ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް އެއްވެސް ބަޔަކާ އެކު އެއްބަސްވުމެއް ހަދާފައިވާނަމަ އެ އެއްބަސްވުމެއް ބާތިލްކުރައްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. މަހިބަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންފިނަމަ މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ބޭފުޅުން ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ގާނޫނީ އިމުގެ ތެރޭގައި ކުރިއަށްދާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށާއި އެކަމަކު މަޝްރޫއުތަކަށް އިތުރު ފުރިހަމަ ގެނެސް އަވަހަށް ނިންމަން ބާރުއަޅުއްވާނެ ކަމުގައި މުއިއްޒު ވިދާޅުވި އެވެ. ތަރައްގީއަށް ވުރެ ވެސް އިސްކަންދެވޭނީ މިނިވަންކަން ޔަގީންކޮށް "ދިވެހިންގެ ރާއްޖެ" އަނބުރާ ހޯދައިދިނުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
"މިނިވަންކަން އެއީ ނަންބަރު ވަން. މިނިވަން ކަމަކާ ނޯންނާނެ ސުވާލު ކުރޭވޭކަށް،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ސިއްރު އެއްބަސްވުމެއްގެ ތެރެއިން މަޝްރޫއެއް ހަވާލުކޮށްފައި އޮތްނަމަ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ގައުމީ މަސްލަހަތުގައި އެ މައްސަލަތައް ބަލައި ގައުމަށް ރަނގަޅު ގޮތަށް އެކަންކަން ނިންމަވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައިވެސް އިސްކުރާނީ ރައީސް ޔާމީން ގެންގުޅުއްވި ފުރަތަމަ ގައުމު ސިޔާސަތު ކަމަށެވެ. އެ ސިޔާސަތުގެ ދަށުން ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ދިން ގޮތަށް މިނިވަން ކަމަށް ހުރަސް އެޅޭ ޒާތަށް ހުރި އެއްބަސްވުންތައް ބާތިލްކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ދިވެހި ސިފައިންނަށް ދޫކޮށްފައިވާ އުތުރު ތިލަފަޅު ތަރައްގީކުރުމަށާއި، ތިލަމާލެ ބްރިޖު އެޅުމަށް ންޑިއާގެ ކުންފުނިތަކަށް ދީފައިވާ އެއްބަސްވުންތަކުގެ "އަޑި" ނޭނގޭ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އަދި އެ މަޝްރޫއުތައް މާލަހުން ކުރިއަށްދާތީ މުއިއްޒު ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.
"ގައިމު ނުބައިތަކެއް ހުރީމާ ނޫންތޯ ފަސް އަހަރު ވެގެންދިޔައިރު [ތިލަމާލެ ބްރިޖުގެ] އެންމެ ތަނބެއް ވެސް ނުފެނިގެން މި އުޅެނީ،" މުއިއްޒު ވިދާޅުވި އެވެ.