ވެރިކަން ލިބިވަޑައިގެންފިނަމަ އއ. މަތިވެރި ފަޅު ހިއްކައިގެން އެތަނުގައި އެއާޕޯޓެއް އެޅުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ރާއްޖޭގައި އެއާޕޯޓެއް ނެތް މަދު އަތޮޅު ތަކުގެ ތެރޭގައި އއ. އަތޮޅު ހިމެނެ އެވެ.
މަތިވެރިއަށް މިއަދު ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގައި މުއިއްޒު ވިދާޅުވީ އެރަށު ފަޅުގައި އެއާޕޯޓް އެޅުމަށް ބިން ހިއްކާނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބިންވެސް ލިބޭ ގޮތަށް ކަމަށެވެ.
މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅާއިރު އެ ސަރަހައްދުގައި އިގްތިސާދު ފުޅާކުރުމަށް ޓޫރިޒަމްގެ ޕްރޮޖެކްޓްތަކެއް ހިންގާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން މަތިވެރި ބިން ހިއްކުމަށްފަހު އެރަށުގައި ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.
މަތިވެރި އަކީ އެމްޑީޕީގެ ތާއީދު ބޮޑު ރަށެކެވެ. އަދި މިއަދު މުއިއްޒު މަތިވެރި ވަޑައިގެންނެވި ވަގުތު އެރަށު މީހަކު ވަނީ މުއިއްޒަށް ހަމަލާ ދޭން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން އެ ތުހުމަތު ދޮގުކުރެ އެވެ.
މުއިއްޒު ވަނީ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި އެއްބުރުން އޭނާ ހޮވައިދިނުމަށް އެދިވަޑައިގެންފަ އެވެ.