ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިއަހަރު އަލިފުށި އެއާޕޯޓަށް ދަތުރުތައް ފަށާނެ: ރައީސް

މި އަހަރު ނިމުމުގެ ކުރިން އަލިފުށި އެއާޕޯޓުގެ މަސައްކަތް ނިންމާ ދަތުރުތައް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރ. އަލިފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މިއަދު އެމަނިކުފާނު އަލިފުށްޓަށް ވަޑައިގަތުމުން ހަނދާންވާނީ އެ ރަށުގައި އެއާޕޯޓެއް އެޅުމުގެ ހުވަފެން ދެކި އެރަށުގެ ވަޑިއަކު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެމަނިކިފާނު އަލިފުށްޓަށް ވަޑައިގަތުމުން ކިޔާފައިވާ ލަވައެއް މަތިން ކަމަށެވެ.

ރައީސް ވިދާޅުވީ އެ ލަވައިގައި ކިޔާފައިވާ އެއާޕޯޓުގެ ވާހަކަ، މިއަދު މިދަނީ ހަގީގަތަކަށްވަމުން ކަމަށެވެ. އަލިފުށި ބިން ހިއްކޭ ވަރަކުން އެއާޕޯޓުގެ މަސައްކަތްތައްވެސް ހިނގަމުންދާތީ މި އަހަރު ނިމުމުގެ ކުރިން އަލިފުށި އެއާޕޯޓަށް ވައިގެ ދަތުުރުފަށާނެ ކަމަށެވެ.

އަލިފުށީގެ ތަރައްގީއަށްޓަކައި ރައީސްގެ ވައުދުފުޅުތައް

  • އަލިފުށީގެ ބިން ހިއްކުން
  • ރޯހައުސް ނުވަތަ ފްލެޓް އަޅައިދިނުން
  • އާޓިފިޝަލް ބީޗެއް ތަރައްގީކުރުން
  • ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރުން
  • ގިރާ ސަރަހައްދު ހިމާޔަތް ކުރުން
  • ތާރުއަޅައިގެން ހުރިހާ މަގެއް ހެދުން
  • ފުޓްސަލް ދަނޑެއް ހެދުން
  • ޓިވެތް ސެންޓަރު ސްކޫލް ދަރިވަރުންނަށްވެސް ބޭނުންކުރެވޭނެ ގޮތް ހެދުން
  • ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ޔުނިޓެއް ހެދުން
  • އެއްތިނގިލި ރިސޯޓަކަށް ހެދުން
  • އައު އިންޖީނުގެއެއް އެޅުން
  • ސްކޫލްގެ މަލްޓި ޕާޕޯސް ހޯލް އޭސީކުރުން
  • ހުކުރު މިސްކިތް އޭސީކުރުން
  • ސްކޫލް ސައިންސް ލެބް ތަރައްގީކުރުން
  • އިންޑޯ އަދި އައުޓްޑޯ ސްޕޯޓްސް އެރީނާއެއް ހެދުން
  • ޒަމާނީ ލައިސަންސް ޓްރެކެއް ގާއިމުކުރުން

ރައީސް ވިދާޅުވީ މިއީ އަދި އަލިފުއްޓަށް ގެނެސްދޭން ހަމަޖެހިފައިވާ ތަރައްގީގެ ތެރެއިން ބައެއް ކަންކަން ކަމަށާއި، އަދިވެސް ކޮށްދިނުމަށް ވަރަށް ގިނަ ކަންތައްތައް ޕްލޭން ކުރެވިފައިވާ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައިވާއިރު ރާއްޖެއަށް ތަރައްގީ ގެނައުމަށްޓަކައި ވަކި ރަށެއް ތަފާތު ކޮށްގެން ނުވާނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދުގެ އާ ހަރުފަތަކަށް ގެންދެވޭނީ ލިބިފައި ހުރި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.