ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ މަދުވެގެން 130،000 ވޯޓުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރ. އަނގޮޅިތީމުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ މަދުވެގެން 130،000 ވޯޓާއި އެކު ކަމަށާއި، އެމްޑީއޭ އަދި އަދާލަތު ހިމެނޭ ގޮތަށް މިހާރު ހެދިފައިވާ ކޯލިޝަނަކީ ވެސް މިހާތަނަށް ހެދުނު އެންމެ ބޮޑު ކޯލިޝަން ކަމަށެވެ.
"މި ކޯލިޝަނަކީ އެންމެ ގިނަ މެންބަރުންވެސް އެކުލެވޭ ކޯލިޝަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަބަބަށްޓަކައި މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަށް އިތުރު ޔަގީން ކަމެއް ލިބިގެންދާ ކަމަށާއި، ތަފާތު ވިސްނުން ހުރި ބައިވަރު ބައެއް އެކުގައި މަސައްކަތް ކުރުމުގެ ސަބަބުން ތަރައްގީ ގެންނަން ފަސޭހަވެސް ވާނެ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން އިންތިހާބަށް ކުރިމަތިލާފައި ތިބިއިރުގައި ފުރިހަމަ ޔަގީންކަން އެބައޮތް މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ. 90 ޕަސެންޓް މީހުން ވޯޓުލާން ބެލި ކަމަަށް ވިޔަސް، އަޅުގަނޑުމެން މިއަދު ވެސް މި ތިބީ 130،000 ވޯޓު ކަށަވަރުކޮށްގެން" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގަތުމަށް ކުރަން ޖެހުނު ކަމަކީ ރައްޔިތުންނަށް އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުން ކަމަށެވެ. މިއަދު އެ މަސައްކަތް ގިނަ ރަށްތަކަށް ފުރިހަމަ ވެފައިވުމުގެ ސަބަބުން ދެން އަންނަ ދައުރުގައި ރަށްތަކަށް ތަރައްގީ އާއި އެކު ބޮޑެތި ބަދަލުތަކެއް ގެންނަން ފަސޭހަ ވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް އަނގޮޅިތީމަށް ވެވަޑައިގެންނެވި ވައުދުތައް
- ނެރު އިރުމައްޗަށް ބަދަލުކުރުން
- ބަނދަރު ޓީޖެޓީ އަކަށް ތަަރައްގީކުރުން
- މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުން
- ގިރާ ސަރަހައްދު ތަރައްގީކުރުން
- ރަށުގެ އެންމެ ބޮޑު ތިން މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުން
- ރަށް ވަށައި، ހިނގޭނެ، އަދި ދުއްވޭނެ މަގެއް ހެދުން
- ކައުންސިލްގެ ޑަބްލިއުޑީސީ އަށް ބޭނުންވާ އޮފީސް އިމާރާތް ގާއިމުކޮށްދިނުން
- ހޭންޑްބޯލް ކޯޓެއް ގާއިމުކުރުން
- ފުލުހުންގެ ހިދުމަތް ފޯރު ކޮށްދިނުމަށްޓަކައި ފުލުހުންގެ ޕޯސްޓެއް ގާއިމުކުރުން
އެމަނިކުފާނު ވިދާޅުވީ އިގްތިސާދު ދެގުނަ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އަނގޮޅިތީމުގައި ލޯކަލް ޓޫރިޒަމް ކުރި އެރުވުމަށް އެރަށުގައި ހުރި އަސާރީ ތަންތަނުގެ ފުރިހަމަ ބޭނުންވެސް ހިފާނެ ކަމަށެވެ. އެންމެ ބޮޑު އަމާޒަކީ އެއްވެސް ރައްޔިތެއް ނުވަތަ ރަށެއް ތަފާތު ނުކޮށް ތަރައްގީކުރުން ކަމަށާއި، ދައްޗެއް ނެތި ރައްޔިތުންނަށް ހިދުމަތް ދޭނެ ސަރުކާރެއް ބިނާ ކުރުން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރިންގެ މެނިފެސްޓޯ އާއި އެމަނިކުފާނުގެ މެނިފެސްޓޯ އާއި ގާތްވެސް ނުކުރާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯ އަމާޒު ކުރަނީ ރައްޔިތުންނަށްޓަކައި ރަށްތައް ތަރައްގީކުރުމަށްޓަކައި ކަމުގައިވެސް ވިދާޅުވި އެވެ.