ދުނިޔެ

ބޮޑެތި ބާރުތަކުން ތެލުގެ އަގު ހިފަހައްޓަން ނިކުމެއްޖެ

ދުނިޔޭގައި އެއްމެ ގިނައިން ތެޔޮ އުފައްދާ ބޮޑެތި ބާރުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނިންމައިފި އެވެ. ނަމަވެސް ބޮޑެތި ގައުމުތަކުގެ ފާޑުކިއުންތައް އަމާޒުވާ އިރާނުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

އިރާނުން ތެޔޮ އުފައްދާ މިންވަރު ދަށް ނުކުރާނެ ކަމަށް ބުނި ނަމަވެސް އޯޕެކްގައި ހިމެނޭ ސައުދީ އާއި ގަތަރު، ވެނެޒުއޭލާ އަދި ރަޝިޔާއިން ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރަން އެއްބަސްވެފަ އެވެ. އިއްޔެ ގަތަރުގައި ބޭއްވި ސިއްރު ބައްދަލުވުމެއްގައި މި ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު ދަށްކުރަން އެއްބަސްވީ ތެލުގެ އަގު ވަރަށް ބޮޑުތަން ދަށް ވެފައިވާތީ ތެލުގެ އަގު ހިފެހެއްޓުމަށް ކަމަށް ބުނަމުންނެވެ.

ސައުދީން މީގެކުރިންވަނީ ތެޔޮއުފައްދާ މިންވަރު ދަށް ނުކުރާނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ތެލުގެ އަގު ދަށަށް ދިޔަ މިންވަރުގެ ސަބަބުން ސައުދީ ފަދަ ގައުމުތަކުގެ އާމްދަނީ ދަށްވެ، އެކަމުގެ ބުރަ ވަނީ ބަޖެޓަށް އުފުލަން ޖެހިފަ އެވެ.

ތެލުގެ އަގު ދަށް ނުކުރާނެ ކަމަށް ބުނަމުން އީރާނުގެ ތެލާ ބެހޭ ވަޒީރު ބިޖަން ޒަންގަނޭހު ވިދާޅުވީ ތެކުގެ ބާޒާރުގައި އޮންނަ އީރާނުގެ ހިއްސާ ދަށް ކުރަން ބޭނުން ނުވާ ކަމަށެވެ. ތެޔޮ އުފައްދާ މިންވަރާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވެނެޒުއެލާގެ ތެލާ ބެހޭ ވަޒީރުގެ އިތުރުން އިރާގުގެ ތެލާ ވަޒީރު އަދެލް އަބްދުލް މަހްދީ މިއަދު ތެހެރާނަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ތެޔޮ ފީފާއެއްގެ އަގު މިހާރު އުޅެނީ 33 ޑޮލަރަށެވެ. މިއީ މިދިޔަ ގަރުނެއްގައި ވެސް ތެލުގެ އަގު ދަށަށް ނުދާ މިންވަރެކެވެ.