ނިމިގެންދިޔަ ވެރިކަމުގެ ދުވަސްވަރު ގައުމުން ކޮންޓްރޯލް ކުރީ ގޭންގްތަކުން ކަމަށާއި އެކަމަކު މިއަދު އެކަން ބަދަލުވެ އަމާން ރާއްޖެއަށް ދިވެހިން ދަތުރުކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރ. ވާދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ މިދިޔަ ވެރިކަމުގައި ފެނިގެން ދިޔައީ އަމަން އަމާންކަން ގޭންގުތަކުގެ އަތްމަތީގައި އޮތް މަންޒަރު ކަމަށާއި، ނަމަވެސް މިއަދު އަމަން އަމާންކަމާއި ސުލްހަ ގާއިމުކުރެވިއްޖެ ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމުގައި މިއަދު އޮތް އަމާންކަން ގާއިމުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށެވެ. އަދި އެކަން ކާމިޔާބުވީ ފުލުހުންނާއި ސިފައިންގެ ހާއްސަ ޓީމެއް މަގުމައްޗަށް ނެރެގެން ކަމަށެވެ.
"އޭރު މާލޭގެ މަގުތަކުގެ ކޮންޓރޯލް އޮތީ މުޅިން އެހެން ބައެއްގެ އަތްމަތީގައި. ސުލްހަވެރިކަން އޮތީ ގެއްލިފައި. މިކަން ހައްލު ކުރުމަށްތަކައި އަޅުގަނަޑަށް ޖެހުނު ސިފައިންނާއި ފުލުހުންގެ ޓީމެއް ހަދައިގެން އެ މަސައްކަތް ކުރަން. މަގުމައްޗައް ނެރެން ޖެހުނު،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ނިކުންނެވީ މީގެ ފަސް އަހަރު ކުރިން އެެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ގާތްގަނޑަކަށް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. ރައްޔިތުންނަށް އަސާސީ އެތައް ކަމެއް މިހާރު ފުރިހަމަކޮށް 90 އިންސައްތަ މަޝްރޫއު ވަނީ ނިމިފައި ކަމަށެވެ.
ރައީސް ސޯލިހް ވާދޫއަށް ވެވަޑައިގެންނެވި ވައުދުތައް
- ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކުން
- މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުން
- ވާދޫ ފަޅުގައި ޕިކްނިކް އައިލެންޑެއް ހެދުން
- ރައްޔިތުންނަށް ކޮމިއުނިޓީ ސެންޓަރެއް ހަދައިދިނުން
- 24 ގަޑި އިރުގެ ހިދުމަތް ލިބޭ ތަނަަކަށް ސިއްހީ މަރުކަޒު ހެެދުން
- އޭޓީއެމް މެޝިނެއް ބެހެއްޓުން
- ގިރާ ސަރަހައްދު ހިމާޔަތްކުރުން
- ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި 60 އެނދުގެ ވެލްނެސް ހޮޓަލެއް ގާއިމުކުރުން
ރައީސް އިތުރަށް ވިދާޅުވީ މިއަދު ގައުމު މިހާ ހިސާބަށް ގެނެވިފައި އޮތީ ކޮވިޑްގެ ދަތި އުދަނގުލުގައި ހިތްވަރު އެލުވާ ނުލާ ކުރެވުނު މަސައްކަތުން ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ 141 ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމު ގާއިމުކުރެވިފައިވާ ކަމަށާއި 152 ރަށެއްގައި އިންޖީނުގެ އާކޮށް 125 އަށް ވުރެ ގިނަ ރަށްރަށުގައި ބަނދަރުގެ މައްސަލަ ހައްލު ކޮށްދީފައިވާނެ ކަމަށެވެ.