސިލް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮވާލާފަ އެވެ.

ތޮލާލް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރުކުރުމަށްޓަކައި ޕީޕީއެމް ޕީއެންސީ އިން ހުށަހެޅި ހުށަހެޅުންތަކަށް އިލެކްޝަންސް ކޮމިޝަނުން އިޖާބަދީފައިވާތީ އެކަމަށް ހިތްހަމަޖެހޭ ކަމަށެވެ.

"ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިހާރު އެއްވެސް ބިރެއްނެތި ވޯޓުލުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ތޮލާލް އިތުރަށް ވިދާޅުވީ މިހާރު އޮތް ހަމައެކަނި ކަންބޮޑުވުމަކީ ސަރުކާރުން ވޯޓު ކަރުުދާސްކޮޅު ބަދަލުކޮށްފާނެ ކަމުގެ ކަންބޮޑުވުން ކަމަށެވެ. އެކަމާ ގުޅޭގޮތުން އިންޓަނޭޝަނަލް އޮބްޒާވަރުންނާވެސް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.